Last Updated: April 23, 12:16
Tuesday, April 23, 2024
ޓެކްނޮލޮޖީ

ވާވޭ އިން ދެން އެންމެ އަވަހަށް ނެރޭ ފޯނުގައި ހެޑްފޯން ޖެކް ޖަހާނެ ތަނެއް އިންނާނެ!

ފަހަކަށް އައިސް މޯބައިލް ފޯން އުފައްދާ ކުންފުނިތަކުން ނެރެމުން އަންނަ ފޯނުތަކުގައި ހެޑްފޯން ޖެކް ޖަހާ ތަނެއް ހިމަނާފައިނުވާއިރު އަލުން އެ ގެންނާނެކަމުގެ އިޝާރާތެއް މިހާތަނަށް އައިއިރު އެއްވެސް ކުންފުންޏަކުން ދީފައިނުވީނަމަވެސް ވާވޭ އިން އަލަށް ނެރެން އުޅޭ ފޯނުކަމަށްވާ ވާވޭ ޕީ30 ގައި އަލުން ހެޑްފޯން ޖެކް ޖަހާ ތަނެއް ހިމަނާނެކަމަށް އޮންލީކްސް އާއި 91މޯބައިލްސް އިން ހާމަކޮށްފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕީ30 ގައި ހެޑްފޯން ޖެކް ޖެހުމަށް ކަނޑައަޅާފައިވާ ޕޯޓް އިންނާނީ ޔޫއެސްބީ-ސީ ޕޯޓް އާ ޖެހިގެންނެވެ. ވަޔަލެސް އޯޑިއޯ އަށް އަދި ދާން ބޭނުންނުވާނަމަ މިއީ ކޮންމެހެން ނުގަނެ ދޫކޮށްލެވޭނެ ފޯނެއް ނޫނެވެ.

އިތުރަށް ހާމަވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ފޯނުގައި 6 އިންޗީގެ އެމޮލެޑް ޑިސްޕްލޭއަކާއި ވަންޕްލަސް 6ޓީ ގެ ސްޓައިލްއާ އެއްގޮތަށް ސްކްރީންގެ މަތީ ދާރަ ކައިރީގައި ހުސް "ޓިއާޑްރޮޕް ނޮޗް" ތަންކޮޅެއް އިންނާނެއެވެ. އަދި މަތިން ތިރިއަށްވާގޮތަށް ފޯނުގެ ފަހަތުގައި ތިން ކެމެރާ އިންނާނެއެވެ. ފޯނުގެ ފަހަތުގައި ހިމެނޭ ތިން ކެމެރާގެ ތެރޭގައި 40 މެގަޕިކްސެލް ކެމެރާއަކާއެކު ފަސްގުނަ އަށް ޒޫމް ކުރެވޭނެއެވެ. މި ފޯނުގައި ސެލްފީ ނެގުމަށް ހާއްސަކޮށް 24 މެގަޕިކްސެލް ކެމެރާ އަކާއި ޑިސްޕްލޭގެ ދަށުގައި ފިންގާ ޕްރިންޓް ސްކޭނަރެއް ހިމަނާފައިވެއެވެ. މީގެއިތުރުން، ވާވޭގެ މޭޓް 20 އެކޭ އެއްގޮތަށް ކިރިން 980 ޕްރޮސެސާއެއް މި ފޯނުގައި ހިމަނާނެކަމަށްވެއެވެ.

އިންޓަނެޓްގައި ދައުރުވަމުންދާ މަޢުލޫމާތުތަކަށް ބަލާއިރު، އަންނަ ފެބުރުއަރީ މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯބައިލް ވޯލްޑް ކޮންގްރެސްގައި ވާވޭ އިން މި ފޯނު ނެރެދާނެކަމަށް ބެލެވޭއިރު އެ ކުންފުނީގެ ޕީ20 ނެރެފައިވަނީ މިދިޔަ އަހަރުގެ މާރިޗް މަހުގެ ފަހުކޮޅުގައިކަމަށްވާތީވެ މިއަހަރުގެ މާރިޗް މަހު މި ފޯން ނެރުމަކީވެސް އެކަށީގެންވާކަމެކެވެ.