Last Updated: March 29, 06:30
Friday, March 29, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ފަނަރަވަނަބައި)

އާއިންގެ އަތުތެރޭގައި އޮތް ފަރަހަނާޒްގެ މަޑުމަޑު އަތަށް އޭނާފިތާލިއެވެ. އެވަގުތު ފަރަހަނާޒް ސިހިފައި ބަލާލުމުން ލޯބިވެތި ގޮތަކަށް އާއިން ހިނިތުންވެލިއެވެ. ފަރަހަނާޒްވެސް ލަދުރަކި ހިނިތުންވުމެއް އާއިންއަށް ހަދިޔާކުރަމުން އިސްޖަހާލިއެވެ. ހިތްއަވަސްވަމުން ދިޔަ ވަރަކަށް ދަތުރުވެސް ދިގުވާހެން ފަރަހަނާޒަށް ހީވިއެވެ. ނަމަވެސް އާއިން އިނީ އެގޮތުގައި ފަރަހަނާޒާއެކު ކިތަންމެ ދިގު ދަތުރެއްވެސް ކުރަން ތައްޔާރަށެވެ.

" ކޮބާ….ފައިބަންވީނު؟…" ކާރު މަޑުކޮށްލުމުންވެސް ފައިބަން ނޫޅެ އާއިންމެން ތިބުމުން މާޒް ބުނެލިއެވެ. އާއިން ކުޑަކޮށް ސިހިފައި ފައިބަން އަވަސްވެގަތެވެ.
އާއިން ކާރުން ފޭބުމަށްފަހު އަނެއްފަރާތަށް ގޮސް ފަރަހަނާޒް ފޭބުމަށްޓަކައި ދޮރު ހުޅުވާލަދިނެވެ. ފަރަހަނާޒްގެ އަތުގައި ހިފައިގެން އާއިން ގެޔަށް ވަނުމާއެކު އޭނާއަށް ލިބުނީ ހައިރާންކަމެކެވެ. އެދެމަފިރިންނަށް މަރުހަބާ ކިޔުމުގެ ގޮތުން ގޭތެރެވަނީ ވަރަށް ރީތިކޮށް ޒީނަތްތެރި ކުރެވިފައެވެ. އެމީހުންގެ އިސްތިޤުބާލުގައި ޒާހިދާއާއި އައިރާއާއި އާޒިމްގެ އިތުރުން އާޒިފާގެ ދެމަފިރިންވެސް އުފަލުން ހެވިފައި ތިއްބެވެ. މަދީ ހަމައެކަނި ޝައުންއެވެ. އޭނާ މިއަދު އިރުއެރީއްސުރެ މާބޮޑަށް ބޮލުގައި ރިއްސަނީކަމުގައި ބުނެ ކޮޓަރިންވެސް ނުނުކުތެވެ.

އާއިންގެ ގާތަށް ޖެހިލާފައި ހެޔޮދުޢާ ކުރަމުން އާޒިމް ބައްދާލިއިރު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އާދެއެވެ.
" ބައްޕަ މިއަދު ވަރަށް އުފާވެއްޖެ…އަބަދުވެސް ތިދެކުދިން އުފަލުގާ ލަހައްޓަވާށި…" އާއިން ގަޔާދުރުކޮށްލަމުން ބުރަކަށީގައި ފިރުމާލާފައި އާޒިމް އަނެއްކާވެސް ހެޔޮދުޢާކުރިއެވެ. ޒާހިދާވެސް އެދެމަފިރިންނަށް ހެޔޮދުޢާކުރިއެވެ. އާއިންމެން އައިސް ސޯފާގައި އިށީނުމުން ފަހަރަކު މީހަކު އައިސް ސެލްފީނަގަން ފެށިއެވެ.

