Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ސާނޭގެ ގޯލުތަކުން ގްރޫޕްގެ އެއްވަނަ ސިޓީން ހޯދައިފި

ލީރޯއި ސާނޭގެ ދެ ގޯލުން ޖަރުމަނުގެ ހޮފެންހެއިމްގެ މައްޗަށް 1-2 އިން ކުރި ހޯދާ، ގްރޫޕް އެފްގެ އެއްވަނަ މަގާމު މެންޗެސްޓަރ ސިޓީން ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ސިޓީ ރޭ މޮޅުވިއިރު، ގްރޫޕްގެ އެއްވަނަ އެޓީމަށް ލިބުނީ 13 ޕޮއިންޓާ އެކުއެވެ. ދެވަނަ ހޯދި ލިޔޯން އަށް 8 ޕޮއިންޓު ލިބުނުއިރު ތިންވަނަ ހޯދި ޝަހްތަރު ޑޮނެޓްކްސް އަށް ލިބުނީ ހަ ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލަށްދިޔަ ހޮފެންހެއިމް އަށް ލިބުނީ ތިން ޕޮއިންޓެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ހޮފެންހެއިމުންނެވެ. އެގޮތުން 16 ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ ކްރަމަރިޗްއެވެ. މި ޕެނަލްޓީ ހޮފެންހެއިމް އަށް ލިބުނީ އެޓީމުގެ ކުޅުންތެރިއަކަށް ސިޓީގެ ޑިފެންޑަރު ލަޕޯޓު ކުރި ފައުލަކާ ގުޅިގެންނެވެ.

ހޮފެންހެއިމްގެ މި ގޯލާއެކު ސިޓީން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ލިބުނު ހިލޭޖެހުމަކުން ސާނޭ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ސްޓާލިން ދިން ޕާހަކުން މެޗުގެ 61 ވަނަ މިނެޓްގައި ސިޓީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ސާނޭއެވެ.

ސާނޭގެ ދެވަނަ ގޯލަށްފަހު ލީޑު ފުޅާކޮށްލަން ވެސް ސިޓީ އަށް ދެވަނަ ހާފްގައި ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

ރޭގެ މެޗުން ސިޓީ މޮޅުވިއިރު މި ގްރޫޕްގައި ދެން ހިމެނޭ ލިޔޯން އާއި ޝަހްތަރު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.