Last Updated: May 8, 17:51
Wednesday, May 8, 2024
މުނިފޫހިފިލުވުން

ދީވާނާ 2 ( ސޯޅަވަނަބައި)

" އައިރާގެ ކޮޓަރިއަށްދާންވީނު…އޭރުން ކުޑަކޮށް ރަނގަޅުވީމަ އާދެވިވެސް ދާނެއެއްނު…" ހޮޓެލްއިން ނުކުމެފައި އިޒްޔަން ޚިޔާލުދިނެވެ.

" ނޫން…ބޭނުމީ ގެޔަށްދާން…ހެދުން ބަދަލުކޮށްގެންނެއްނު ނިދޭނީވެސް…" ޝައުން ބުނެލިއެވެ. އެންމެފަހުން އިޒްޔަން އެގޮތާ ގަބޫލުވިއެވެ.

ކާރުގައި އިންއިރުވެސް ޝައުންއިނީ ވަރަށް މަޑުންނެވެ. އޭނާއަށް ވިސްނެމުން ދިޔައީ އާއިންއާ ފަރަހަނާޒްއާމެދުގައެވެ. އޭނާގެ ލޯމައްޗަށް އެދެމީހުންގެ އުފާވެރި މޫނު ސިފަވުމުން، ހިތަށް ތަދުވެ ލޮލުން ކަރުނަ ހިލުނެވެ.

" ދޮންބެއަށް ހީވަނީ ޑޮކްއަށް ދާންވީހެން….މުޅިމީހާ އެއްކޮށް މިލާފައެއްނު ތިއިނީ…" ޝައުންގެ މޫނަށް ބަލާލަމުން އިޒްޔަން ބުނެލިއެވެ.

" ނޫން ދޮންބޭ…ގެޔަށްދާން ބޭނުމީ…." ޝައުން ކުޑަކުއްޖަކު ފަދައިން ބޮޑާ ހާކާލިއެވެ.

" އެކަމު ކޮކީ…ހާދަ ދެރަގޮތެކޭ ތިވީ….މިއީ ކޮކީގެ ބެސްޓްބަޑީގެ ވެޑިންނައިޓެއްނު….އާން ވަރަށް ދެރަވާނެ ކޮކީ ގެޔަށް އައިކަން އެނގުނީމަ.." އިޒްޔަން ދެރަވެލާފައި ބުންޏެވެ.

" ނޫން….އާންއަށް އަހަރެންގެ މަތިން ހަނދާންވެސް ނުހުންނާނެ…" ޝައުންއަށް ބޭއިޚްތިޔާރުގައި ބުނެވުނެވެ. އޭނާގެ އަޑުގައިވީ ރިހުން އެވަގުތު އިޒްޔަންއަށްވެސް ފާހަގަ ކުރެވުނެވެ.

" ކީއްވެ ތިހެން ތިބުނީ؟..އާން އެއްޗެކޭ ބުނީތަ؟.." އިޒްޔަން ސީރިއަސް ވެލާފައި ސުވާލުކޮށްލުމުން ޝައުންއަށް ބުނެވުނު އެއްޗަކާމެދު ވިސްނާލެވުނެވެ.

" ނޫން…މިބުނީ މިރޭ…އާންއަށް އެހެންމީހެއްމަތިން ހަނދާން ނުވާނެނޫންހޭ….އާން އެހާ އުފާވެފަ ހުއްޓާ އަހަރެން އައިކަން އަންގާނެކަމެއްނެތް….ފަހުން އެނގުނަސް މައްސަލައެއްނެތް…" ޝައުން އަވަސް އަވަހަށް ވާހަކަ އޮޅުވާލިއެވެ. ނަމަވެސް ޝައުންގެ މޫނަށް ވެރިވެފައިވާ ހިތާމަވެރިކަން އިޒްޔަންއަށް ސިއްރުވާގޮތެއް ނުވިއެވެ. ޝައުން ކޮންމެވެސް ކަމަކާ ދެރަވެފައި ހުރިހެން އޭނާއަށް ވަރަށް ހީވެއެވެ. ނަމަވެސް މިވަގުތު ޝައުންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގޭތީ އިތުރަށް ސުވާލުކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ.

ދިގު ދަތުރަކަށްފަހު ކާރުއައިސް ގެޔާއި މާދުރުނޫން ހިސާބެއްގައި ޕާރކްކޮށްލުމަށްފަހު އިޒްޔަންއާއި ޝައުން ކާރުން ފޭބިއެވެ.

" ދޮންބެ ދިޔަޔަސް އޯކޭއޭ….އަހަރެން ނިދާލާނީ…" އިޒްޔަން ކާރުން ފޭބުމުން ޝައުން ބުނެލިއެވެ.

