Last Updated: April 26, 10:52
Friday, April 26, 2024
ރިޕޯޓް

ޑިސެމްބަރު މަސް ނިމެނީ، އައްޑޫގެ މަގުތައް އަމާން ކުރުމަށް ޓްރާންސްޕޯޓަށް ކަމެއް ނުފެށުނު!

ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ، އައްޑޫގެ ފުލުހުންނާއި ބައްދަލު ކުރައްވަނީ

އައްޑޫގެ މަގުތައް އަމާން ތަނަކަށް ހެދުމަށް ކައުންސިލާއި، ފުލުހުން އަދި ޓްރާންސްޕޯޓު އޮތޯރިޓީން ގުޅިގެން ޑިސެމްބަރު މަސް ނިމުމުގެ ކުރިން ފަށްން ބުނި އެއްވެސް މަސައްކަތެއް ނުފެށި މަސް ނިމިއްޖެއެެވެ.

ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެން ކައުންސިލާއި، ފުލުހުން އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ވިދާޅުވީ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އައްޑޫގެ މަގުތައް އަމާން ތަނަކަށް ހައްދެވުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ.

އެގޮތުން އައްޑޫގެ މަގުތަކުގައި 400 ޓްރެފިކް ނިޝާން ބޯޑު ޖެހުމާއި، ސްޕީޑް ބްރޭކަރު ރަނގަޅު ކުރުމާއި، މަގުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އާއްމު ގޮތެއްގައި އެކްސިޑެންޓު ހިނގާ ސަރަހައްދުތަކަށް ވަޑައިގެން އެތަންތަނުގައި އެކްސިޑެންޓު މަދު ކުރުމަށް ކުރެވޭނެ ކަންކަން ވަނީ ބައްލަވާ ލައްވާފައެވެ.

މިނިސްޓަރ އައިޝަތު ނަހުލާ، އައްޑޫގެ މަގުތައް އަމާން ތަނަކަށް ހައްދަވާނެކަމަށް ވިދާޅުވެ އައްޑޫން ފުރާވައިޑައިގަތުމަށްފަހު މިވީ ދުވަސްތަކުގައި މަގު އަމާން ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. މަގުތަކުގައި ޖަހަން ގެނެސްފައިވާ ބޯޑުތައް ޓްރާންސްޕޯޓުގެ ގުދަނުގައި އެބަހުއްޓެވެ. މީގެ އިތުރުން ޕާކިން ޒޯން ތަކާއި ކަފިހި ހުރަސްތައް ކުރެހުމަށް ގެނައި ދަވާދުތައްވެސް އެހުރި ގޮތަށް ގުދަން ކޮށްފައި އެބަހުއްޓެވެ.

މިނިސްޓަރ ނަހުލާ ކައުންސިލާއި، ފުލުހުންނާއި އެކު ވަކިން ބޭއްވެވި ބައްދަލުވުންތަކުގައި ފުލުހުން ވަނީ މިމަސައްކަތަށް އެހީތެރިވެދޭނެކަމަށް ބުނެފައެވެ. 

އައްޑޫގެ މަގުތައް އަމާން ކުރުމުގެ ވާހަކަ ދެއްކުމަކުން މަގު އަމާނެއް ނުވެއެވެ. އައްޑޫގެ މަގުތަކަކީ މަރާމާތު ނެތި ނުރައްކަލަށް ހުށަހެޅިފައިވާ މަގުތަކެކެވެ. މި މަގުތަކުގައި އެތައް އެކްސިޑެންޓެއް ހިނގައި އެތައް ބައެއްގެ ފުރާނަވަނީ ގެއްލިފައެވެ.