Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ކުޑަދަރިފުޅު ކެއުމާއި ދުރުވުމުން ކަންބޮޑުވޭތަ؟

މައިންބަފައިންގެ ނުވަތަ ޚާއްސަކޮށް މަންމައިންގެ ފަރާތުން ކުޑަކުދިންގެ ޑޮކްޓަރުންނަށް އިވޭ އެންމެ ގިނަ ޝަކުވާގެ އަޑަކީ ކުޑަދަރިފުޅު ކެއުމާއި ދުރުވުމުގެ ސަބަބުން ކުރާ ޝަކުވާގެ އަޑެވެ. މިއީ ބަލާލަން ރަނގަޅު މައުޟޫއެއް ކަމަށް ދެކޭތީވެ ކުރުގޮތަކަށް މިކަމަށް އަލިއަޅުވާލާނަމެވެ.

އެންމެ ފުރަތަމަ މައިންބަފައިން ގަބޫލުކުރަންޖެހޭ ހަގީގަތަކީ ކޮންމެ ކުއްޖަކީ ވެސް ތަފާތު ކުއްޖެއް ކަމެވެ. އެކުއްޖެއްގެ ހާއްސަ ގޮތްތަކެއް ކެއުމާއި އެނޫންވެސް އެހެން ކަންކަމުގައި ހުންނާނެ ކަމެވެ. މިހާރަކަށް އައިސް ފޮތްފޮތުގައި އެކި އުމުރުގައި ކުދިން ކާންޖެހޭ މިންވަރު ބަޔާން ކޮށްފައިވެއެވެ. އެ މިންވަރަށް ވުރެ ކުޑަ ތަންކޮޅެއް ކުޑަކޮށް ކެއުމަކީ ވެސް އެއީ މައްސަލައެއް ނޫނެވެ.

ސަބަބަކީ އެފަދަ ފޮތްފޮތުގައި ޢާންމުކޮށް ބަޔާންކޮށްފައި އެހުންނަނީ ޢާންމު އުސޫލުތަކެކެވެ. ހުރިހާ ކުދިން އެވަރަށް ކޮންމެހެން ކަންތައް ހުންނާކަށް ނުޖެހެއެވެ. ވީމާ ޖެހިގެން ހުރިގޭ ކުއްޖާއާއި އެހެނިހެން ކުދިން ކާވަރާއި އެކުދިން ކުދިންގެ ބަރުދަނާއި ތިމާގެ ދަރިފުޅު ގެ ކަންކަމާއި އަޅާކިއުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. މީގެ އިތުރުން މަޤްސަދަކަށް ހަދަންވާނީ ދަރިފުޅު ފަލަކުރުމުގެ ބަދަލުގައި ޠަބީޢީކޮށް ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ފައިދާގެ މިންވަރު ދަރިފުޅަށް ހާސިލުކޮށްދެވޭތޯ ބެލުމެވެ.

ކުއްޖާގެ ޢުމުރާ ގުޅިގެން ވެސް ކެއުމާއި ކާ މިންވަރުތަކަށް ބަދަލު އާދެއެވެ. މިސާލަކަށް ފުރަތަމަ ހަމަހުގައި ދަރިފުޅު ވަރަށް ބާރަށް ހެދިބޮޑުވަމުން އާދެއެވެ. އަދި ވިހޭއިރު ހުރި ބަރުދަނުގެ ތިންގުނަ ގާތްގަނޑަކަށް އެއް އަހަރުގެ ތެރޭގައި ޖައްސާލައެވެ. ނަމަވެސް ދެވަނަ އަހަރު ބަރުދަން ލުއިވުމާއި ކާހިތްވުން ކުޑަވާ ގޮތްދިމާވެއެވެ. މިގޮތުން ކޮންމެ ޢުމުރަކަށް ވެސް ކުއްޖާއަށް ބޭނުންވާ ކާއެއްޗެހީގެ މިންވަރު ތަފާތުވެއެވެ. ހަމަ އެހެން ކާހިތްވާ މިންވަރުވެސް ޢުމުރާއި ގުޅިގެން ތަފާތުވެއެވެ. މިކަމުގައި ބެލެނިވެރިން ސަމާލުވާންޖެހޭ ކަމަކީ އެ ޢުމުރެއްގައި ކުއްޖާ ޠަބީޢީކޮށް ހެދިބޮޑުވުމަށް ބޭނުންވާ މިންވަރަށް ކެއުމާއި ބުއިމުގެ މިންވަރު ދަރިފުޅު ހާސިލުކުރޭތޯ ބެލުމެވެ.

