Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

އެންޓި ޑިފެކްޝަން ގާނޫނު އަލުން ވުޖޫދަށް ގެންނަން ޖެހޭ: ނަޝީދު

އެންޓި ޑިފެކްޝަން ގާނޫނު އަލުން ވުޖޫދަށް ގެންނަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީ ޕްރައިމަރީގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ރަޝީދުގެ ކެމްޕެއިން އިފްތިތާހުކޮށްދެއްވަމުންނެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރައްޔިތުން ވަކި މީހަކަށް ވަކި ޕާޓީއަކުން އިތުބާރު ދީފައި އޭނާ މަޖިލީހަށް ދިޔުމުން އެކަން ބަދަލުވެގެން ނުވާނެ ކަމަށެވެ. ގާނޫނީ ގޮތުން އެކަމަށް ހުއްޓުމެއް ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެގޮތުން އެންޓި ޑިފެކްޝަން ގާނޫނު އަލުން އެކުލަވާލަން ޖެހޭ ކަމަށާއި މަޖިލީހުގައި އެ ބިލު ފާސް ކުރަން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ޕާޓީ ބަދަލު ކުރުމުގެ ބިލު މަޖިލީހުގައި ފާސްވާން ޖެހޭ ޕާޓީ ބަދަލުވެގެން ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.

މެންބަރުންނަށް މަޖިލީހުގައި ވޯޓު ވިއްކުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށާއި ވޯޓު ދިނުމުގައި ބަލަން ޖެހޭނީ ރައްޔިތުންގެ އިހުސާސްތަކާއި ރައްޔިތުން ބޭނުންވާ ކަންކަމަށް އެކަނި ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ނަޝީދު ވިދާޅުވެފައިވާ ފަދައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުތައް ފުއްދުމަށް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. މަޖިލީހުގެ މެޖޯރިޓީއެއް ނެތި ސަރުކާރެއް އިންތިހާބުވުމަކީ "ޕެޓްރޯލެއް ނެތި ކާރެއް ދިނުން" ފަދަ ކަމެއް ކަމަށް ނަޝީދު ސިފަ ކުރެއްވި އެވެ. މިދިޔަ އަހަރުތަކުގައި އެކަން ދިވެހިން ތަޖުރިބާކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އެކަން ތަކުރާރު ނުވާ ގޮތަށް މިފަހަރު މަޖިލިސް ބަހަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލެއްވީ ވެސް އެމްޑީޕީއަށް މެޖޯރިޓީ ލިބުމުންނެވެ. އޭރު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެއްވި ބައެއް މެންބަރުން ވިދާޅުވީ އެއީ ބަރުލަމާނީ ސިފައެއް ކަމަށެވެ. އެގޮތުން އެ ގާނޫނު އޮވެގެން ނުވާނެ ކަމަށް ވެސް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ގާނޫނު އަލުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އަމަލު ކުރަންފެށި، އެންޓި ޑިފެކްޝަން ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އޭރު ނިންމިއެވެ.

ނަމަވެސް އެ ނިންމުންތައް ފަހުން ސުޕްރީމް ކޯޓުން ބާތިލުކުރިއެވެ.