Last Updated: April 19, 10:32
Friday, April 19, 2024
ޚަބަރު

މެމްބަރު ޔާމީން އެމްޓީޑީ އަށް ސޮއިކުރައްވައިފި

މެމްބަރު ޔާމީން - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އަށް ސޮއިކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މެމްބަރު ކަމަށް ޔާމީން ހޮވި ވަޑައިގެންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ. ނަމަވެސް 2015 ވަނަ އަހަރުތެރޭ އޭނާ ވަނީ ޕީޕީއެމް އަށް ސޮއިކުރައްވާފައެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހިމެނިވަޑައިގަންނަވާ އެމްޓީޑީ އަށް ސޮއިކުރެއްވުމަށްފަހު ޔާމީން ވިދާޅުވީ އެމްޓީޑީ އަކީ ރަނގަޅު މުސްތަގުބަލެއް އޮތް ޕާޓީއެއް ކަމަށާއި އަދި މެމްބަރުން ވަރަށް ރަނގަޅަށް ބަލައިގަންނަ ޕާޓީއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެއިތުރުން މަޖިލީހުގައި މިހާރު ތިއްބެވި ބައެއް މެމްބަރުންގެ ޝައުގުވެރިކަން ވެސް އެމްޓީޑީ އަށް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި މުސްތަގުބަލުގައި އެ ޕާޓީ ބިޔަވެ ބޮޑުވަމުންދާއިރު މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން އެމްޑީޓީ އަށް ސޮއިކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ޔާމީން ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޓީޑީގެ ފަރާތުން ވާދަކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ. ނަމަވެސް ވާދަކުރައްވާނެ ދާއިރާއެއް އަދި ކަނޑައަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެވެސް ގޮނޑި އަކަށް، ކޮންމެވެސް ދާއިރާއަކަށް އެމްޓީޑީގެ ފަރާތުން އަޅުގަނޑު ވާދަކުރާނަން" ޔާމީން ވިދާޅުވިއެވެ.

މެމްބަރު ޔާމީން އަކީ އެމްޓީޑީ އަށް ސޮއިކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ މެމްބަރެވެ.

އެމްޓީޑީ އުފެއްދުމަށް ބޭނުންވާ 3000 މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަދިނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީން ވަނީ 3000 މެމްބަރުން ހަމަވެފައިވާކަން ހާމަކޮށްފައެވެ. އަދި ފޯމްތައް ޕްރޮސެސް ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް ވެސް އެޕާޓީން ހާމަކުރެއެވެ.