Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ޔާމީންގެ އެކައުންޓްތައް ފްރީޒްކޮށްފި

ރައީސް ޔާމީން ޅ. ކުރެންދޫ ރައްޔިތުންނާއި ވާހަކަދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރިކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީންގެ އެކައުންޓުތައް ފްރީޒް ކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. ނަމަވެސް މިކަމާ ގުޅިގެން ޔާމީންގެ ފަރާތުން އަދި ބަހެއް ލިބިފައެއް ނުވެއެވެ.

ޔާމީންގެ އެކައުންޓުތައް ފްރީޒްކޮށްފައިވަނީ ރައީސްކަމުގައި ހުންނެވިއިރު ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައިގެ ތަހުގީގަށް މާދަމާ މެންދުރު 14:00 އަށް ޔާމީން ފުލުހަށް ހާޒިރުވުމަށް ވަނީ ޗިޓު ވެސް ފޮނުވާފައެވެ.

ޔާމީންގެ ވަކީލު އައިޝަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވެފައިވާ ގޮތުގައި ޔާމީން ފުލުހަށް ހާޒިރުކުރަނީ އެމަނިކުފާނުގެ އެކައުންޓަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ފައިސާ ވަދެފައިވާތީ އެ މައްސަލަ ބެލުމަށް ކަމަށެވެ. އަދި އެ އެކައުންޓަކީ ރިޔާސީ އިންތިހާބުގެ ގާނޫނީ އޮނިގަނޑުގައިވާ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ޑިކްލެޔާ ކުރެއްވި އެކައުންޓެއް ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

"އެ އެކައުންޓަށް ޖަމާކުރެވިފައިވަނީ އިންތިހާބުގައި ބޭނުން ކުރައްވަން އެކި ގޮތްގޮތުން ލިބިވަޑައިގެންނެވި ފައިސާ" އާޒިމާ ވިދާޅުވިއެވެ.

ޔާމީން ވަނީ އަބަދުވެސް ތުހުމަތުތަކެއް އެމަނިކުފާނާ ދެކޮޅަށް ކުރެވޭ ކަމަށާއި ސާބިތުކޮށްނުދެވޭނެ ކަމަށް ވަރަށް ޔަގީން ކަމާއެކު މީގެ ކުރިން ވިދާޅުވެފައެވެ.