Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ޑެންގީ އާއި ބޭރަށް ހިންގުން އިތުރުވެއްޖެ، ސަމާލުވޭ!

އައިޖީއެމްއެޗް ހޮސްޕިޓަލް، ފޮޓޯ: އަވަސް

މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޑެންގީ ހުމާއި ބޭރަށް ހިނގުން އިތުރުވެފައިވާތީ ބައްޔަށް އިތުރަށް ސަމާލުވެ، ބަލިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްްގައި ބުނެފައިވަނީ މި ދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑެންގީ އަދި ބޭރަށް ހިންގުން އިތުރުވަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކާކަމަށެވެ.

އެގޮތުން ފާއިތުވި ދެ ހަފްތާ ތެރޭގައި ބޭރަށް ހިނގައި ހޮޑުލުމުގެ 1666 ކޭސްްއެއް އެޖެންސީއަށް ރިޕޯޓުކޮށްފައިވާ ކަަމަށެވެ. މިއީ ފާއިތުވި މި މުއްދަތުގެ ތެރޭގައި 5 ޕަސެންޓު އިތުރު އަދަދެއްކަމަށް އެ އެޖެންސީން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މި ފާއިތުވި ދެ ހަފްތާ ތެރޭގައި ޑެންގީ ހުމުގެ 186 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިއީ 6 ގުނަ އިތުރު އަދަދެއް ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށްޓަކައި ކުރެވިދާނެ ގިނަ ކަންތައްތަކެއް އެޗްޕީއޭގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ ތެރޭގައި ރައްކާތެރި ބޯފެން ބޭނުންކުރުމާއި، ކާބޯތަކެތި ތައްޔާރުކުރުމގެ ކުރިންނާއި ކެއުމުގެ ކުރިން އަދި ފާޚާނާ ކުރުމަށްފަހު އާއި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުމުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން ހިމެނެއެވެ.

އެޗްޕީއޭ އިން ބުނީ ޑެންގީ ހުން ފެތުރުން އަވަސްކަމަށް ފާހަގަ ކުރެވިފައިވާ ކަމަށާއި، ހުމުގެ އަސަރެއްކޮށްފި ނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ އިރުޝާދު ހޯދުމަށެވެ.

ހުން ޖެހިގެން ކެއްސައި ކިބިހި އަޅާ ނަމަ އަގަމަތި ނިވާކުރުމާށާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ހާމަޔަށް އެއްލާނުލުމަށާއި، ހުމާއި ރޯގާގެ އެއްވެސް އަލާމަތެއް ފެނިއްޖެ ނަމަ މާބަނޑު މީހުން އަދި ބޮޑެތި ބަލިތައް ޖެހިފައިވާ މީހުން ލަސްނުކޮށް ޑޮކްޓަރަށް ދެެއްކުމަށް ވެސް ހެލްތު ޕޮރޮޓަކްޝަން އެޖެންސީ އިން ވަނީ ބުނެފަ އެވެ.

ރާއްޖެއަށް މިިދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެއްކަމުން މަދިރީން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެލުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.