ވަރަށް ގިނަ މައިންބަފައިން ކުއްޖާއަށް މާގިނައިން ކާންދީ ދަރިފުޅު ފަލަކޮށް ބެހެއްޓުމަށް ވަރަށް ހިތްވަރާއެކު މަސައްކަތްކ ކުރާތަން ފެނެއެވެ. "ޗަބީ" ކޮށް ދަރިފުޅު ހުރުމުން ބައެއް މައިންބަފައިން ވަރަށް ހިތްހަމަޖެހެއެވެ. ނަމަވެސް ހަގީގަތަކީ ކުއްޖާއަށް އޭނާގެ ޢުމުރާއި ގުޅޭ ވަރަށް ވުރެ ކެއުން ގިނަވެއްޖެ ނަމަ ތަކުރާރުކޮށް ބަނޑުގައި ރިއްސުމާއި ހޮޑުލެވުމާއި ބޭރަށް ހިންގުން ފަދަ މައްސަލަތައް ދިމާވާ ކަމެވެ.. އަދި ހަމައެހެންމެ މާގިނައިން ކެއުމުގެ ސަބަބުން ކުއްޖާ އޭނާގެ ޠަބީޢީ މިންވަރަށް ވުރެ ފަލަވުމުގެ ސަބަބުން އެޔާވިދިގެން ދަރިފުޅަށް ޖެހޭ ސިއްހީ ބަލިތައް ވެސް މަދެއް ނޫނެވެ. ވަކި ވަރަކަށް ފަލަވުމުގެ ސަބަބުން ކުއްޖާ ހެލިފެލިވެ އުޅުމުން މަހުރޫމްވާތަން އާދެއެވެ. އަދި ބައެއް ކުދިން ހިއްކަން އުޅުނަސް ހިކުން އެއީ ވަރަށް އުނދަގޫ ކަމަކަށްވާ ތަން އާދެއެވެ.

ކުއްޖާއަށް އޭނާގެ ޢުމުރާއި ގުޅޭ މިންވަރަށް ވުރެ ކެއުން މަދުވެއްޖެ ނަމަ ވެސް ގިނައިން ރުއިމާއި، ހީސް ލާ މިންވަރާއި ޕުއްޕުގެ މިންވަރު މަދުވެ، ހެދިބޮޑު ނު ވުން، ނިދި މަދުވުން ފަދަ ބައެއް ޢަލާމާތްތަކުން އެކަން ދެނެގަނެވޭނެއެވެ. މިއީ ސަމާލުވެ ދަނެގަންނަންޖެހޭ ކަންތަކެވެ.

ފަހަރެއްގައި ދަރިފުޅަށް ދިމާވާ ބަލި ހާލަތެއްގެ ސަބަބުން ވެސް ކާހިތްވުން ނެތުން އެކަށީގެންވެއެވެ. މިސާލަކަށް ރަނގަޅަށް ޕުއްޕު ނުލެވުން، ހަށިގަނޑުން ދަގަޑާއި ވިޓަމިންގެ ބާވަތްތައް އެކަށީގެންވާ ވަރަށް ވުރެ މަދުވުން، ދަތްތަކުގައި ރިއްސުން، ޓޮންސިލްދުޅަވުން، ނޭވާހިއްލުން ފަދަ ބައްޔަކުން ނުވަތަ ނަފުސާނީ މައްސަލައަކުން ވެސް އެކަން އެ ގޮތަށް ދިމާވުން އެކަށީގެންވެއެވެ.

ބައެއް ޑޮކްޓަރުން މައިންގެ ހިތްހަމަޖައްސައިދިނުމަށްޓަކައި ކާހިތްޖައްސުވާ ބޭސް ނުވަތަ ބަނޑުހައިކަން އިހުސާސްކުރުވާ ފަދަ ބޭސް ލިޔެދީ ހަދައެވެ. އެފަދަ ބައެއް ބޭސްތަކަކީ އޭގެ އަރިމަތީ ގެއްލުންތައް ބޮޑު އެއްޗެއްސެވެ. އެފަދަ ބޭސް ތަކަކީ ނުކެއުގެ މައްސަލައަށް ދާއިމީ ހައްލެއްވެސް ނޫނެވެ.

