Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ނިޢުމަތަށް ޝުކުރު އަދާކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ: އިސްލާމިކް މިނިސްޓަރ

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު

އަޅުގަނޑުމެން އެންމެންނަކީ ﷲ ނިޢުމަތް ދެއްވުމުން، އެ ނިޢުމަތަށް ޝުކުރުވެރިވާ ބަޔެއް ކަމުގައި ކަމަށާއި ޝުކުރުވެރިނުވާ މީހުންގެ ތެރޭގައި ވެއްޖެނަމަ އެ ނިޢުމަތް، އެކަލާނގެ ގެންދަވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ދިވެހި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޒާހިރު ވިދާޅުވީ ނިއުމަތްތަކަށް ޝުކުރު އަދާކުރުމަކީ ﷲ ނިއުމަތް އިތުރު ކުރައްވާ ކަމެއް ކަމަށެވެ.

އަދި ނިއުމަތްތަކަށް ޝުކުރު އަދާނުކޮށް، ދުނިޔޭގައި ބޮޑާ ކަމާއި ކިބުރުވެރިކަން އިސް ކުރާ ފަރާތްތަކުގެ އަތުން ނިއުމަތްތައް އެކަލާނގެ ގެންދަވައި ނިކަމެތިކަން ޖައްސަވާ ކަމަށާއި އެކަމުން އިބުރަތް ހާސިލު ކުރެއްވުމަށް މިނިސްޓަރު އިރުޝާދު ދެއްވިއެވެ.

އިސްލާމް ދީނަކީ ރާއްޖެއަށް ލައްވާފައިވާ އެންމެ ބޮޑު ނިއުމަތް ކަމަށާއި ދީން ހިމާޔަތް ކުރުމަށް ވެސް ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ގޮވާލެއްވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަދު ޚިތޯބެއްވެސް އިއްވަވާފައެވެ. ރައީސް ވަނީ އިސްލާމީ ސިފަތައް ޅަފަސުއްރެ ދަރިންގެ ކިބައިގައި އަށަގަތުމަށް މައިންބަފައިންނަށް ބާރުއަޅުއްވާފައެވެ.