Last Updated: April 19, 22:45
Friday, April 19, 2024
ރިޕޯޓް

އައްޑޫގެ "މައި ދޮރާށީ"ގެ މިލްކުވެރިކަން އައްޑޫ ރައްޔިތުންނަށް!

ގަން އިންޓަނޭޝަނަލް އެއާޕޯޓް. އައްޑޫލައިވް ފޮޓޯ: އިބްރާހިމް ހުސައިން

ދިވެހިރާއްޖެ އާއި ދުނިޔެ ގުޅުވައިދިން ސ.ގަމުގެ ވައިގެ ބަނދަރަކީ 2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން ތަރައްޤީކުރި ބަނދަރެކެވެ. އޭގެ ފަހުން ބައިގަރުނެއްހާ ދުވަސް ފާއިތުވެގެން ދިޔައީ ގަމުގެ ވައިގެ ބަނދަރު ތަރައްޤީކުރުމަށް މާބޮޑު މަސައްކަތެއް ނުކުރެވިއެވެ.

އެހެން ނަމަވެސް އިނގިރޭސިން ގަމުން ފޭބި ހިސާބުން ފެށިގެން ގަން އެއާޕޯޓާއި މެދު އައްޑޫގެ ރައްޔިތުން ދިޔައީ އަބަދުވެސް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ގަން އެއާޕޯޓުން ރާއްޖެއިން ބޭރަށް ދެވޭނެ ގޮތެއް ވުމަށް އެދިއެދިއެވެ.

އައްޑޫ ރައްޔިތުން ކުރަމުން ދިޔަ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ރައީސް މައުމޫންގެ ވެރިކަމުގައި އިނގިރޭސި ކުންފުންޏަކާއި ހަވާލުކޮށްގެން ގަން އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއެއް ހިންގިއެވެ. އެ މަޝްރޫޢު ނިމުނު އިރު "ގަން އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަން ބޯޑެއް އެޅުވި ނަމަވެސް ބައިނަލްއަގުވާމީ އެއާލައިންތަގެ ދަތުރުތައް ނުފެށުނެވެ.

ތަފާތު އުޒުރުތައް ސަރުކާރުތަކުން ދައްކަމުން ގޮސް 2012 ވަނަ އަހަރު ގަން އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ފެށުނެވެ. އެ މަސައްކަތް ފެށީ ސަރުކާރުގައި ގަން އެއާޕޯޓު ހިންގާނެ މާލީ ތަނަވަސްކަން ނެތްކަމަށް ބުނެ ގަން އެއާޕޯޓް ކުންފުނީގެ ހިއްސާގެ ވަކި އިއްސަންތައެއް ވިއްކާލައިގެންނެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ 30 ޕަސެންޓް ކާސާ ހޮލްޑިން އިން ގަނެ، ގަމުގެ ރަންވޭ ބޮޑުކުރުމުގެ މަޝްރޫޢު ނިންމާލިއިރު ރަންވޭ ވަނީ 3،100 މީޓަރަށް ދިގުކޮށްފަ އެވެ. ރަންވޭ ދިގުކުރެވުމާއި އެކު މިހާރު ގަމަށް ބައިނަލްއަޤްވާމީ އެއާލައިންތަކުން ވަނީ ދަތުރުކުރަން ފަށާފައެވެ. ސްރީލަންކަންގެ ޝެޑިއުލް ފްލައިޓުތައް ގަމަށް ފަށާފައިވާ އިރު ސައުތު އެފްރިކަން އެއާލައިންސްގެ ދަތުރުތަކެއް ވަނީ ގަމަށް ފަށާފައެވެ.

ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ކާސާ ހޯލްޑިންއިން ގަމުގެ ރަންވޭ ދިގުކޮށް ބޮޑެތި ބޯޓުފަހަރުތަކަށް ޖެއްސޭ ގޮތް ހެދި ނަމަވެސް އަދިވެސް އެއާޕޯޓުން އައްޑޫ ރައްޔިތުން ބޭނުންވާ ފަސޭހަތަކެއް ނުލިބެއެވެ. ގަމުގެ އެެއާޕޯޓާއި މެދު އައްޑޫ ރައްޔިތުން ދެކެމުންދާ ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމުގެ މަންޒަރެއް ނުފެނެއެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީގެ ވާހަކަ ދައްކާއިރު، މިހާރުވެސް ބޮޑު މުސާރަ ނަގައިގެން، ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އޮފީހެއް މާލޭގައި ހުރެއެެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކާއި އިސް މުވައްޒަފުން ތިބެނީ މާލޭގައެެވެ. ބޮޑު ކުއްޔަށް އޮފީސް ހިފައިގެން މާލޭ އޮފީހުގައި އައްޑޫ އެއާޕޯޓު ހިންގުމަށް ކުރާ މަސައްކަތެއް ނެތެވެ. އެއާޕޯޓަށް ދިމާވާ ހުރިހާ ކަމެއް ބޮލު އަޅައިގެން ތިބީ ގަމުގެ އޮފީހުގައި ދެތިން ކުއްޖެކެވެ. ހުރިހާ މައްސަލަތަކާއި ކުރިމަތިލާން ޖެހެނީ މި ކުދިންނެވެ. ވެރިން މާލޭގެ ފިނި ކޮޓަރީގައެވެ.