މައްސަލައިގެ ރަނގަޅު ހައްލަކީ ދަރިފުޅަށް ކާންދިނުމުގެ ނިޒާމު ރަނގަޅު ކުރުމެވެ. އޭރުން ކުއްޖާ އޭނާއަށް ބޭނުންވާ އެކަށީގެންވާ މިންވަރު ބޭނުންކުރާނެއެވެ. މި ނިޒާމު ރަނގަޅު ކުރުމަށްޓަކައި އެންމެ ފުރަތަމައަށް ކުރަންޖެހޭ ކަމަކީ މައިބަފައިންގެ ހާސްކަން މި ކަމާ މެދު ފިލުވާލުމަށް ފަހު، ދަރިފުޅު ކާހިތްނުވަނީ ބައްޔެއްގެ ސަބުންތޯ ބެލުމެވެ. އެހެން ނަމަ އެކަމާ ވިދިގެން ކުރަންޖެހޭ ކަންކަން ކުރުމެވެ.

ދަރިފުޅަށް ކާންދިނުމަކީ ވެސް ހުނަރެކެވެ. ދަރިފުޅު ބަލިވެ އުޅެނިކޮށް އެއްވެސް އާވައްތަރެއްގެ ކެއުމެއް އަލަށް ނުދޭށެވެ. ބަލިވެފައި ހުންނައިރު އާދަވެގެން ކާ ކެއުން މަތިން ވެސް ފޫހިވާއިރު، އާކެއުމެއް ތަޖުރިބާކުރުވަން އުޅެފި ނަމަ މުޅީން އެއްކޮށް އެ އެއްޗެއް މަތީން ދަރިފުޅު ފޫހިވެދާނެއެވެ.

ކެއުމުގެ ވަގުތު ކަނޑައަޅަން އެންމެ ރަނގަޅީ ބުއްބޯ ވަގުތުގެ ކުރިއަށެވެ. އެއީ ބަނޑުހައިވުމުގެ ސަބަބުން ޠަބީޢީ ކޮށް އުފެދޭ ކާހިތްވުން އޭނާގެ ކިބައިގައި އެންމެ ބޮޑުވާނެ އެއްވަގުތަށް އެގަޑި ވާތީއެވެ.

ކުއްޖާއަށް އަލަށް އެއްޗެއް ކާންދޭން ފަށާނަމަ އެއިން ކުޑަކުޑަ ފޮދުވަރަކުން ކުއްޖާއަށް ފުރަތަމަ ރަހަދައްކާލާށެވެ. ކޮންމެހެން އެ އެއްކޮށް ހުސްކުރާނެ ކަމަށް އުންމީދު ނުކުރާށެވެ. މަގުސަދަކަށް ވާންވާނީ ދަރިފުޅަށް ކެއުމުގައި އިތުރު ވައްތަރުތައް މަޑުމަޑުން ތަޢާރަފުކޮށްދިނުމާއެކު އެކަން އާދަކުރުމެވެ.

ދަރިފުޅަށް ދޭ އެއްޗެހީގެ ރަހަ ވެސް ތިމާ ކާއެއްޗެހީގެ ރަހަޔާއި އެއްވަރަށް ބަހައްޓާށެވެ. މިސާލަކަށް ފޮނިއެއްޗެއް ނަމަ ދަރިފުޅަށް ދޭއިރު އެޔަށް އިތުރަށް ހަކުރު އެޅުން އެއީ ވަރަށް ގިނަ މައިން ހަދާ ބޮޑު ގޯހެކެވެ. އެގޮތަށް ހަކުރު އަޅާފައި ނުދޭށެވެ.

ދަރިފުޅު ވަކި އެއްޗެއް ކެއުމާ ދެކޮޅު ހަދާނަމަ ތަކުރާރުކޮށް އެ ކާންދިނުމަށް ބާރުނާޅާށެވެ. އޭގެ ބަދަލުގައި އެއިން ލިބިދޭ ފައިދާ ލިއްބައިދޭ އެހެން ކާނާއެއް ހޯދާށެވެ. އެއް ފައިދާއެއް ލިއްބައިދޭ ތަފާތު ކާނާތައް ވަރަށް ވެސް ގިނައެވެ. މަގުސަދަކަށް ވާންވާނީ ވަކި ނަމެއް ކިޔާ އެއްޗެއް ކާންދިނުމުގެ ބަދަލުގައި ދަރިފުޅު ހެދިބޮޑުވުމަށް ބޭނުންވާނޭ މާއްދާ ދަރިފުޅުގެ ހަށިގަނޑަށް ވާސިލުކޮށްދިނުން ކަމަށް ހަދާށެވެ.

