Last Updated: May 12, 07:17
Monday, May 12, 2025
ޚަބަރު

ދޫނިދޫ ޕިކްނިކް އައިލެންޑަކަށް ހެދުން މުހިންމު: ސައުދު

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން: ފޮޓޯ - މަޖިލިސް

މީހުން ބަންދު ކުރުމުގެ ބަދަލުގައި ދޫނިދޫ ޕިކްނިކް އައިލެންޑަށް ހެދުން މުހިއްމު ކަމަށް، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށް ސައުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަހުގީގަށް ބަންދުކުރަންޖެހޭ ހާލަތު ވަރަށް ސާފު ކަމަށާއި ނަމަވެސް މި ގައުމުގައި އަމަލުކުރަމުންދަނީ "ރަދުން ވިދާޅުވީމަ ބަންދުކޮށްފައި ބަހައްޓާ އުސޫލާއި، ފަނޑިޔާރު މަނިކުފާނު ބަންދުކޮށްފައި ބަހައްޓާ އުސޫލަށް" ކަމަށެވެ.

މިއީ އިސްލާހު ކުރަންޖެހޭ ކަމެއްކަން ފާހަގަކުރަމުން ސައުދު ވިދާޅުވީ ދޫނިދޫ އަކީ ބަންދުކުރަން ނުޖެހޭ އެތައް ރައްޔިތުންތަކެއް ބަންދުކޮށްފައި ބަހައްޓައިގެން އެކި ގޮތްގޮތަށް ނާޖާއިޒު ފައިދާ ހޯދަމުންދާ ރަށެއް ކަމަށެވެ. އަދި ދޫނިދޫ އަކީ ގައުމުގެ ޒުވާން ބޮޑު އާބާދީއެއް ބަންދުކޮށްގެން ހަލާކު ކުރަމުންދާ ރަށެއް ކަމަށާއި ދޫނިދޫގެ އޮޕަރޭޝަން ހުއްޓާލުމަށް ވެސް ސައުދު ވަނީ ގޮވާލާފައެވެ. އަދި އެންމެ މުހިއްމީ ހެކި ހޯދައިގެން ދައުވާ ކުރުން ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސައުދު ވަނީ މިދިޔަ ސަރުކާރުގައި އޭނާ ޖަލުގައި ހޭދަކުރި މުއްދަތުގައި ކަންތައްތައް ވެގެންދިޔަ ގޮތަށް ވެސް އަލިއަޅުވާލާފައެވެ.

"ދޫނިދޫގަ ބަންދުކޮށްފައި 29 ދުވަސް. ތަހުގީގަށް ފުލުހުން ސުވާލު ކުރުމަށް ހޭދަވީ 10 މިނެޓް. މި 10 މިނެޓްގެ ބޭނުމަށް 29 ދުވަސް ޖަލުގެ ކުޑަ ގޮޅީގަ ބަންދުކުރަންޖެހޭ ސަބަބަކީ ކޮބައިތޯ؟" ސައުދު ވިދާޅުވިއެވެ.

ދޫނިދޫ ޕިކްނިކް އައިލެންޑަށް ހެދުމަށް ސައުދު ގޮވާލާފައިވާއިރު، ޖަލުތަކުގެ އޮޑިޓް ހެދުމާއިގުޅޭ ކޮމިޝަނެއް ހޯމް މިނިސްޓްރީން ދާދިފަހުން ވަނީ އެކުލާވާލާފައެވެ.

ރާއްޖޭގެ ޖަލުތަކުގެ އޯޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި އޯޑިޓް ހެދުމުގެ މައިގަނޑު ބޭނުމަކީ، ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިޞްލާޙު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ.