ޚަބަރު

ދެން އުފެދޭނީ ކަރަންޓުގެ އަގު ތިރިކުރާނެ މަޖިލީހެއް: ނަޝީދު 

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: އެމްޑީޕީ

މިއަހަރުގެ އޭޕްރީލް މަހަށްފަހު އުފެދޭ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ކަރަންޓުގެ އަގު އިންތިހާ އަށް ތިރިކުރާނެ މަޖިލީހަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، ކަރަންޓުގެ އަގު ހެޔޮކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރަން ރާވާފައިވާ ކަމެކެވެ.

ގއ.ވިލިނގިލީ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ކަރަންޓުގެ އަގު އަގުހެޔޮ ކުރުމަކީ މިހާރު ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެގޮތުން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސެލްގެ ބަދަލުގައި އަވީގެ ހަކަތައިން ކަރަންޓު އުފެއްދުމުން އޭގެ އަގު އެތައް ގުނައަކުން ކުޑަވަގެންދާ ކަމަށެވެ.

"ވިލިނގިލީގައި މިއަދު ކަރަންޓު އުފެއްދުމުގެ އަގު ހުންނާނީ ހަ ރުފިޔާ ބަޔަށް، ހަތް ރުފިޔާ އަށް ޔުނިޓެއް. ވިލިނގިލީގައި ވިއްކާ އާއްމު އަގަކަށް، ކޮލަމާފުށީގައި ވިއްކާ އާއްމު އަގަކަށް ވެސް ހުންނާނީ ހަ ރުފިޔާ، ހަތް ރުފިޔާ. އެހެން ނަމަވެސް މިއަދު އެ ކަރަންޓަކީ ދެ ރުފިޔާ ބަޔަށް ވުރެ ބޮޑުކޮށް މީހަކު އުފައްދައިގެން ވިއްކާ އެއްޗެއް ނޫން. އަޅުގަނޑުމެންނަށް އެ ބަދަލު ގެނެވޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކަރަންޓު އަމިއްލަ އަށް އުފެއްދުމަށްފަހު، އެ އުފައްދާ ކަރަންޓު ސަރުކާރަށް ވިއްކުމުގެ އޮނިގަނޑެއް ތައާރަފްކުރަންޖެހޭ ކަމަށާއި އެ މަސައްކަތް ކުރަން ބޭނުންވާ ބޭރުގެ އެތައް ކުންފުންޏެއް އެބަތިބި ކަމަށެވެ. އަދި ރާއްޖެ އަށް އެމީހުން ނާންނާނެ އެއްގޮތެއް ވެސް ނުހެދޭނެ ކަމަށާއި ހަމައެކަނި ބަދަލުކުރަންވީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"މަޖިލިސް 19 ވެގެންދާނީ ކަރަންޓުގެ އަގު އިންތިހާއަށް ތިރިކުރާ މަޖިލީހަކަށް" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވައުދުތަކަކީ ފުއްދުމަށް ވާ ވައުދުތަކެއް ކަމަށާއި އެ ވައުދުތަކަކީ ރައްޔިތުންގެ ހުރިހާ ޝަކުވާއަކަށް ޖަވާބުދިނުމަށް އެކުލެވިފައިވާ ސިޔާސަތުތަކެއް ކަމަށެވެ. އަދި އެ ސިޔާސަތުތައް ތަންފީޒު ކުރައްވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.