ދަރިފުޅުގެ ކެއުމުގައި ދަގަނޑުގެ ބާވަތް ހިމެނޭ ކާނާ އާއި ތަރުކާރީއާއި މޭވާ ހިމެނުމަށް ޚާއްސަ ސަމާލުކަމެއް ދޭށެވެ. ކުއްޖާއަށް މަކަރުން ކާންދޭން ނޫޅޭށެވެ. އަދި ކުއްޖާ ގެ އަސްލު ކެއުމާ ދުރުވާ ނަމަ އެހެންގޮތަކުން އެއްޗަކަށް ނުވާ އެއްޗެއް ކައިގެން އޭނާ ބަނޑުފުރިއްޖެ ކަން އިހުސާސްވިޔަ ނުދޭށެވެ. ޗޮކްލެޓް ފަދަ ތަކެތި ވީވަރަކުން އޭނާޔާއި ދުރުކުރާށެވެ. އެއީ ކެއުމަށް ހުރަސްއަޅާފާނެ އެއްޗެއްކަން ދަންނާށެވެ.

ވަރަށް ގިނައިން ކުދިން ރޮއްވުމަށްފަހު ހަޅޭއްލަވާ ގަދަކަމުން ކާންދޭން އުޅޭތަން ފެނެއެވެ، ދަރިފުޅަށް މަޖުބޫރުކޮށް ގަދަކަމުން ކާންދޭން ނޫޅޭށެވެ. އަދި ހަރުކަށިކޮށް އެކަމުގައި އޭނާއާ މުޢާމަލާތު ނުކުރާށެވެ. ފަހަރުގައި އޭގެ ސަބަބުން އޭނާ ކާހިތްވުން ކުރިން ހުރި ވަރަށް ވުރެ ވެސް ދަށްވުމާއި ގަދަކަމުން އަމިއްލައަށް ހޮޑުލައިގެންވެސް ކާއެއްޗެހި ބޭރުކުރަން އުޅެފާނެއެވެ. ކުދިންނާއި މުއާމަލާތު ކުރުމުގައި ވިސްނަވާށެވެ. ތިމާ ރަނގަޅު ކުރަން އުޅޭކަމެެއް ރަނގަޅު ވުމުގެ ބަދަލުގައި ގެންދެވޭ ގޮތަކުން ގޯސް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ކުއްޖާގެ ނުރުހުމުގައި ގަދަކަމުންކާން ދިނުމަކީ އޭގެ އިދިކޮޅު ނަތީޖާގައި އޭނާވެސް ބޮޑާހޭކުމާއި ރުޅިދެއްކުން ދައްކާނެ ވަރަށް ވެސް ނުބައި އާދައެއްކަން އަބަދުވެސް ހަދާންކުރާށެވެ.

ކާންޖެހޭ ކަމާއި ކާންޖެހޭ ސަބަބު ބުނެދޭށެވެ. ކާންޖެހޭ ސަބަބުތައް އެކުއްޖާ ޝައުޤުވެރިވާ ކަހަލަ ޢިބާރާތްތަކުން ބުނެދީ ހަދާށެވެ. ނުކަންޏާ ބޮޑު ނުވާނެ ކަމަށް ވެސް ބުނާށެވެ. މިކަމުގައި މައިންނަކީ ކުޅަދާނަ ބައެކެވެ. މިއީ ކުޑަ މަސައްކަތުން މައިންނަށް ކުރެވިދާނެ ކަމެކެވެ.

އެއް ޢުމުރުގެ ކުދިން ކާ ތަނަށް ޖަމާކޮށް ހުރިހާކުދިން އެކީ ކެއުން ބާއްވާށެވެ. ނުވަތަ ގޭ އެންމެން ކާ ގަޑި އެއީ އޭނާގެ ވެސް ކާ ގަޑި އަށް ހަދާށެވެ. ވީވަރަކުން އޭނާ އަމިއްލައަށް ކެއުމުގެ މިނިވަންކަންދޭށެވެ. އޭރުން ކެއުން އެއީ އޭނާ ކުރާ ހިތްވާ ކަމަކަށް ވުމުގެ ފުރުސަތު ބޮޑު ވާނެއެވެ.

