Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ބާރުތައް ލިބިއްޖެ، ނަތީޖާއެއް ނުފެނޭ

ސިޓީ ކައުންސިލްތަކަށް ނިމިގެން ދިޔަ ރިޔާސީ ދައުރަކީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ފަސް އަހަރެވެ.

ޚާއްސަކޮށް މާލެ ސިޓީ އަދި އައްޑޫ ސިޓީ ކައުންސިލްގެ އަތް ފައި ބަނދެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު ނަގައި، ހިތުހުރި ގޮތަކަށް ކައުންސިލަރުން އެކީ އެކަށް ސަސްޕެންޑުކޮށް ގެއަށް ފޮނުވުމާއި، މިފަދަ އެންމެހާ ސަކަރާތެއް ވަނީ ފެނިގެން ގޮސްފައެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓަކަށް ނިކުތް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނުގެ ވެރިކަމެއް އަތުވެއްޖެނަމަ ކައުންސިލްތައް ބިކަކޮށްފައި އޮތް އޮތުމަށް ނިމުމަކަށް ގެންނާނެ ކަމަށް ވައުދުވެފައެވެ. ރައްޔިތުންގެ ވޯޓުން އިބްރާހިމް މުހައްމަދު ސޯލިހް އިންތިޚާބުވެ، އެމަނިކުފާނު ވަނީ ވައުދުވެވަޑައިގަތް ގޮތަށް އަތުލާފައިވާ ބާރުތައް ކައުންސިލާ އަލުން ހަވާލުކޮށް، ރައްޔިތުންގެ ބެލެނިވެރިކަން ކުރިންވެސް ކުރަމުން އައި ގޮތަށް ކުރުމުގެ ފުރުސަތު އަރުވާފައެވެ.

ބާރުތައް ލިބުމާއެކު ވެރިކަން ކުރާ މާލެ ސިޓީ ކައުންސިލުން މިވީހާ ދުވަހު ނުވެ ދޫކޮށްލާފައި ހުރި ކަންކަން ކުރުމާއިގެން އަވަދިނެތިވިއެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން އެފަދަ މިސާލެއް ރައްޔިތުންނަށް ދައްކާފައެއް ނުވެއެވެ.

ތާރު އެޅި މަގުތަކުގައި ހެދިފައި ހުރި ވަޅުގަނޑުތައް ތިބީ މިހާރު މާ ފުން ވެފައެވެ. ބްރޭކަރު ކަނޑާފައި މަސައްކަތް ނިމުމަށް ފަހު ފަސް އަޅާފައިހުރި ގޮތުން އެ ވެސް ވަނީ ސްޕީޑު ބްރޭކަރުތަކަށް ބަދަލުވެފައެވެ. މަގުތައް ކޮނެ ފަސް އަޅާފައި ހުންނަނީ ދެން އެ މަގަކުން ހިނގާ ބިނގާ އުޅޭ ރައްޔިތުންނަށް އަދި ދުއްވާ އުޅަނދުތަކުގައި ދަތުރުކުރާ ރައްޔިތުންނަށް ދުއްވުމަށް ދަތިވާ ގޮތަށެވެ.

މިފަދަ ކަންތައްތައް އިސްލާހު ކުރުމަކީ މިއަދު ކައުންސިލުން އަމިއްލައަށް ފެނިގެން ކުރަން ޖެހޭ ކަންތައްތަކެވެ. ކުރިން، ހައުސިން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް ވިދާޅުވި ނަމަވެސް މިހާރު އެވަރުން ފުއްދާލެވޭކަށް ނެތެވެ.