" ހިނގާބަލަ….ކޮކީ އޮށޯތީމަ ދޮންބެ ދާނަމޭ…" އިޒްޔަން ބުނެލިއެވެ.

ދެކުދިން ހިނގާފައި ގޮސް ގެޔަށް ވަދެވުމާއެކީ މަޑުކޮށްލުމެއްވެސް ނެތި ޝައުން ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ތަޅުލުމަށްފަހު އިޒްޔަން އައިސް ސޯފާގައި އިށީނެވެ. ޝައުން އެކަނި ބާއްވާފައި ދާކަށް އިޒްޔަން ބޭނުމެއްނުވިއެވެ. ކޮޓަރިއަށް ވަތްގޮތަށް ޝައުން އޭނާގެ އެނދުމައްޗަށް ވެއްޓިގަތެވެ. ބާލީހުގައި މޫނުފޮރުވައިގެން އޮތްއިރު، ލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ބާލީސް ތެއްމަމުން ދިޔައެވެ. އަޑުވީއްލާ ރޯންބޭނުން ނުވާތީ އޭނާ ސިއްރު ސިއްރުން ބާލީހުގެ ތެރެއަށް ކަރުނަތައް ހިންދަމުން ދިޔައެވެ. އެހެން އިރުކޮޅަކު އޮތުމަށްފަހު ކުއްލިއަކަށް އޭނާ ތެދުވިއެވެ. އަދި ކޮޓަރީގެ އެއްބިތުގައިވާ އިސްކޮޅުހައި ބޮޑު ލޯގަނޑުގެ ކުރިމައްޗަށް ހުއްޓި އޭނާގެ އަމިއްލަ ސޫރައަށް ނަޒަރު ހިންގާލިއެވެ. ފުރިހަމަ މޭކަޕާއެކު ކްރީމްކުލައިގެ މެކްސީގައި އޭނާ ފެންނަލެއް ވަރަށް ރީއްޗެވެ. އޭނާގެ ދިހުން އަރާ ކަޅު އިސްތަށީގަނޑު ވާންކޮށް އައްސައި ބޮލުމެދަށް ހުޅިއެއްޖަހައިފައި ކަނާތްފަރާތުގެ ކަންހުޅި ކައިރިން އިސްތަށިކޮޅެއް ވައްޓާލާފައިވާގޮތުން އެދޮންމޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ.

" ކީއްވެ އާން އަހަރެންދެކެ ލޯބި ނުވީ؟…ކީއްވެ؟…އަހަރެން އެނާޒަށް ހުތުރީތަ؟…އަހަރެން ކޮންގޮތަކުން އޭނާއަށްވުރެ ހުތުރީ؟…ކޮންތަނެއް ހުތުރީ؟…އަހަރެން ނެތް ކޮން ރީތިކަމެއް އޭނާގެ ހުރީ؟…" އަމިއްލަ ސޫރައަށް ބަލަންހުރެ ހިތާހިތާ ޝައުން ޝަކުވާކުރަމުން ދިޔައެވެ.

" އެ ސުންޕާ އަންހެނާ އާންގެ ހަޔާތަށް ނައިނަމަ ކިހާ ރަނގަޅު….އޭނާގެ ސަބަބުން އާން އަހަރެންނާ ދުރުވީ….އެއީ ކޮންތާކުން ފާވި ވިޗެއްތަ؟….ހަމަ ކުއްލިއަކަށް އައިސް އަހަރެންގެ އާން އަތުލީ….އެއީ އަހަރެން މިލްކެކޭ….މުޅި އުމުރު އާން ލޯބިވީ އަހަރެންދެކެ….އާން ދުވަހަކުވެސް އަހަރެން ދެރައެއްނުކުރޭ….އަހަރެން ރޯމަންޒަރު ބަލަން އޭނާއަކަށް ކެތެއްނުވޭ….އެކަމު މިއަދު ބަލާބަލަ! އަހަރެން ކޮބާތޯވެސް އޭނާ ނުބަލާ….އެއީ ހަމަ އެނުލަފާ އަންހެނާގެ ސަބަބުން….އޭނާގެ ސިހުރުޖެހިފަ އާން އެހުރީ…..ކީއްވެތަ އާން އަހަރެން ހަނދާން ނައްތާލީ؟…ކީއްވެތަ؟…." ޝައުން ރުޅިގަދަވެގެން ޑްރެސިންޓޭބަލް މަތީގައިވާ ހުރިހާ ތަކެއްޗެއް އަތުންޖަހާ ބުރުވާލިއެވެ. އެވަގުތު ބިއްލޫރި ފުޅިތައް ކުދި ކުދިވީ އަޑު މުޅިކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ. ސޯފާގައި ފޯނުން އުޝާއާ ވާހަކަދައްކަން އޮތް އިޒްޔަންވެސް އެއަޑަށް ސިހިފައި ތެދުވިއެވެ.