" ދަރިފުޅާ ފަރަހަނާޒް ގޮވައިގެން އިހަށް ކޮޓަރިއަށް ދާންވީނު" އެންމެންގެ މެދުގައި އިންނަންވުމުން ފަރަހަނާޒް މާބޮޑަށް ހާސްވެފައި ހުރިހެން ހީވާތީ އާޒިމް ބުނެލިއެވެ. އާއިންވެސް ހުރީ ފަރަހަނާޒްއާއެކު އެކަނިވެލަން ބޭނުންވެފައެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ފަރަހަނާޒް ގޮވައިގެން ކޮޓަރިއަށް ދިއުމަށެވެ. ފަރަހަނާޒްވެސް ހިތްއަވަސްވެފައި ހުރެ އާއިންގެ ފަހަތުން ހިގައިގަތެވެ.

" މީ އަހަރެންގެ ކޮޓަރި….ނާޒްއަށް ކަމުދާނެކަމެއް ނޭނގެ…" ކޮޓަރީގެ ދޮރުހުޅުވާލަމުން އާއިން ބުނެލިއެވެ. ފަރަހަނާޒް ބަހެއްވެސް ނުބުނެ ކޮޓަރިއަށްވަދެ ވަށައިގެން ލޯހިންގާލިއެވެ. އެއީ ތަނަވަސް އަދި އެހާމެ ރީތި ކޮޓަރިއެކެވެ. ކޮޓަރީގައި މައިގަނޑު ކުލައަކަށްހުރީ ހުދުކުލައެވެ. ފަރުނީޗަރުވެސް ހުރީ ހުދުކުލައިންނެވެ.

" ވަރަށްރީތި.." ހިނިތުންވެލަމުން ފަރަހަނާޒް ބުނެލިއެވެ.

" އޯހ…ވަރަށް އުފާވެއްޖެ….އާދޭ އިށީންނަން…" ފަރަހަނާޒްގެ އަތުގައި ހިފާލަމުން އާއިން ބުނެލިއެވެ. ފަރަހަނާޒްވެސް ދެބަހެއްނެތި ގޮސް އެނދުގައި އިށީނެވެ.

" އަދިވެސް ބިރުންތަ ތިއިނީ؟.." ފަހަރަނާޒް އިސްޖަހައިގެން މަޑުމަޑުން އިނުމުން އާއިން އަހާލިއެވެ.

" އުނހު…" ފަރަހަނާޒް ދެފަރާތަކަށް ބޯހަލުވާލަމުން ބުންޏެވެ.

" ދެން ކީއްވެ ވާހަކަ ނުދައްކާ ތިއިނީ؟…" ފަރަހަނާޒްއާ ގާތަށް ޖެހިލަމުން އާއިން އަހާލިއެވެ.

" ހުދުކުލަތަ އެންމެ ކަމުދަނީ؟.." ދައްކާނެ އިތުރު ވާހަކައެއް ނޭނގުމުން ފަރަހަނާޒް ބުނެލިއެވެ.

" އާނ…ކިހާ ޝާހީ ގޮތެއްހުރޭ ހުދުކުލައިގަ….އެކަމު ނާޒް ބޭނުމިއްޔާ އެހެންކުލައަކަށްވެސް ބަދަލު ކުރެވިދާނެ…ނާޒް ބޭނުން ގޮތަކަށް ކޮޓަރި ޒީނަތްތެރިކުރެވޭނެ….މީގެފަހުން މިއީ ހަމަ ނާޒްގެވެސް ކޮޓަރި…." އާއިން ބެލީ ވީހާވެސް ބޮޑަކަށް ނާޒްއަށް އަމިއްލަވަންތަކަން އިހުސާސް ކޮށްދިނުމަށެވެ.

އާއިންއަށް ފަރަހަނާޒްއާ މާގިނަ ވާހަކައެއް ދައްކާނެ ފުރުސަތެއް ނުލިބުނެވެ. އިރުކޮޅަކުން އިވުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހި އަޑެވެ. ދެތިން ފަހަރަކު ޓަކިޖަހާލުމުން އާއިން ތެދުވެގެން ގޮސް ދޮރުހުޅުވިއެވެ. އެއާއެކު ކުއްލިއަކަށް އުޝާ އެތެރެއަށް ދެމިގަތެވެ. އަދި އާއިންއަށް އެއްޗެއް ބުނާނެ ފުރުސަތުވެސް ނުދީ އާއިންގެ ބުރަކަށީގައި އަޅާފައި ބޭރަށް ނެރެ ދޮރުލައްޕައިފިއެވެ.

