Last Updated: April 18, 22:36
Friday, April 19, 2024
ރިޕޯޓް

އެންސްޕާ އާއި އާސަންދައިގެ ޚާއްޞަ އޮޑިޓު ރިޕޯޓަށްވެސް ކޮފީ އެޅުނީތަ؟

2015 ވަނަ އަހަރުގެ ތެރޭގައި ބައެއް ނޫސްތަކުގެ ޞުރުޚީތަކުން ފެނިގެންދިޔަ އެއް ވާހަކައަކީ އެންސްޕާ އާއި އާސަންދަ ތެރެއިން ޔާމީނުގެ ސަރުކާރުން ބޮޑެތި ވައްކަންތަކެއް ކޮށްފައިވާ ވާހަކައެވެ.

ބައެއް ނޫސްތަކުގައި ސިފަކޮށްފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތަށްވުރެ އެންސްޕާ އާއި އާސަންދައިން ހިންގާފައިވާ ޚިޔާނާތުގެ ކަންތައް މާބޮޑު ތަނުންވެސް ރެކޯޑު މުގުރާލާނެއެވެ. ކަންވެގެންދިޔައީވެސް އެގޮތަށްކަމަށް ދޭހަވާގޮތަށް އޭސީސީއިން ހާމަކޮށްފައިވެއެވެ. އަދި އެމައްސަލަ ބެލުމަށްފަހު އިވިގެންދިޔަ އަޑުތަކާއެކު، އޭރުގެ އެންސްޕާގެ ސީއީއޯ މުޖުތަބާ ޖަލީލު އާއި އާސަންދައިގެ އެމްޑީ މައުމޫން ޢަބްދުއްޞަމަދު އެމަޤާމުތަކުން ބަދަލުކުރެވުނެވެ.

ނަމަވެސް ފަހުން މި ދެބޭފުޅުން ފެނުނީ ސަރުކާރުން އިތުރަށް ބާރުދީ ވަރުގަދަކޮށްލި ތަނެވެ. އޭރުގެ ހެލްތު މިނިސްޓަރ އިރުތިޝާމަށް ހުޅުމާލޭ ހޮސްޕިޓަލުގައި ކުރިމަތިވި ހިތްދަތި ހާދިސާއަށްފަހު ވެސް އެދެބޭފުޅުންގެ ބާރު ގަދަ ވެގެންދިއުމުންނެވެ. ދެބޭފުޅުންވެސް ދެ ވުޒާރާއެއްގެ ނާއިބުންނަށް ފަހުން ބަދަލުކުރެއްވީއެވެ. ފަސާދައިގެ ބޮޑެތި ޚިޔާނާތްތެރިންނަށް އޭރުގެ ސަރުކާރުގައި ދެމުން ދިޔަ އިއްޒަތުގެ އިނާމްތަކުގެ ދަށުންނެވެ. އޭސީސީއިން މިކަމާއި ގުޅިގެން ތައްޔާރު ކުރި ރިޕޯޓަށް ކޮފީއެޅި ގެއްލިއްޖެއެވެ. އަދި މިހާތަނަށް ރިޕޯޓަށް ވީނުވީއެއް ނޭގެއެވެ.

އާސަންދައަކީ ޤައުމީ ޞިއްޙީ އިންޝުއަރެންސް ނިޒާމު ހިންގުމަށް ހެދިފައިވާ ކުންފުންޏަކަށްވެފައި، އެތަނުން ހޮސްޕިޓަލް ހިންގަން ފެށުމަކީ ވަރުގަދަ އިކޮނޮމިސްޓެއްގެ ވެރިކަމުގައި ފެށިގެންދިޔަ ހެއްވާ ކަމެކެވެ. ހުޅުމާލެ ހޮސްޕިޓަލް އާސަންދަ އާއި ހަވާލުކުރީ، ހެލްތު މިނިސްޓްރީގެ ވެރިންގެ ނުރުހުމުގައެވެ. ވަގުތީގޮތުން އެމިނިސްޓްރީ ހިންގެވުމާ ޒުހޫރު ހަވާލުވެގެން ހުރި ދުވަސްވަރެއްގައި ކުއްލިއަކަށް ކުރެއްވި ކަމެކެވެ.

އެކަމާ އޭރުގެ މިނިސްޓަރ އިރުތިޝާމް ވަރަށް ދެކޮޅު ހެއްދެވިކަމަށްވެއެވެ. އެހެނަސް، ރައީސް އޮފީހުގެ ތެރެއިން އެކަން ނިންމެވީ ވައްކަމަށް ދޮރު ހުޅުވައިދިނުމަށްކަން ފަހުން ކަންތައް ވެދިޔަގޮތުން ސާފުވެއެވެ. އަދި އެންމެފަހުން 700 މިލިއަނަށްވުރެ ގިނަ ފައިސާ ބަޖެޓުން ބޭރުން އިތުރަށް ޚަރަދުވެފައިވާކަން މާލީ ހިސާބުތަކުން އެއޮތީ ފެންނާށެވެ.

ރަގަޅު ފެންވަރުގެ އައިސީޔޫއެއް ނެތް ހުޅުމާލޭ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދިނުމަށާއި އެހެންވެސް ފަރުވާތަކުގެ ނަމުގައި ބޮޑެތި އެއްބަސްވުންތަކުގައި ސޮއިކުރަން ފެށިގެންދިޔައެވެ. އައިޖީއެމްއެޗްގައި ހިތުގެ އޮޕަރޭޝަންތައް ކުރުމަށް އިންޑިޔާގެ ހޮސްޕިޓަލަކާއި ގުޅިގެން ކުރެވުނު މަސައްކަތަށް ދިޔަ ޚަރަދަށްވުރެ އެތައްތަނެއް އަގު ބޮޑުކޮށް ބަޔަކާއި އެގްރިމެންޓު ކުރެވުނެވެ.

