Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ޑްރީމް ކޭކް އިން އައްޑޫގައި ކުރިޔަށް ގެންދިޔަ ކޭކް ކޯސް ނިންމާލައިފި

ކޭކް ކޯހުގެ ބައިވެރިން

ޑްރީމް ކޭކްއިން އައްޑޫ ސިޓީ ހިތަދޫގައި ކުރިޔަށް ގެންދިޔަ "ވެޑިންގ އެންޑް ޝުގަރ ފްލާވަރ މޭކިންގ ކޯސް" އާދީއްތަދުވަހުގެ ރޭ ނިންމާލައިފިއެވެ.

ޖުމްލަ 12 ފަރާތަކުން ބައިވެރިވި މި ކޯހުގައި ކިޔަވައިދެއްވީ ޑްރީމް ކޭކްގެ މަރިޔަމް ސަލްވީނާ އެވެ. 27 ޑިސެމްބަރު 2018 އިން ފެށިގެން 6 ޖެނުއަރީ 2019ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ހައި ސްކޫލްގައެވެ.

މި ކޯހުގައި ވެޑިންގ ކޭކް ޑެކަރޭޓް ކުރުމުގައި ބޭނުންކުރާ ފޮންޑެންޓް ތައްޔާރުކުރާ ގޮތާއި އަޅާނެގޮތް އަދި ރޯޔަލް އައިސިން ތައްޔާރުކުރާނެ ގޮތާއި އެ ބޭނުންކުރާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދެވުނެވެ. އަދި ގަމް ޕޭސްޓް ބޭނުންކޮށްގެން ތަފާތު ވައްތަރުގެ މާ ހަދާނެގޮތް ވެސް ދަސްކޮށްދެވުނެވެ. މި ކޯސް ނިމިގެންދިޔަ އިރު ވަރަށް ފުރިހަމަޔަށް އެކި ވައްތަރުގެ ވެޑިންގ ކޭކްތައް ތައްޔާރު ކުރަން ދަސްވެގެން ގޮސްފައިވާ ކަމަށް ބައިވެރިވީ ފަރާތްތަކުން ވަނީ ބުނެފައެވެ.

ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި ކޯސް ފުރިހަމަކޮށްފައިވާ ހުރިހާ ބައިވެރިންނަށް ސެޓްފިކެޓް ވަނީ ދެވިފައެވެ. އަދި ބައިވެރިންގެ ފައިނަލް ކޭކް ޑެކަރޭޝަންތައް ވަނީ ދައްކާލާފައެވެ. ބައިވެރިންގެ ފަރާތުން ހުނަރުވެރި މަސައްކަތްތަކެއް ވަނީ މިކޯހުން ފެނިގެން ގޮސްފައެވެ.