" ވަޓް؟.." އުޝާގެ އެހަރަކާތުން ހައިރާންވެފައިހުރެ އާއިންއަށް ބުނެވުނެވެ.

" އާދޭ….ދެން ތިތާހުރުމުގެ ބޭނުމެއްނެތް…" އިޒްޔަން އައިން އާއިންގެ ކޮނޑަށް އަތްވައްޓާލަމުން ހެވިފައިހުރެ ބުނެލިއެވެ.

" ތެދެއް…ދެން އާދޭ އަހަރެމެންނާއެކު…." މާޒްވެސް އިޒްޔަންއާ އެއްބައިވެލިއެވެ. އެމީހުން އާއިންގޮވައިގެން ގޮސްވަނީ ގެސްޓްރޫމަށެވެ.

" ކީއްކުރަން މިތަނަށް ތިގެނައީ؟.." ނުރުހުންވެފައި އާއިން ބުންޏެވެ.

" ކެތްތެރިވޭ….ދެން ނާޒް ފެންނާނީ މިރޭ…." ހިނިއައިސްފައި މާޒް ބުނެލިއެވެ.

" މަށަށް އެނގޭ އޭރުވެސް ތިކަހަލަ ސަކަރާތެއް ޖަހާނެކަން…." އާއިންވެސް ހަމަޖެހިލާފައި ޖަވާބުދިނެވެ. ދެން ދިޔައީ އާއިންއަށް ގޯނާކުރުމުގެ ވަގުތު ވަގުތުކޮޅެކެވެ. އަނެއްކޮޅުން އުޝާވެސް ފަރަހަނާޒްއާ ގޯނާކުރަމުން ދިޔައެވެ.

" ދެން ލާހިކެއްނޫން…އާންއަކަށް މިއަދު މިކޮޓަރިއަށް ވަންނާކަށް….ދެން ނާޒް ފެންނާނީވެސް މިރޭ…." އުޝާ ބުނެލިއެވެ.
*****
ރޭގަނޑުގެ ވަގުތެވެ. ޕާކްވިއު ހޮޓެލްގެ ލޮބީވަނީ މިރޭގެ ހަފްލާއަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. މާބޮޑު ހަފްލާއެއް ބާއްވަން އާއިން ބޭނުން ނޫންކަމުގައި ބުނިނަމަވެސް، އާޒިމްގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރީންނާއި ދަންނަ ރައްޓެހީންނަށް ދައުވަތުދީ ނިމުމުއިރުވަނީ ބޮޑު ހަފްލާއެއް ބަދަލުވެފައެވެ. އެހެންކަމުން އާއިންވެސް އެއިން ކަމަކާ ދެކޮޅު ހަދާކަށް ބޭނުމެއްނުވިއެވެ. އެޔަށްވުރެ ބޮޑަށް އޭނާހުރީ،އޭނާގެ ހިތުގެ ރާނީ މިލްކުވީތީ އުފާވެފައެވެ.
ހަފްލާފެށެން ގަޑި ކުޑަތަންވަމުން އައިވަރަކަށް އެންމެންގެ ހަރަކާތްތައްވެސް އަވަސްވަމުން ދިޔައެވެ. އާއިންގެ ކޮޓަރީގައި އުޝާއާއި ޝާލީގެ އެހީގައި ފަރަހަނާޒް ތައްޔާރުވަމުން ދިޔައިރު، އައިރާއާއި ތޫބާވެސް އެމީހުނަށް އެހީތެރިވަމުން ދިޔައެވެ. އަނެއްކޮޅުން އާއިން ދިޔައީ ގެސްޓްރޫމުގައި އޭނާގެ އެކުވެރިންނާއެކު ތައްޔާރުވަމުންނެވެ.