އައްޑޫ އެއާޕޯޓު ތަރައްްޤީގެ ވާހަކައަކީ ކޮންމެ ރައީސަކުވެސް ހަމައެކަނި ދައްކާލާ ވާހަކައަކަށް ވަނީ ވެފައެވެ. ރައީސުންގެ އަބަދުވެސް ވާހަކައަކީ އައްޑޫ ތަރައްްޤީ ނުކުރެވި ރާއްޖެ ތަރައްޤީ ނުވާނެ ވާހަކައެވެ. އެވާހަކަތައް އައްޑޫ ރައްޔިތުންގެ ބޮލަށް ކިތަންމެ ފަހަރަކު ވިސްނައިދީފިއެވެ. ނަމަވެސް ކަން އޮތީ އެމަގުން ނޫންކަން މިދަނީ ފެންނަމުންނެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ނުހިމަނައި ރާއްޖެ މިދަނީ ތަރައްޤީ ކުރަމުންނެވެ. އައްޑޫ ރައްޔިތުންގެ އާބާދީ ބޮޑުވުމަކުން ވީ ފައިދާއެއް ނެތެވެ. އޭގެ ބަދަލުގައި ބޮޑު އާބާދީން ބައިބައިވުން އުފައްދައި މުޅި އައްޑޫވަނީ ސިޔާސީ ބޭނުންތަކަށް ބައިބައި ކޮށްލާފައެވެ. ގަމުގެ އެއާޕޯޓުގެ ކަންކަންވެސް އޮތީ މި އުސޫލުން ބައިބައި ކޮށް ކުރިއަށް ނުގެންދެވޭނެ އުސޫލަކަށް ބަދަލުކޮށްފައެވެ.

އައްޑޫ އެއާޕޯޓު ކުންފުނި މިއަދު އުފައްދާފައިވަނީ އެސްޓިއޯ، އެމްއޭސީއެލް އަދި ކާސާ ހޯލްޑިންގެ އިތުރުން ފިނޭންސްގެ ހިއްސާ އާއި އެކުއެވެ. ކުންފުނި ހިންގަން ބޭނުންވާ ފައިސާ އާއި މަގު ސަރުކާރުން ފަހިކޮށްނުދީ އެއާޕޯޓު ތަރައްޤީ ކުރެވޭނެ ގޮތެއް ނެތެވެ.

ސަރުކާރުގެ ބޮޑު ހިއްސާއެއް އޮވެ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ނުކުރެވި އޮތުމަކީ ސަރުކާރަށް ބަހަނާ ދެއްކޭނެ ކަމެއް ނޫނެވެ. ސިޔާސީ ކަމަކަށް އައްޑޫ އެއާޕޯޓު ހަދާފައި އޮތް އޮތުން ނިމުމަކަށް ނުގެނެސް އައްޑޫ އެއާޕޯޓު ތަރައްްޤީ ނުކުރެވޭނެއެވެ. އެހެން ނޫންނަމަ އަބަދުވެސް އެއާޕޯޓުގެ ވާހަކަ އިވޭނީ ކޮންމެވެސް އިންތިހާބެއް ބޯމަތިވުމުންނެވެ.

އައްޑޫ ރައްޔިތުންގެ ވިސްނުން އެއާޕޯޓާއި މެދު ގެންގުޅޭ އުސޫލު ބަދަލުކޮށްލަން ފެނެއެވެ. ކޮންމެ އައްޑޫ ރައްޔިތަކުވެސް އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވާހަކަ ކޮންމެ ދުވަހަކު ދައްކަން ފަށަންވީއެވެ. އެވާހަކަ ތައް ސަރުކާރުގެ ކަންފަތަށް އިއްވެން އޮތް ގޮތަކަށް އިއްވަންވީއެވެ. ސޯޝަލް މީޑިއާގައި މިވާހަކަ ގިނަގިނައިން ހިއްސާ ކުރަން ފަށަންވީއެވެ. ސަރުކާރުގެ އިސްވެރިން ޓެގްކޮށް ރައްޔިތުންގެ ޝުއޫރު ބުނެދޭންވީއެވެ. ސަރުކާރުގެ ސިޔާސަތުތަކުން އައްޑޫ ބާކީ ކުރާ ވާހަކަ ހަރުއަޑުން ގޮވަންވީއެވެ.

މަޑުން ތިބެގެން އައްޑޫ ރައްޔިތުންނަށް ތަރައްޤީ ނުލިބޭނެކަން މިއަދު ގަބޫލް ކުރަންވެއްޖެއެވެ. އައްޑޫ ރައްޔިތުންގެ މައި ދޮރާށީގެ މިލްކުވެރިކަން އައްޑޫ ރައްޔިތުން ހޯދައި، ބައިނަލް އަގްވާމީ ދުނިޔެ އާއި އައްޑޫ ގުޅާލުމަށް ރައްޔިތުން ކަމަރު ބަނަންވީއެވެ.