Last Updated: May 16, 07:53
Friday, May 16, 2025
ޚަބަރު

ވެރިކަން ވައްޓާލުމުގެ މަސައްކަތް ސަރުކާރު ތެރެއިން ފަށައިފި: ޝަހީދު

ޑރ.އަހުމަދު ޝަހީދު

ވެރިކަން ވައްޓާލުމުގެ މަސައްކަތް ސަރުކާރު ތެރެއިން ފަށާފައިވާ ކަމަށް، ކުރީގެ ފޮރިން މިނިސްޓަރު ޑރ.އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޝަހީދު މިހެން ވިދާޅުވީ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޕީޕީއެމުން ބުނެފައިވާ ކަމަށް ބުނާ ހަބަރަކާއި ގުޅިގެންނެވެ.

"ތިޔަ ކަންތައް އޮތީ ސަރުކާރުގެ އެތެރެއިން ވެސް ފަށާފަ" ޝަހީދު ވިދާޅުވިއެވެ.

ޝަހީދު މިހެން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގޮނޑިތައް ބެހުމާ ގުޅޭގޮތުން ސަރުކާރު ކޯލިޝަނުގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން އެކަމާ ގުޅޭގޮތުން ޕާޓީތަކުގެ މެދުގައި އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ޕާޓީތަކުގެ މެދުގައި އެކަމުގައި ހިޔާލު ތަފާތުވުންތަކެއް އުޅޭއިރު، ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ ކޯލިޝަނާއި ވަކިން މަޖިލިސް އިންތިހާބުގައި 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.

މަޖިލިސް އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދިޔަ ވަގުތު މުޒާހަރާ ކުރުމުން ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން އެ ޕާޓީގެ މެމްބަރުން ތުހުމަތު ކުރަނީ އެއީ ކޯލިޝަނުގައި ހިމެނޭ ބައެއް އަޑީގައި ތިބެ ސީދާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް އަމާޒުކޮށް ކުރި ކަމެއްގެ ގޮތުގައެވެ.