Last Updated: April 20, 09:47
Saturday, April 20, 2024
މުނިފޫހިފިލުވުން

ކެޕްޓަން މާވެލްގެ ފަހުގެ ޓްރެއިލާގައި ކޯލްސަން ފެނިގެންދޭ

އޭޖެންޓް ކޯލްސަންގެ ރޯލުން އާއްމުންގެ މަގްބޫލުކަން ހޯދާފައިވާ ކްލާކް ގްރެގް.

ކެޕްޓަން މާވެލްގެ އާ ޓްރެއިލާ ދައްކާލިއިރު މާވެލްގެ މުހިއްމު ކެރެކްޓާއެއްކަމަށްވާ އޭޖެންޓް ކޯލްސަން އެނބުރިއައުން ފެނިގެންގޮސްފައިވެއެވެ.

ކެޕްޓަން މާވެލްގެ މައި ތަރިއަކީ ބްރީ ލާސަން އެވެ. މި ފިލްމުގެ އިތުރު ކާސްްޓުންގެ ތެރޭގައި ސެމުއެލް އެލް ޖެކްސަން، ބެން މެންޑެލްސޯން، ޖޫޑް ލޯ، ލީ ޕޭސް، ގެމާ ޗަން ފަދަ ތަރިން ހިމެނެއެވެ.

މާވެލްގެ 2012 ވަނަ އަހަރު ނިކުތް އެވެންޖާސްގެ ފުރަތަމަ ފިލްމުގައި ކޯލްސަން މަރުވިނަމަވެސް އޭބީސީ އިން ގެނެސްދެމުން އަންނަ ސީރީޒްއެއްކަމަށްވާ އޭޖެންޓްސް އޮފް ޝީލްޑްގައި އޭނާ ފެނިގެންގޮސްފައިވެއެވެ.

ކެޕްޓަން މާވެލްގައި ހަރަކާތްތެރިވާ އޭޖެންޓް ނިކް ފިއުރީ އެކޭ އެއްފަދައިން ކޯލްސަންގެ ކެރެކްޓާގެ ވެސް ފެނިގެންދަނީ އެންމެ ޒުވާން ދުވަސްވަރެވެ. މާވެލްގެ ފިލްމުތަކުގައި ފިއުރީގެ ބައިގައި ސެމުއެލް އެލް ޖެކްސަން ހަރަކާތްތެރިވާއިރު ކޯލްސަންގެ ބައިގައި ފެނިގެންދަނީ ކްލާކް ގްރެގް އެވެ. މި ފިލްމުގައި ދައްކުވައިދީފައިވަނީ މާވެލްގެ ކެޕްޓަން އެމެރިކާ: ދަ ފަސްޓް އެވެންޖާ ފިޔަވާ ގިނަ ފިލްމުތަކުގައި ފެނިގެންގޮސްފައިވާ ދުވަސްވަރަށްވުރެ ކުރީގައި ހިނގާފައިވާ ކަންތައްތަކެވެ.

ކެޕްޓަން މާވެލްގެ އާ ޓްރެއިލާގައި ފެނިގެންދާ އިތުރު މަންޒަރުތަކުގެ ތެރޭގައި ކެރޯލް ޑޭންވާސް އާއި ފިއުރީ އާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން ދައްކުވައިދީފައިވެއެވެ. އެއީ މީގެކުރީން، ނިކުތް ތޯރ: ރަގްނަރޮކް ގައި ތޯރ އާއި ހަލްކްގެ ކެރެކްޓާގެ މެދުގައި އޮތް ކަހަލަ އެކުވެރިކަމުގެ ގުޅުމެވެ. މީގެއިތުރުން، ދުނިޔެ އަޅުވެތިކުރުމަށް އަންނަ އޭލިއަންގެ ވައްތަރެއްކަމަށްވާ ސްކްރަލްސް އާ ކެޕްޓަން މާވެލް އާ ދެމެދު ހިނގާ ކުރިމަތިލުންވެސް މި ޓްރެއިލާގައި ފެނިގެންގޮސްފައިވެއެވެ.

މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާރިޗް މަހުގެ 8 ވަނަ ދުވަހުގައެވެ.