Last Updated: April 18, 10:28
Thursday, April 18, 2024
ޚަބަރު

ނިޒާރުގެ ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދެނީ

އައްޑޫ ސިޓީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ އަލީ ނިޒާރުގެ ކެމްޕެއިން ޕޯސްޓަރުތަކަށް ތަކުރާރުކޮށް ގެއްލުން ދެމުން ގެންދާތީ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ނިޒާރު ކެމްޕެއިންގައި އިސްކޮށް އުޅުއްވާ ފަރާތަކުން ބުނިގޮތުގައި ނިޒާރުގެ ކެމްޕެއިންނަށް ބަހައްޓާ ބޮޑެތި ޕޯސްޓަރުތަކަށް ގެއްލުން ދިނުން ވަރަށް އާއްމު ވެފައިވާ ކަމަށެވެ.

"ޚާއްސަ ގޮތެއްގައި ގެއްލުން މިދެނީ ބޮޑެތި ޕޯސްޓަރުތަކަށް. މިއީ ކޮންމެ ބަޔަކު ކުރި ނަމަވެސް ވަރަށް ނާތަހުޒީބު އަމަލެއް. ކެމްޕެއިން ކުރެއްވުމުގެ ހައްގު ކޮންމެ ބޭފުޅަކަށް ވެސް އޮންނާނެ" އޭނާ ބުންޏެވެ.

ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވަމުން ގެންދަވާ އަލީ ނިޒާރު ވެސް ވަނީ ކެމްޕެއިނަށް ބަހައްޓާ ޕޯސްޓަރުތަކަށް ގެއްލުންދޭ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ފޯރި ވަރަށް ގަދަވެފައި ވާއިރު ޕްރައިމަރީގައި ވާދަކުރައްވަނީ އަލީ ނިޒާރުގެ އިތުރުން އިބްރާހިމް ނާޒިލް އާއި އަހްމަދު ޖާމިޒެވެ.