އެކަމާއި ގުޅިގެން ޚަރަދުތަކުގެ ތަފްޞީލު ހޯދުމަށް އެދުމުން އެކަން ހާމަކޮށް ނުދިނެވެ. އާސަންދައިގެ ވެރިންނާއި ގުޅުން ހުރި ބައެއް ކުންފުނިތަކުން ބޭސް އެތެރެކޮށްގެން ގަތުމާއި، އާސަންދައިން ހޯދައިދޭ ބައެއް ތަކެތި އެފަރާތްތަކުން ގަންނަކަމަށް ތުހުމަތު ކުރެވޭގޮތަށް ގިނަ މުޢާމަލާތްތައް ހިންގާފައިވެއެވެ.

އިންޑިޔާގެ ހޮސްޕިޓަލްތައް އާސަންދައަށް އެމްޕެނަލް ކުރުމަށް ގިނަ ޢަދަދުތަކުން ފައިސާ ނަގާފައިވެއެވެ. އަދި ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތަކުން ކޮމިޝަނުގެ ގޮތުގައި ގިނަ ޢަދަދުތަކުން ނަގަމުން ގޮސްފައިވެއެވެ. ދެހާސް ޑޮލަރަށް ކުރެވޭ އޮޕަރޭޝަން ފަސްހާސް ޑޮލަރަށް ބިލުކޮށްގެން އިތުރަށް ނަގާ ފައިސާ އާސަންދައިގެ ވެރިންނަށް ދެމުންދިޔައެވެ.

އެންސްޕާ ތެރެއިންވެސް ބޭސްފަރުވާއަށް ބޮޑެތި ޢަދަދުތަކުން ޕާޓީގެ އިސް ފަރާތްތަކުން އަންގާ މީހުންނަށް އެހީ ދެމުން ގޮސްފައިވެއެވެ. ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހައްދަން ފޮނުވާ ކުދިންގެ ޚަރަދުތައްވެސް އެތައް ގުނައެއް ބޮޑުކޮށް ބިލްކުރާގޮތަށް ބައެއް ހޮސްޕިޓަލްތަކާއި ޑީލްތައް ހަދައިގެން މިދެތަނުގެ ވެރިން މަކަރުތައް ހަދާފައިވާކަމަށް އަޑުތައް އިވެއެވެ. ސުޕަސްޕެޝަލިސްޓުންގެ ނަމުގައި އާދައިގެ ފާސްތައް ތިބި ޑޮކްޓަރުން އަތޮޅުތެރެއަށް ފޮނުވައިގެން އެފަރާތްތަކަށް ބޮޑު ޢަދަދުން ފައިސާ ހޭދަކޮށް އެއިންވެސް ވައްކަން ކޮށްފައިވެއެވެ.

މިހުރިހާ ޚިޔާނާތްތަކުގެ ޢަދަދު ސީދާ ކިރިޔާވެސް އެނގޭނެކަމަށް ބެލެވެނީ އޭސީސީގެ ރައީސް ލުޠުފީއަށެވެ. އަދި އޮޑިޓު އޮފީހުން އެއްވެސް ވަރަކަށް މިކަންތައް ބަލާފައިވާނަމަ، އެއޮފީހަށްވެސް އެނގޭނެއެވެ.

އެހެނަސް، މިއިން އެއްވެސް މުއައްސަސާއަކުން މިކަމަށް އެޅި ފިޔަވަޅެއް އެނގޭކަށް އަދި ފެންނާކަށް ނެތެވެ. ކޮފީ އެޅުނީކަމަށް ވެދާނެއެވެ. މިނިވަން މުވައްސަސާއަކުން ރިޕޯޓު ހިފަހައްޓަން ޖެހޭނެ އެއްވެސް ސަބަބެއް ނެތެވެ. އެކަމަކު، އޭސީސީއިން އެރިޕޯޓުވެސް ފޮރުވައިފިއެވެ. އޭރުގެ ސަރުކާރު ބަދުނާމު ވެދާނެތީ އާއި، އަނެއްކާވެސް އެމްއެމްޕީއާރުސީގެ ހަނދާންތައް އާވެގެން ހިނގައިދާނެތީ، ފޮރުވައިދިނީކަމަށް ވެދާނެއެވެ.

އޭރުގެ ސަރުކާރުން ކުރަމުންދިޔަ ހުރިހާ ވައްކަމަކާއި ފަސާދައެއް ކުރިއަށް ގެންދިއުމުގައި މިނިވަން މުވައްސަސާތަކުން ހިމޭނުން އޮތުން އެއީ އެކަން ކުރުމަށް ލިބިފައިވާ އެންމެބޮޑު ހިތްވަރެވެ. މިކަމުގައި މިހާތަނަށް އަދިވެސް ޖަވާބުދާރީ ވެފައިނުވާތީ އިންތިހާއަށް ކަންބޮޑުވެއެވެ. މިސަރުކާރުން ކޮރަޕްޝަނުގެ މޫތައް ލުހެލުމަށް މަސައްކަތް ކުރާނަމަ، މިފަދަ ރިޕޯޓުތަކަށް ވެފައިވާގޮތާއި، ކަންތައް ގޮސްފައިވާގޮތް ބަލައިގެން ނޫނީ އެއްވެސް އަލިމަގެއް ނުފެންނާނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި ކޮރަޕްޝަން ބަލާނަމަ ވަރަށް ފުނަށް ފީނަންޖެހެއެވެ. މިކަމުގައި ޝާމިލްވެފައިވާ ހުރިހާ ފަރާތެއް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހެއެވެ.