Last Updated: March 29, 14:00
Friday, March 29, 2024
ރިޕޯޓް

އެމްޑީޕީ ގައުމީ މަޖްލިސް މުލިއާގޭގައި ބޭއްވުމުން ރައީސަށް ފާޑުކިއުން އަމާޒު ވެއްޖެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވުމަށް ދައުލަތުން ދެއްވާފައިވާ މުލިއާގޭގައި އެމްޑީޕީ ގައުމީ މަޖްލިސް ބޭއްވުމާއި ގުޅިގެން، އެމްޑީޕީ އަދި ޕީޕީއެމް ސަޕޯޓަރުންގެ ފާޑު ކިއުން އަމާޒުވެއްޖެއެވެ.

ރޭ މުލިއާގޭގައި އެމްޑީޕީގެ ގައުމީ މަޖްލިސް އާއި ރައީސް ސޯލިހު ބައްދަލު ކުރެއްވި ފޮޓޯ، ހިތަދޫ ދެކުނު ދާއިރާ މެމްބަރު އަލީ ނިޒާރު ޓްވީޓު ކުރުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ވަނީ ގިނަ ފާޑު ކިއުންތައް އަމާޒުވެފައެވެ.

އެގޮތުން އެއް ފަރާތްތަކުން ބުނެފައިވަނީ، ރައީސް ޔާމީން ކުރިއަސް، ރައީސް އިބޫ ކުރިއަސް ގޯސް ވާނީ ގޯހަށް ކަމަށެވެ.

އެމްޑީޕީގެ ހާޑްކޯ ސަޕޯޓަރުންވެސް ވަނީ ރައީސް ސޯލިހާއި އެމްޑީޕީއަށް ފާޑު ކިޔާފައެވެ. އެގޮތުން ސޯޝަލް މީޑިއާގައި ގާސިމް އަބްދުﷲ ނަމުގައި ޓްވިޓާ ބޭނުންކުރާ މީހަކު ބުނީ މިކަން ޕީޕީއެމް ސަރުކާރުން ކުރުމުން އެއްޗެހިކީ މީހުން މިހާރު ލަނދު ގަންނަން ޖެހޭނެކަމަށެވެ.

"މި ޖެހުނީ ކޮންތާކު؟ ޔާމީން މިހެން ޕީޕީއެމް އެމްޕީންއާ ބައްދަލުކުރީމަ އިއްޔެ އަހަރެމެން މިކަން ކުށްވެރި ކުރީ" ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރި މީހަކު ބުންޏެވެ.

އެމްޑީޕީގެ ގައުމީ މަޖްލިސް އާއި ރައީސް ބައްދަލު ކުރަން ބޭނުން ނަމަ ދައުލަތުގެ އިމާރާތެއް ބޭނުން ނުކޮށް ތަނެއް ކުއްޔަށް ނަގައިގެން ބޭނުން ކުރުމަށްވެސް ބައެއް މީހުން ވަނީ ގޮވާލާފައެވެ.

ރައީސް ސޯލިހަށް ފާޑު ކިއުން އަމާޒުވި މައިގަނޑު ސަބަބަކީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި މުލިއާގެ ބޭނުންކޮށްފައިވަނީ ރައީސް ޔާމީންގެ ސިޔާސީ މަސައްކަތައް ކަމަށްވެފައި ތަން ފަހުން ރައީސްގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ސިޔާސީ ކަންކަމަށް ބޭނުންކުރުމުން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީ ތަކުން ބޮޑެތި ފާޑު ކިއުން އަމާޒުކޮށްފައިވާތީއެވެ.

އަދި ކަންކަން ރަނގަޅު ކުރުމަށް ވަކާލާތު ކުރި ބަޔަކު ހަމަ އެގޯސް ތަކުރާރު ކުރުމުންނެވެ.