Last Updated: May 27, 16:26
Friday, May 27, 2022
ވިޔަފާރި

އައިފޯނަކުން ކުރި ޓުވީޓެއްގެ ސަބަބުން ވާވޭގެ ދެ މުވައްޒަފެއްގެ މަގާމް ދަށްކޮށްފި

އެޕަލްގެ އައިފޯނަކުން އާ އަހަރުގެ ތަހުނިޔާ ކިއުމަށް ވާވޭގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގެ ސަބަބުން އެ ކުންފުނީގެ ދެ މުވައްޒަފެއްގެ މުސާރައިން ބައެއް އުނިކުރުމަށްފަހު މަގާމް ދަށްކޮށްފިއެވެ.

ވާވޭގެ ކޯޕަރޭޓް ސީނިއާ ވައިސް ޕްރެސިޑެންޓް ޗެން ލިފަން ނެރުނު މެމޯ ވަނީ މިކަމުގެ ސަބަބުން ކުންފުނީގެ ބްރޭންޑަށް ވަރަށް ބޮޑު ގެއްލުމަށް ލިބިފައިވާކަމަށެވެ. މީޑިއާ ރިޕޯޓްތަކުގައިވާގޮތުގައި، މި ހިނގާދިޔަ ކަންތަކުގެ ސަބަބުން އެ ކުންފުނީގެ ދެ މުވައްޒަފެއްގެ މަގާމް ދަށްކުރުމުގެ އިތުރުން މަހު މުސާރައިން 5,000 ޔުއާން (728 ޔޫއެސް ޑޮލަރު) ކަނޑާފައިވާކަމަށާއި މި މަހުގެ 3 ވަނަ ދުވަހު ނެރުނު މެމޯގައިވާގޮތުން މުވައްޒަފަކަށް އެއް އަހަރުގެ މުއްދަތަށް މުސާރައިގެ ކުރިއެރުން ނުދޭން ނިންމާފައިވެއެވެ.

ވާވޭ އިން ނެރުނު އިންޓާނަލް މެމޯގައިވާގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ އެޖެންސީ ކަމަށްވާ، ސަޕިއެންގައި ކޮމްޕިއުޓަރުގެ ވީޕީއެން އަށް ދިމާވި މައްސަލައަކަށްފަހުގައެވެ. ވީޕީއެން މެދުވެރިކޮށް ނޫނީ ޗައިނާގައި ޓުވިޓާއަށް ނުވަދެވޭއިރު އެ ކުންފުނީގެ ޓުވިޓާ އެކައުންޓުން ޓުވީޓްކޮށްފައިވަނީ ބޭރު ގައުމެއްގެ ސިމް ކާޑެއް ބޭނުންކޮށްގެން އައިފޯނަކުންނެވެ. މި މެމޯގައި އިތުރަށް ބަޔާންކޮށްފައިވާގޮތުގައި، މި ހިނގާދިޔަ ކަންތަކުގެ ސަބަބުން އެ ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން ކުރިއަށްގެންދާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރަންޖެހޭކަމަށްވެއެވެ.

އައިފޯނެއް މެދުވެރިކޮށް ވާވޭގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއް، ފަހުން ވަނީ މި ޓުވީޓް ޑިލީޓްކޮށްފަ. –ފޮޓޯ: ޓުވިޓާ

ވާވޭގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި މި ޓުވީޓާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުންތައް އެ ކުންފުންޏަށް އަމާޒުވެފައިވާއިރު ފަހުން ވަނީ އެ ޓުވީޓު ޑިލީޓްކޮށްލާފައެވެ.

މިއީ ފޯނަކުން ކުރި ޓުވީޓެއްގެ ސަބަބުން ކުންފުންޏަކަށް ލަދުވެތިކަމާއި ކުރިމަތިލާންޖެހުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރީން، ސެމްސަން ނައިޖީރިއާގެ އެކައުންޓުން އައިފޯން މެދުވެރިކޮށް ކުރި 300 ވުރެ ގިނަ ޓުވީޓް ވަނީ ޑިލީޓްކުރަންޖެހިފައެވެ. މީގެއިތުރުން، ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ގަލް ގަޑޮޓް އާއި ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރުމާ ވަނީ ވާވޭ އާއި ގޫގްލްގެ އިސްތިހާރުތަކާއި ގުޅިގެން ޓުވީޓުކުރުމަށް ވާދަވެރި ކުންފުނިތަކުގެ ފޯން ބޭނުންކޮށްފައެވެ.