Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ގަން އެއާޕޯޓުގައި ޖައްސާ ބޭރު ފްލައިޓުތަކުގެ އަދަދު ގިނަ ކުރަންޖެހޭ: ނަޝީދު 

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ އޭޕީ

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާ ބޭރު ފްލައިޓުތަކުގެ އަދަދު ގިނަ ކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ގއ.ވިލިނގިލީ ދާއިރާގެ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވާ ދިޔާނާ ސައީދުގެ ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ނަޝީދު ވިދާޅުވީ ޓޫރިޒަމްގެ ވިޔަފާރި މީހުން ދިރިއުޅޭ ރަށްތަކުގައި ވަރަށް ކާމިޔާބު ކަމަށާއި އެ ވިޔަފާރި ހުވަދު އަތޮޅުގައި ވެސް ކާމިޔާބު ކަމާއެކީގައި ހިންގޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ. އެގޮތުން އެކަން ކުރުމަށް ގަން އެއާޕޯޓުގައި ޖައްސާ ބޭރު ފްލައިޓުތަކުގެ އަދަދު ގިނަ ކުރަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ގަމުގައި އެ އޮތް އެއާޕޯޓަށް ބޭރުން ޖައްސާ މަތިންދާބޯޓު ގިނަ ކުރަންޖެހޭ. އެ އެއާޕޯޓު ބޭނުންކޮށްގެން ފުވައްމުލަކާއި އަދި ހުވަދޫގެ ހުރިހާ ރަށަކަށް ވެސް ގެސްޓުން ގެނެވޭނެ. އަގުހެޔޮކޮށް ގެސްޓުން ގެނެވޭނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ކިތަންމެ ރިސޯޓެއް އެޅިޔަސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު މީހުން ގެނެވެން ނެތް ކަމަށާއި އެގޮތުން ކުރިއަށް އޮތް ތިން ހަތަރު އަހަރަށް އެ އެއާޕޯޓު އެވަނީ ބެދިފައި ކަމަށެވެ. އެހެންކަމުން އެހެން އެއާޕޯޓުތައް މިއަދު ހޯދަންޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖެ ތަރައްގީ ހުއްޓައެއް ނުލެވޭނެ އެއާޕޯޓު ހަލާކުކޮށްލީތީވެ. އެހެން އެއާޕޯޓުތައް އަޅުގަނޑުމެން ހޯދާން ޖެހޭނެ. އެ އެއާޕޯޓުތައް މެދުވެރިކޮށްގެން ތަރައްގީގެ މިސްރާބު ބަދަލުވާން ޖެހޭ. ތަރައްގީގެ ހިސާބު، ސަރަހައްދު ވެސް ބަދަލުވާން ޖެހޭ. ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑޫގައި ގަން އެއާޕޯޓު ބޭނުންކޮށްގެން މާދަމާ ވެސް އަޅުގަނޑުމެން މި ބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް ހޯދެން އެބައޮތް" ނަޝީދު ވިދާޅުވިއެވެ.