Last Updated: April 23, 10:56
Tuesday, April 23, 2024
ވިޔަފާރި

މައިކްރޮސޮފްޓް ވިންޑޯޒް 7 އަށް ވުރެ ވިންޑޯޒް 10 ގެ މަގުބޫލްކަން އިތުރުވަނީ

ނިމިދިޔަ 2018 ވަނަ އަހަރަކީ މައިކްރޮސޮފްޓަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން، އެ ކުންފުނިން މިދިޔަ އަހަރު ނިންމާލީ ދުނިޔޭގެ ހިއްސާގެ ބާޒާރުގައި އެންމެ އަގުހުރި ކުންފުނީގެ ގޮތުގައެވެ. މިއީ ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި މައިކްރޮސޮފްޓަށް އެ މަގާމު ލިބުނު ފުރަތަމަ ފަހަރެވެ. މި މަގާމަށް މައިކްރޮސޮފްޓް އައުމުގައި އެ ކުންފުނީގެ ސޮފްޓްވެއާތަކުގެ ދައުރު ބޮޑެވެ.

ނެޓް އެޕްލިކޭޝަންސް އިން މައުލޫމާތުދޭ ގޮތުގައި، ދުނިޔޭގެ ގިނަ ބަޔަކަށް އެންމެ ކަމުދާ އޮޕަރޭޓިން ސިސްޓަމްގެ މަގާމުގައި ކުރީން އޮތް ވިންޑޯޒް 7 ފަހަތަށް ޖައްސާލުމަށްފަހު ވިންޑޯޒްގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމްކަމަށްވާ ވިންޑޯޒް 10 ވަނީ އެ މަގާމަށް ޖެހިލައިފައެވެ. ނިމިދިޔަ 2018 ވަނަ އަހަރުގެ އޯއެސް މާކެޓް ޝެއާގައި ވިންޑޯޒް 10 އަށް އެއްވަނަ މަގާމު ލިބެނީ 39.22 އިންސައްތަ ހޯދައިގެންނެވެ. ކުރީން އެއްވަނަ މަގާމުގައި އޮތް ވިންޑޯޒް 7 އަށް ލިބިފައިވަނީ 36.9 އިންސައްތައެވެ. ވިންޑޯޒް 10 އަށް މި މަގާމަށް އައުމަށް ތިން އަހަރާއި ހަ މަސް ދުވަސް ހޭދަވެފައިވާއިރު މީގެއިން ދޭހަކޮށްދެނީ ވިންޑޯޒް 7 ނެރުނު ފަހުން 10 ވަރަކަށް އަހަރުވީއިރުވެސް އޭގެ މަގްބޫލްކަން އާއްމުންގެ މެދުގައި އިތުރުވެފައިވާ މިންވަރެވެ.

މީގެކުރީން، މައިކްރޮސޮފްޓުގެ އަމާޒަކަށްވެފައިވަނީ 3 އަހަރުގެ ތެރޭގައި އެތަކެއް ބިލިއަން ޑިވައިސްގައި އެ ކުންފުނީގެ އެންމެ ފަހުގެ އޮޕަރޭޓިން ސިސްޓަމްކަމަށްވާ ވިންޑޯޒް 10 ބޭނުންކުރުމެވެ. ނަމަވެސް، ވިންޑޯޒް ފޯންގެ އެހީގައި އެ ކުންފުނީގެ އަމާޒަށް މި މުއްދަތުގެ ތެރޭގައި ވާސިލްވެވޭނެކަމަށް ގަބޫލުނުކުރެވޭތީވެ މައިކްރޮސޮފްޓުން ވަނީ ފަހުން އެ މުއްދަތު އިތުރުކޮށްފައެވެ.

މައިކްރޮސޮފްޓުން ތަފާތު އެކި ޕްލެޓްފޯމްތަކަށް ސަޕޯޓް ކުރާނެ ގޮތަށް ވިންޑޯޒް 10 ޑިޒައިން ކޮށްފައިވާއިރު ދުނިޔޭގައި ގާތްގަނޑަކަށް 700 މިލިއަން ޑިވައިސްގައި މިހާރު އެ ކުންފުނީގެ އެންމެ ފަހުގެ އޯއެސް ދަނީ ބޭނުންކުރަމުންނެވެ. އޭގެތެރޭގައި ޕީސީ، މޮބައިލް ފޯނާއި، ޓެބްލެޓް، ލެޕްޓޮޕް އަދި އެކްސް ބޮކްސް ވެސް ހިމެނެއެވެ. މީގެކުރީން، ވިންޑޯޒް 7 ބޭނުންކުރަމުން އައި ފަރާތްތަކަށް އެ ފަރާތެއްގެ ސިސްޓަމް އޯއެސް ވިންޑޯސް 10 އަށް ހިލޭ އަޕްގްރޭޑްކުރުމުގެ ފުރުޞަތު މައިކްރޮސޮފްޓުން ހުޅުވާލިނަމަވެސް އަދިވެސް ގިނަ ބަޔަކު ދަނީ ވިންޑޯޒް 7 ބޭނުންކުރަމުންނެވެ.

އޯއެސް މާކެޓް ޝެއާގެ ނަތީޖާ ދައްކާގޮތުން ވިންޑޯޒް 10 ގެ މަގްބޫލްކަން މިހާރު ވިންޑޯޒް 7 އަށް ވުރެ އިތުރުވެފައިވުމަކީ މައިކްރޮސޮފްޓަށް ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެނީ، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ވިންޑޯޒް 7 ބޭނުންކުރުން ހުއްޓާލުމަށް އެ ކުންފުނިން ކަނޑައަޅާފައިވާއިރު އޭގެ އަހަރެއްހާ ދުވަސް ކުރީން މި ފެނުނު ނަތީޖާއަކީ އޭގެ ހެއްކެވެ.

ނަމަވެސް، މައިކްރޮސޮފްޓަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މިހާރުވެސް ގިނަ ވިޔަފާރީގައި އަދިވެސް ވިންޑޯޒް 7 ބޭނުންކުރަމުންދިއުމާއެކު އެ ދޫކޮށްލުމަށްފަހު ވިންޑޯޒް 10 އަށް ބަދަލުވުމެވެ. މީގެކުރީން، ވިންޑޯޒް އެކްސްޕީ އިން ވިންޑޯޒް 7 އަށް އަޕްގްރޭޑް ކުރުވުމުގައިވެސް މައިކްރޮސޮފްޓަށް ވަނީ އުނދަގޫތަކާއި ކުރިމަތިލާންޖެހިފައެވެ. އެކަމުން އަރައިގަތުމަށް އެ ކުންފުނިން ވަނީ މީގެ 7 ވަރަކަށް އަހަރު ކުރީން ރިޕޯޓެއް ނެރެފައެވެ. އެގޮތުން، އެ ރިޕޯޓްގައި ވަނީ ވިޔަފާރީގައި ވިންޑޯޒް އެކްސްޕީގެ ބަދަލުގައި ވިންޑޯޒް 7 ބޭނުންކުރުމަކީ އެތައް ތަނަކުން ހަރަދުތައް ކުޑަވާ ކަމަށް ބަޔާންކޮށްފައެވެ.