ގާތުން ބުއިމުގެ މަރުހަލާ ކުއްޖާ ކަޑައްތުކޮށް ހަރުތަކެތި ކާން ފަށާފައި ވާނަމަ، ކުރީގައި ގާތުން ބޮއިގެން ތިން ހަތަރުގަޑިއިރުން ބަނޑުހައިވާ ކުއްޖާ، މިހާރު ބަތްކައިގެން އޭނާ ބަނޑުހައި ނުވެ ފަސްހަގަޑިއިރަށް ވެސް ހުރެދާނެކަން ގަބޫލުކުރާށެވެ. ބޯ މިންވަރާއި ކާ މިންވަރު އަޅާކިއުމުގެ ބަދަލުގައި ކުއްޖާއަށް ބޭނުންވާ މާއްދާ އޭނާއަށް ބުއިމުގެ ޒަރީއާއިން ވިޔަސް ކެއުމުގެ ޒަރީއާ ވިޔަސް ދެވޭތޯ ބަލާށެވެ.

ކުއްޖާ ވަރަށް ޝައުޤުވެރިވާ ކަމެއްގައި އިންދާ އެކަން ހުއްޓުވާފައި ކާންދޭން ނޫޅޭށެވެ. އޭރުން ކެއުން މަތިން ކުއްޖާ ފޫހިވާނެއެވެ. އެކަމެއް ނިމެންދެން މަޑުކުރާށެވެ. ކުއްޖާ ރުޅިއައިސްފައި ހުއްޓާ ކާންދޭން ނޫޅޭށެވެ. ކުއްޖާ ހަމަޔަކަށް އެޅެންދެން މަޑުކުރާށެވެ. އެއަށްފަހު ކާންދޭން އުޅޭށެވެ.

ކެއުމުން އޭގެ ބަދަލުދީ އިނާމުދޭނެ ކަމަށް ވައުދުނުވާށެވެ. އޭރަށް އޭނާ އެކަން އެގޮތަށް ފަރިތަކުރާނެއެވެ. އެއީ ދަސްކޮށްދެވޭ ރަނގަޅު އާދައަކަށް ނުވާނެއެވެ.
ކުއްޖާ ނުކެޔަސް އެކަމަށް އޭނާއަށް އަދަބުދީ ރުޅިމޫނު ހެދުމުގެ ބަދަލުގައި އެކަން ދެނެހުރިކަމަށް ނުހަދާށެވެ. ހަމަޖެހިގެން ހިނިތުންވުމާއެކު ކުއްޖާ ހަމައަކަށް އެޅުވޭތޯ ބަލާށެވެ.

ޢުމުރުން ދެއަހަރާއި ތިން އަހަރުގެ ކުދިންނާ މުޢާމަލާކުރުމުގައި ވަކީން ޚާއްސަކޮށް އޭނާގެ އެ ޢުމުރަކީ އިދިކީލަކަން ދެއްކުމުގެ އުމުރުކަން ދެނެގަންނާށެވެ. މި އުމުރުގައި އޭނާގެ އަމިއްލަ ގޮތްތައް ފާޅުކޮށް އޭނާގެ ކިބައިން އެދޭ ކަންތަކާއި އިދިކޮޅަށް ކަންތައްކޮށް އުޅޭނެއެވެ. މި ހާލަތުގައި މީނާއާ މުޢާމަލާތުކުރަން އެންމެ ރަނގަޅީ ހަމަ އެއްގޮތަށް އޭނާ ޖަހާ ސަކަރާތް ދެނެހުރި ކަމަށް ނުހެދުމެވެ.

މިފަދައިން އަމަލުކުރަން ފަށައިފިނަމަ ނުކެއުމުގެ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި ވަރަށް ގާތުން ކުއްޖާ ދަނެގެން ކުއްޖާ ބެލެހެއްޓުމަށް މައިންނަށް ފަސޭހަވެގެންދާނެއެވެ.

މައުލޫމާތު: ނޫރުއްސަލާމް އަބޫބަކުރުގެ ލިޔުމަކުން އަދި ގޫގުލްއިން