" މާޝާ ﷲ….މިރޭ އާން މޮޔަނުވިއްޔާ ދެރަ….ހާދަލޯތްބޭ ނާޒް…" މޭކަޕްކޮށް ނިމުމުން ފަރަހަނާޒަށް ބަލާލާފައި އުޝާބުނެލިއެވެ.
" އަސްލުވެސް ދޮންބެ ދައްތަ ހާދަ ރީއްޗޭ….ދޮންބެއަށް ނުވެސް އެނގޭނެކަން ޔަޤީން…" އުފާވެފައި އައިރާވެސް ފަރަހަނާޒަށް ތަޢުރީފު ކޮށްލިއެވެ.

" އެސްފީނާގެ ލޯތަކުން ނާޒްސަލާމަތް ކޮއްދެއްވާށި!" ތޫބާވެސް ބުނެލިއެވެ.

ފަރަހަނާޒަށްވެސް ލޯގަނޑުން އޭނާގެ އަމިއްލަ ސޫރަ ފެނުނު ވަގުތު ހައިރާންވިއެވެ. މިރޭ އޭނަ ފެންނަނީ މުޅީން އެހެންމީހެއްގެ ގޮތުގައެވެ. އަދި އަމުދުން ލާފައިވާ މެރޫން ކުލައިގެން ކައިވެނީގެ ހެދުމުގެ ސަބަބުން އޭނާގެ ފުރިހަމަކަން އިތުރުކޮށްދީފައި ވެއެވެ. ފަރަހަނާޒްއާއި އާއިންއަށްވެސް ތައްޔާރުވެގެން ސިޓިންރޫމަށް ނުކުމެވުނީ ދާދި އެކުއެކީގައެވެ. އިސްޖަހާލައިގެން ހުރި ފަރަހަނާޒް ފެނިފައި އާއިންގެ ތަލިން ކުޅުހިކުނެވެ.

" މާޝާﷲ…ސުބުޙާނަﷲ…މިއީހަމަ ނާޒްތަ؟.." ހިތާ ހިތާ އާއިންއަށް ކިޔާލެވުނެވެ.

" ހަފްލާއަށް ދާނެކަމެއް ނެތް ދޯ އާން…" އާއިންގެ ކޮނޑުގައި ޖަހާލަމުން މާޒް ބުނުމާއެކު ސިހިފައި އޭނާއަށް ހޭވެރިކަންވިއެވެ.

އާއިން ހިނިތުންވެލަމުން ނާޒްގެ ގާތަށް ދިޔައެވެ، އަދި ނާޒްގެ އަތުގައި ހިފައިގެން ބޭރަށް ނުކުތެވެ.
ކާރުގައި އިންއިރުވެސް އެންމެ ފަހަރަކުވެސް އާއިންގެ ނަޒަރު ފަރަހަނާޒްގެ މޫނުން ވަކި ނުވެއެވެ. އެކަން އިހުސާސްވާތީ ލަދުންގޮސް ފަރަހަނާޒް އޭނާގެ ހެދުމުގެ ފަސްބަޔާ ކުޅެލަކުޅެލާ އިނެވެ. ހޮޓެލްގެ ދޮރުމައްޗަށް ކާރުމަޑުކޮށްލުމާއެކީ އާއިން ކާރުން ފޭބިއެވެ. އަދި ފަރަހަނާޒް އިން ފަރާތުގެ ދޮރުފަތް ހުޅުވާލަދިނުމުން ފަރަހަނާޒް ކާރުން ފޭބިއެވެ. އެވަގުތު އޭނާގެ ދެފައި އޮޅި ވެއްޓެން އުޅުމުން ހުޝިޔާރުކަމާއެކީ އާއިން އޭނާ ހިފެހެއްޓިއެވެ. ފަރަހަނާޒްގެ އަތުގައި ހިފާލައިގެން ސަމާލުކަމާއެކީގައި އާއިން ކުރިޔަށްދިޔައިރު މާޒްއާއި އިޒްޔަންވެސް ދެބޮޑީގާޑުން ފަދައިން އެމީހުންގެ ފަހަތުން ދިޔައެވެ. ހާދީގައި އާޒިމް މާކުރިއްސުރެ އެމީހުންގެ އިސްތިޤުބާލުގައި ލޮބީގައި ތިއްބެވެ. އެދެމަފިރިންނަށް ޚާއްސަކުރެވިފައިވާ މަސަންދުގައި ދެމީހުން އިށީނެވެ.
ޝައުންއާއި އިޒްވާން ގޮވައިގެން އަޒީފާގެ ދެމަފިރިންވެސް ހޮޓެލްއަށް ދިއުމަށްޓަކައި ކާރުގައި މިސްރާބު ޖެހިއެވެ. އަޒީފާވެސް މިރޭހުރީ ނުހަނު ފުރިހަމައަށް ތައްޔާރުވެގެންނެވެ. އޭނާގެ މޫނުމަތިންވެސް އުފާވެރިކަން ވިދާބަބުޅައެވެ.

