Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ރޮޒޭނާ ވޯޓު ހޯދުމަށް ރައްޔިތުންގެ ގާތަށް އައުމުން ގިނަ ފާޑުކިއުންތަކެއް!

ރޮޒޭނާ މަރަދޫފޭދޫގައި ކެމްޕެއިން ހަރަކާތެއްގައި، ސަޕޯޓަރުން މާޔޫސްވެފައިވާ މަންޒަރު ފެނިގެންދޭ

އައްޑޫމީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކެމްޕެއިނަށް އެ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒޭނާ އާދަމް އައުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެއެވެ. ވޯޓުލާން އެންމެ 15 ދުވަހަށް ވެފައި ވަނިކޮށް ރޮޒޭނާ އައްޑޫ އަށް ގޮސްފައިވަނީ މީގެ 04 ދުވަސް ކުރިންނެވެ.

ރޮޒޭނާ އާދަމް އަކީ މިހާރުވެސް އައްޑޫމީދޫ ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވަމުން ގެންދަވާ ފަރާތެވެ. ނަމަވެސް ނިމިދިޔަ 5 އަހަރު ތެރޭގައި ރޮޒޭނާ ރައްޔިތުންނާ ބައްދަލުކޮށް ހާލު ބަލާފައިނުވާކަމަށް ބުނެ ގިނަބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފައިވެއެވެ.

ރޮޒޭނާއަށް ފާޑު ކިޔާ ފަރާތްތަކުން އެންމެ ބޮޑަށް ނުރުހުން ފާޅުކޮށްފައިވަނީ މީދޫ އާއި މަރަދޫފޭދޫ ވަކި ދެ ދާއިރާއެއްްގެ ގޮތުގައި ކަނޑައެޅުމަށް އިލެކްޝަން ކަމިޝަނުން ކުރި މަސައްކަތް ހުއްޓުވުމުގައި އަޑިން ދައުރެއް އަދާ ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މި މައްސަލާގައި މަރަދޫފޭދޫ އަދި މީދޫގެ ގިނަ ބައެއްގެ ނަފްރަތުވަނީ ރޮޒޭނާ އަށް އަމާޒުވެފައެވެ.

މީގެ އިތުރުން މީދޫން ރޮޒޭނާއަށް އެންމެ ބޮޑަށް ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންދަނީ މިހާރު ހިނގަމުންދާ ދައުރަށް ރޮޒޭނާ ހޮވުމަށްފަހު ރޮޒޭނާގެ މަންމަ މީދޫ ރައްޔިތުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ހުތުރު އެއްޗެހި ގޮވާފައިވުމުންނެވެ.

ސިޔާސީ ގޮތުން ރައީސް ނަޝީދަށް ރޮޒޭނާ ފާޑު ކިޔާ ވާހަކަތަކަކީ ވެސް އެމްޑީޕީގެ މީދޫ ދާއިރާގެ ހާޑްކޯ މެމްބަރުންގެ ނުރުހުން ރޮޒޭނާއަށް އަމާޒުވެފައިވާ ސަބަބެކެވެ. މީގެ އިތުރުންވެސް ވަރަށް ގިނަ ސަބަބު ތަކާއި ހެދި މިފަހަރު ރޮޒޭނާއަށް ދަނީ ސޯޝަލް މީޑިއާގައި ބޮޑެތި ފާޑު ކިއުންތައް އަމާޒުވަމުންނެވެ.

ޕްރައިމަރީގެ ވޯޓުލުމަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ރޮޒޭ ދާއިރާއަށް ވަޑައިގެންނެވިއިރު ކުރިން ރޮޒޭގެ ކެމްޕެއިންގަ މުހިންމު ދައުރުތައް އަދާކުރި ފަރާތްތަކުން ވަނީ ވާދަވެރި އެހެން ކެންޑިޑޭޓުންނާއެކު ހަރަކާތްތެރިވާން ފަށާފައެވެ.

އަދި ރޮޒޭނާގެ ކެމްޕެއިން ޓީމުގައި މިފަހަރު އިސްކޮށް ހަރަކާތްތެރިވާތަން ފެންނަނީ ނިމުނު ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް ޔާމީނަށް ތާއިދުކޮށްގެން ތިބި ފަރާތްތަކުންނެވެ.

އައްޑޫމީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ރޮޒޭގެ އިތުރުން ވާދަކުރަނީ އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރ ހަސަން ޝާހިދު އާއި އިމާދު ސާލިޙް އެވެ. މި ބޭފުޅުންގެ ތެރެއިން ހަސަން ޝާހިދު އަކީ ރޮޒޭނާގެ ކެމްޕެއިންގައި 2014 ވަނަ އަހަރު މުހިންމު ދައުރެއް އަދާކުރެއްވި ފަރާތެކެވެ. ރޮޒޭނާގެ އިތުރުން މި ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވާ ހުރިހާ ބޭފުޅުން ނިސްބަތްވަނީ އައްޑޫ ސިޓީ އަށެވެ.