Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މެގީ ބްރޭންޑުގެ ކާނާގައި ލެޑު ހުރިކަމަށް ނެސްލޭއިން އެއްބަސްވެއްޖެ

ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ބޭނުންކުރާ "މެގީ" ބްރޭންޑު ކާނާގައި ލެޑު ހިމެނޭ ކަމަށް ނެސްލޭ އިން އިންޑިޔާގެ ސުޕްރީމް ކޯޓުގައި އެއްބަސްވެއްޖެއެވެ.

ނޭޝަނަލް ކޮންސިއުމާ ޑިސްޕިއުޓްސް ރެޑްރެސަލް ކޮމިޝަން(އެންސީޑީއާރްސީ) އިން ނެސްލޭ އިންޑިޔާ އާ ދެކޮޅަށް ހުށައެޅި މައްސަލާގައި ކުންފުނިން މެގީ ނޫޑްލްސްގައި އިންސާނުންގެ ހަށިގަނޑަށް ނުރައްކާވާ މިންވަރަށް ލެޑު ހުންނަ ކަމަށް ވަނީ އެއްބަސްވެފައެވެ.

އެހެން ނަމަވެސް ދާދި ފަހަކާ ޖެހެންދެން ވެސް ނެސްލޭ އިން ވަނީ މެގީ ނޫޑްލްސްއަކީ އަބަދުވެސް އިންސާނުންނަށް ގެއްލުމެއް ނުވާ، އަދި ފައިދާހުރި ނޫޑުލީހެއް ކަމަށް ބުނެ ކެމްޕޭނެއް ވެސް ކޮށްފައެވެ. ނެސްލޭ އިން ބުނެފައިވަނީ ދުނިޔޭގެ ވަޔާއި، ފެނުގައި ވެސް ލެޑު ހިމެނޭ ކަމަށާއި އެއީ އެމީހުން އިތުރަށް އަޅާ ކެމިކަލެއް ނޫން ކަމަށް ދިފާއުގައި ބުނެފައެވެ.

އަދި އެތައް ފަހަރަކު މަތިިން ނޫޑުލީހުގެ މާއްދާތައް ޓެސްޓުކޮށް އިންސާނުންނަށް ގެއްލުމެއް ނެތް ކަން ސާބިތުވެފައިވާ ކަމަށް ކޯޓުގައި ނެސްލޭގެ ދިފާއީ ޓީމުން ބުނެފައިވެއެވެ.