" ދަރިފުޅާ….އަދިވެސް ބޮލުގަ ރިއްސަނީތަ؟…" ޝައުން މާމަޑުމަޑުން އިނުމުން އޭނާގެ ބައްޕަ އަމީން އަހާލިއެވެ.

" ނޫން…އަހަރެން މިހާރު މުޅިން ރަނގަޅު…" ގަދަކަމުން ހިނިތުންވެލަމުން ޝައުން ބުނެލިއެވެ.

ބޮލުގައި ރިއްސާކަމުގެ ބަހަނާގައި މިއަދު ހަތަރުދަމު އޭނާ އޮތީ ކޮޓަރީގައެވެ. އާއިންގެ ކައިވެނީގެ އެއްވެސް ކަމެއްގައި އޭނާ ބައިވެރިއެއް ނުވެއެވެ. އޭނާ ކުއްލިއަކަށް ބަލިވުމުން މަންމައާއި ބައްޕަ ކަންބޮޑުވި ނަމަވެސް އާއިންގެ ކައިވެނީގެ ސަބަބުން އެމީހުންތިބީ އިންތިހާއަށް އުފާވެފައެވެ. ދޮންބެއާއި ދޮންބެ ދައްތައަށްވެސް އޭނާގެ ހާލުބަލާލާނެ ވަގުތުވެސް ނުވިއެވެ. ނަމަވެސް އައިރާ އޭނާއަށް ގުޅައިގެން މާލެއައުމަށްވެސް ކިތަންމެ ފަހަރަކު އެދުނެވެ. އޭނާ އަރާމުކުރަން ބޭނުންވާ ކަމުގައި ބުނެ އިންކާރުކުރީއެވެ. އެހެންނަމަވެސް ހަފްލާއަށް ނުގޮސް އޮންނަން އޭނާއަށް ނުކެރުނީއެވެ. އާއިންއަކީ އޭނާގެ އެންމެގާތް އެކުވެރިޔާކަމަށް ކުޑައިރުއްސުރެ ދައުވާކުރަމުން އައިއިރު، އާއިންގެ ކައިވެނި ހަފްލާއަށް ނުގޮސް ހުންނަން އޭނާއަށް ކެރޭނެ ހެއްޔެވެ؟ ކިތަންމެ ހިތްނޭދުނު ނަމަވެސް މިއަދު އެނޫންގޮތެއްވެސް އޭނާއަކަށް ނެތެވެ.

ހަފްލާފެށިއްޖެއެވެ. ބައިބަޔަށް މީހުންތައް އައިސް ދެމަފިރިންނަށް ހެޔޮދުޢާއާއި މުބާރިކުބާދު ދެމުންދިޔައެވެ. މޭޒުތަކުގެ ދޮށުގައި ބައިބަޔަށް ކެއުމަށް އިންސާފުކުރަމުން ދިޔަމީހުންގެ ހިނިތުންވެފައިވާ މޫނުތަކުން މެހެފިލްގެ އުޖާލާކަން އިތުރުކޮށްދެމުން ދިޔައެވެ. މާޒްއާއި އިޒްޔަން ކޮޅުކޮޅު މައްޗަށް ހަރަކާތްތެރިވަމުން ހަފްލާގެ ކަންކަން ހިނގާ ނުހިނގާގޮތް ބަލަމުން ދިޔައިރު، އުޝާއާއި އައިރާ އަދި ތޫބާވެސް ތަންކޮޅެއް ދުރުގައިހުރި މޭޒެއްގެ ކައިރީގައި ތިއްބެވެ.

