Last Updated: May 9, 02:20
Wednesday, May 8, 2024
ކުޅިވަރު

މެސީގެ ޖާދޫ ފަނޑުވުމެއް ނެތް، ބާސާ އަށް ތިން ޕޮއިންޓުގެ ލީޑެއް

ލިއޮނަލް މެސީ

ލިއޮނަލް މެސީ ކާމިޔާބުކުރި ދެ ގޯލުން އެސްޕަނިޔޯލްގެ މައްޗަށް 4-0 އިން ކުރި ހޯދާ ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 31 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 28 ޕޮއިންޓާ އެކު ސެވިއްޔާ އޮތްއިރު ތިންވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ވަނީ ލިބިފައެވެ. ސެވިއްޔާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި އެސްޕަނިޔޯލް އޮތީ 21 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގައެވެ.

އެސްޕަނިޔޯލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ 17 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެސްޕަނިޔޯލްގެ ޕެނަލްޓީއޭރިއާ ބޭރުން ލިބުނު ހިލޭޖެހުމަކުން މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ މެސީއެވެ. އަދި މެސީ ދިން ޕާހަކުން މެޗުގެ 26 ވަނަ މިނެޓްގައި ޑެމްބެލޭ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

މި ދެ ގޯލަށްފަހު ވެސް އެސްޕަނިޔޯލްގެ ގޯލަށް ބާސާ އިން ދިޔައީ ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލުއިސް ސުއަރޭޒް ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ. އަދި ބާސާގެ ފަހު ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން މެސީއެވެ. މި ގޯލުވެސް މެސީ ކާމިޔާބުކުރީ އެސްޕަނިޔޯލްގެ ޕެނަލްޓީއޭރިއާ ބޭރުން ލިބުނު ހިލޭޖެހުމަކުންނެވެ.

ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި މެސީ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 11 އަށް އަރާފައެވެ.

ލީގުގެ އެއްވަނައިގައި ބާސާ އިން ތިން ޕޮއިންޓުގެ ލީޑެއް ނެގިއިރު، ލީގުގައި އެޓީމު ދެން ނިކުންނާނީ ލެވާންޓޭއާ ދެކޮޅަށެވެ.