Last Updated: April 23, 12:16
Tuesday, April 23, 2024
ޚަބަރު

މެލޭޝިޔާގައި ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސެންސް މިހާރު ބޭނުން ނުކުރެވޭ

މެލޭޝިޔާގައި ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސެންސް ބޭނުންކުރުމާއިބެހޭ އުސޫލްތައް ހަރުދަނާ ކުރުމަށް މެލޭޝިޔާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއިން ފައްޓަވާފައިވާ މަސައްކަތްތަކާއި ގުޅިގެން މެލޭޝިޔާގައި ބޭރު ގައުމެއްގެ ޑްރައިވިން ލައިސެންސް ބޭނުން ކުރުމާއި ކޮންވާޓް ކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

މިކަން ޔަގީންކޮށްދީފައި ވަނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީން ނެރުނު އިއުލާނެއްގައެވެ. އެ އިއުލާނުގައިވާ ބުނެފައިވާ ގޮތުގައި ދިވެހިރާއްޖޭގެ ޑްރައިވިން ލައިސެންސް، އެ އެމްބަސީއިން ދޫކުރާ ލިޔުމާއެކު މެލޭޝިޔާގައި މިހާރު ބޭނުން ނުކުރެވޭނެއެވެ. އެހެން ކަމުން އެ އެމްބަސީއިން ދޫކޮށްފައިވާ ލިޔުމާއެކު މެލޭޝިޔާގައި އެއްގަމުގައި ދުއްވާ އުޅަނދު ދުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުން އެ ލިޔުން ބޭނުން ކޮށްގެން އިތުރަށް ނުދުއްވުމަށް އެމްބަސީއިން އިލްތިމާސް ކުރާކަމަށް މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

މެލޭޝިޔާގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން މައުލޫމާތު ދެއްވާ ގޮތުގައި މި ކަމަކީ އެ ވުޒާރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ހުރިހާ ގައުމަކަށް އެއް ހަމައަކުން ގެނައި ބަދަލެއް ކަމަށް އެމްބަސީގެ އިއުލާނުގައި ވެއެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓުން ނިންމި މި ނިންމުމާއެކު އޭގެ އަސަރު މެލޭޝިއާގައި ދިރިއުޅޭ ގިނަ ދިވެހިން ތަކަކަށް ކުރާނެތީ، ދިވެހި ސަރުކާރުން މިހާރު ގެންދަނީ މިކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން ކަމަށް އެމްބަސީއިން ބުނެފައިވެއެވެ.