" ތޫ…ކީއްވެ މާމަޑުން ތިއިނީ…." މާބީރައްޓެހި ގޮތަކަށް ތޫބާ އިނުމުން އުޝާއަހާލިއެވެ.

" ނޫނޭ…މިދެން ހަމައިނީ….އަހަރެން ބޭނުން ނާޒްމެންގެ ފޮޓޯއެއްނަގަން….އެކަމު މިގަޑީގަ މީހުން ގިނަވީމަ މިއިނީ…" ތޫބާ ބުނެލިއެވެ.

" އަދި ފޮޓޯނެގުން އޮތީނު ކުރިޔަށް….އިހަށް މަޑުކޮށްލަން…މީހުން އައިސް ހަމަޖެހުނީމަ…އަހަރެމެން ދާނީ އެމީހުނަށް ގޯނާކޮށްލަން…" އުޝާ ބުނެލިއެވެ.

" އުޝްތަ..ކޮބާތަ ޝައުން…އަދިވެސް ނާންނަނީތަ؟…ފޯނެއްވެސް ނުގަނާ…" ޝައުންގެ ޚަބަރެއް ނުވުމުން އައިރާ ބުނެލިއެވެ.

" މަންމައަށް ގުޅީމަ ބުނި މިއަންނަނީއޭ…މިހާރު އަންނަހާ އިރުވެއްޖެ….އަޅެ ގުޅާލާނަން…" އުޝާ ފޯނުނަގަމުން ބުނެލިއެވެ.

" އެތިބަ އައީ؟…" އިންތަނުން ތެދުވަމުން ކުއްލިއަކަށް އައިރާ ބުންޏެވެ. އޭރު އަޒީފާމެން ވަދެގެން އާދެއެވެ.

އަޒީފާގެ ފަހަތުން އައި ޝައުންއަށް ފަރަހަނާޒްއާއި އާއިން ފެނިފައި ހުރިފިޔަވަޅުމަތީގައި ހުއްޓެވުނެވެ. އަތްދިގު ހުދުގަމީހުގެ މަތިން ކަޅު ޓަކްސިޑޯއެއްލައި މެރޫން ޓައީއެއް އަޅާފައި ހުރި އާއިންގެ ފުރިހަމަކަން ފެނިފައި ޝައުންއަށް ނޭވާލާންވެސް ހަނދާންނެތުނު ފަދައެވެ. ހަމަ އެސިކުންތުގައި ފަރަހަނާޒްގެ ރީތިކަންފެނިފައި އޭނާގެ ހިތް އަނދައިގަތެވެ. ކަޅިޖަހާނުލައި އެދެމީހުންނަށް ބަލަންހުރިއިރު، ޝައުންގެ ހަށިގަނޑުގައި އާދަޔާ ޚިލާފު ހޫނުކަމެއް އުފެދުނެވެ. ދާދިގާތުގައި ހުރިއިރުވެސް މިއަދު އާއިންއަށް އޭނާ ނުވެސްފެނުނެވެ. އާއިންގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ އޭނާގެ ގާތުގައިހުރި ފަރަހަނާޒަށެވެ.

" ޝައުން…ތިއައީދޯ؟.." ކުއްލިއަކަށް އައިރާ އައިސް ޝައުންގެ އަތުގައި އޮޅުލައިގަތެވެ.

" އަޅެ ލޯތްބެއްނޫންތަ މަގޭ ދޮންބެ ދައްތަ؟.." އުފާވެފައި އައިރާކުރި ސުވާލުން ޝައުންގެ މޭގައި ދިލަހޫނެއް އުފެދިގެން ދިޔައެވެ.

އޭނާ އަނގައިންވެސް ނުބުނެ އާއިންމެންނާ ދިމާއަށް މިސްރާބުޖެހިއެވެ. ހިތުގައި ގިނި އަނދަމުން ދާހާލުވެސް ތުންފަތްމައްޗަށް މަސްނޫއީ ހިނިތުންވުމެއް ވެރިކޮށްގެންހުރެ ގޮސް އާއިންގެ ދެމަފިރިންނަށް އޭނާ މަރުޙަބާކިޔެވެ.

" ޝުކުރިއްޔާ…ސްވީޓީ…ހާދަލަހުންނޭ ތިއައީ…ދޮންބެ ބުނި ބަލިވާހަކަ އަދިވެސް އޯކޭ ނުވަނީތަ؟…" ޝައުންގެ މޫނަށް ބަލާލަމުން އާއިން ސުވާލުކޮށްލިއެވެ.

" ނޫނޭ…މިހާރު އޯކޭ…އޯކޭނޫނަސް ހީވޭތަ އަހަރެން އާންގެ ވެޑިން ޕާޓީއަށް ނައިސް ހުންނާނެހެން؟" އާއިންގެ އަތުގައިހިފައި ކުޑަކޮށް ފިތާލަމުން ޝައުން ޖަވާބުދިނެވެ. އާއިންއަށް އެކަން އިހުސާސްވީ ނަމަވެސް މާބޮޑު ސަމާލުކަމެއްނުދީ ހިނިތުންވެލިއެވެ.

" ވާއު…ނާޒް މިރޭ ހީވަނީ ފަލަކުގެ ޕަރީއެއްހެން….ވަރަށްރީތި…" ހަސަދައިން ހިތްފޯވަމުން ދިޔަހާލުވެސް ފަރަހަނާޒްގެ އަތުގައި ހިފާލަމުން ޝާއިރީ އިބާރާތަކުން ޝައުން ތަޢުރީފުކޮށްލިއެވެ.

އޭނާއަށް ވެގެންވާނަމަ މިހާރު ހަމަ މިވަގުތުވެސް ފަހަރަނާޒް އެތަނުން ގެއްލުވާލީހެވެ. އޭނާއަށް އެފަދަ ބާރެއް ލިބިފައިވާނަމައޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އެހާވެސް ބޮޑަށް އޭނާ ފަރަހަނާޒަށް ނަފްރަތު ކުރެއެވެ. ފަރަހަނާޒް އާއިންގެ ޙަޔާތަށް ނައިނަމަ މިރޭ އާއިންގެ ގާތުގައިހުރީހީ އޭނާއެވެ. ފަރަހަނާޒް ހީލުމުން ބޭއިޚްތިޔާރުގައި ޝައުންއަށް ދަތްކުނޑި ވިކާލެވުނެވެ. އަދި އަވަސް އަވަހަށް ފަރަހަނާޒްގެ އަތުންދޫކޮށްލުމަށްފަހު އޭނާ ހިނގައިގަތެވެ.

އެންމެން އެއްތާކު ތިބެގެން ހީހީފައި ކެއުން ކުރިޔަށް ގެންދިޔައިރު، ޝައުން ހިމޭންކަމާއެކު ކަމުން ދިޔައެވެ. އިރުއިރުކޮޅުން ސިއްރު ސިއްރުން އާއިންމެންނާ ދިމާ އޭނަ ބަލާލައެވެ. އާއިން ފަރަހަނާޒްއާ މުޚާތަބުކޮށް ސިއްރު ސިއްރުން އެއްޗެއް ބުނެލާފައި ހިނިތުންވެލިގޮތުން ޝައުންގެ ހިތަށް ތަދުވިއެވެ. އެވަގުތު އޭނާގެ ކަރުގައި އަޅައިގަނެ އުކުނޑިކޮށްޓާގޮތްވިއެވެ.

" އަން އަވަހަށް ފެންފޮދެއްބޯލާ…." ތޫބާ އަވަހަށް ޝައުންއަށް ފެންދިނެވެ. އެވަގުތު އެއްނޭވާއިން އޭނާ ފެންތަށި ހުސްކޮށްލިއެވެ. ނަމަވެސް އޭނާގެ ހިތުގެ ގިލަން ލުއިވާނީ ކިހިނެއް ހެއްޔެވެ؟ އާއިންވަނީ އެހިތް އެކުގައި ޒަޚަމްކޮށްލާފައެވެ. މިރޭ ތަކުރާރުކޮށް ފެންނަމުންދިޔަ ހިތްދަތި މަންޒަރުތަކުން އިތުރަށް އެހިތް ފޮތިފޮތި ވެއްޖެއެވެ. ހިތަށްއެރި އެއްޗެހީގެ ސަބަބުން އިސާހިތަކު އޭނާގެ ލޯވެސް ކަރުނުން ފުރިއްޖެއެވެ.

" މިހާރު އޯކޭތަ؟…" ޝައުންއަށް ބަލާލަމުން އުޝާބުނެލިއެވެ.

" އަދިވެސް އޯކޭއެއްނޫންދޯ…." ޝައުންގެ ލޮލުން ކަރުނަ އައިސްފައިވާތަން ފެނިފައި ކަންބޮޑުވެފައި އިޒްޔަން ބުނެލިއެވެ.
" ދޮންބޭ…ބޮލަށްތަދުވަނީ…ގެޔަށްދާން ބޭނުން…" ކުޑަކުއްޖަކު ފަދައިން ތުންއޫކޮށްލަމުން ޝައުން ބުނެލިއެވެ. އޭރުވެސް އޭނާގެ ލޮލުން ކަރުނައާދެއެވެ.

" އޯކޭ….ދޮންބެ އެބައަންނަން މަންމަ ގޮވައިގެން…." އިޒްޔަން ތެދުވަމުން ބުންޏެވެ.

" ނޫން…މަންމައަށް އަންގާނެ ކަމެއްނެތް….ދޮންބެ އަހަރެން ގެންގޮސްދީ….އަހަރެން ބޭނުމީ ޖައްސާލަން…" ބަލިއަޑަކުން ޝައުން ބުންޏެވެ.
" އަހަރެންވެސް ދާނަން ޝައުންއާއެކީ…" އުޝާ ބުނެލިއެވެ.

" ޑޮކްޓަރަށް ދައްކަންވީނު…އެހެންނޫނީ މާބޮޑަށް ބަލިވެދާނެ…" މާޒްވެސް ލަފާދިނެވެ.

" ނޫނޭ….ޑޮކްޓަރަކަށް ނުދާނަން….ބޭސްކައިގެން ނިދީމަ ރަނގަޅުވާނެ…އިއްޔެ މާގިނައިން ޗޮކްލެޓްކެއީމަ ވީގޮތެއްހެން ހީވަނީ…" ޝައުން އަވަސް އަވަހަށް ބުނެލިއެވެ. އޭނައަކީ މައިގްރޭންގެ އުނދަގޫވާ ކުއްޖެއްކަމުން ވަކިވައްތަރެއްގެ ޗޮކްލެޓެއް ކެއުމުން އޭނާއަށް އުނދަގޫވެއެވެ.

" އޯކޭ…ހިނގާދާން…." ޝައުންގެ އަތުގައި ހިފައިގެން އިޒްޔަން ހިނގައިގަތެވެ.

" އައިރާގެ ކޮޓަރިއަށްދާންވީނު…އޭރުން ކުޑަކޮށް ރަނގަޅުވީމަ އާދެވިވެސް ދާނެއެއްނު…" ހޮޓެލްއިން ނުކުމެފައި އިޒްޔަން ޚިޔާލުދިނެވެ.

" ނޫން…ބޭނުމީ ގެޔަށްދާން…ހެދުން ބަދަލުކޮށްގެންނެއްނު ނިދޭނީވެސް…" ޝައުން ބުނެލިއެވެ. އެންމެފަހުން އިޒްޔަން އެގޮތާ ގަބޫލުވިއެވެ.

ނުނިމޭ