" ޝައުން….ކިހިނެއްވީ؟.ދޮރުހުޅުވަބަލަ!" އިޒްޔަން ކަންބޮޑުވެފައި ގޮވާލިއެވެ.

ނަމަވެސް ޝައުންއަކަށް އެއަޑެއް ނީވެއެވެ. ރޮމުން ރޮމުން ބިއްމައްޗަށް ތިރިވިއިރު އޭނާ ހީވަނީ ބުއްދިފިލާފައިވާ މީހެއްހެންނެވެ.

"ކީއްވެތަ އެނުލަފާ އަންހެނާ މަރުނުވީ؟….ކޮންމެވެސް ގޮތަކުން އޭނާ މަރުވިނަމަ މިހެން ނުވީހެއްނު….އޭނާ މަރުވާނެނަމަ ކޮންފަދަ….ޔާ ﷲ….އޭނާ މަރުވާނެ ގޮތެއް މެދުވެރި ކުރައްވާންދޭ!…އަހަރެންގެ އާން އަހަރެންނަށް ލިބޭނޭގޮތެއް މެދުވެރިކުރައްވާންދޭ!..ޕްލީޒް…ޕްލީޒް" ރޮއި ރޮއިފައި ޝައުންއަށް ބަދުދުޢާ ކުރެވުނެވެ.

" ޝައުން…ކޮކީ…ދޮރުހުޅުވަބަލަ!…ޕްލީޒް…" ދެރަވެފައި އިޒްޔަން އާދޭސްކުރިއެވެ. ނަމަވެސް ޝައުން ދޮރެއް ނުހުޅުވިއެވެ.

އެންމެފަހުން ކަންބޮޑުވެގެން އިޒްޔަން އޭނާގެ ކޮޓަރިއަށްވަދެ އަލަމާރިން ބޮޑު ތަޅުދަނޑި ފައްޗެއް ހިފައިގެން ނުކުތެވެ. އެއީ ގޭގެ ދޮރުތަކުގެ ޑުޕްލިކޭޓް ތަޅުދަނޑިފައްޗެވެ. އިޒްޔަން ފަހަރަކު ތަޅުތަނޑިއަކުން ދޮރުހުޅުވަން މަސައްކަތް ކުރަމުން ދަނިކޮށް އެންމެފަހުން ދޮރުހުޅުވިއްޖެއެވެ. އޭނާ ކޮޓަރިތެރެއަށް ނަޒަރުހިންގާލިއިރު، މުޅިތަނަށް ހީވަނީ ތޫފާނެއް އައިސްފައިވާހެންނެވެ. ޑްރެސިންޓޭބަލް މަތީގައިހުރި ހުރިހާ ތަކެއްޗެއްވަނީ ބިންމައްޗަށް އުކާލާފައެވެ. އެނދުގައިވާ ބާލީހާއި ބެޑްޝީޓްވެސް އޮތީ ބިންމަތީގައެވެ. އެނދުގައި ކައިރީގައި ބިންމަތީއިން ޝައުންގެ ބޮލުގެ އިސްތަށިގަނޑުވެސް ވަނީ ހޭވިފައެވެ. މޭގައި ދެކަކޫ ޖައްސައި ކަކުލުގައި ބޯއަޅައިގެން ރޯންއިން ޝައުން ފެނިފައި އިޒްޔަންގެ ހިތްވިރިގެން ދިޔައެވެ.

" ޝައުން…ބޭބީ…ކިހިނެއްތަވީ؟…" ދުވެފައި އައިސް ޝައުންގެ ގާތުގައި އިށީއްނަމުން ކަންބޮޑުވެފައި އިޒްޔަން އަހާލިއެވެ.

ކޮންމެވެސް ގޯހެއް އުޅޭހެން އިޒްޔަންއަށް ކުރިން ހީވިނަމަވެސް، މިހާވަރަށް ޝައުން ހިތުގައިޖެހުނީ ކީއްވެގެން ކަމެއް ވިސްނާލާކަށްވެސް ނޭނގުނެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔަގޮތުން ޝައުން އެވަނީ ވަރަށްބޮޑަށް ހިތުގައި ޖެހިފައިކަން އޭނާއަށް ޔަޤީންވިއެވެ.

" ދޮންބެގާތު ބުނެބަލަ ވީގޮތެއް….ޕްލީޒް…." ޝައުންގެ ގާތުގައި އިށީނދެ ބުރަކަށީގައި ފިރުމާލަމުން ލޯތްބާއެކު އިޒްޔަން ބުނެލިއެވެ. އެވަގުތު އިޒްޔަގެ ގައިގާ އޮޅުލައިގަންނަމުން ކުރިއަށްވުރެވެސް ބާރަށް ޝައުން ރޯންފެށިއެވެ.

" އާން ދިޔައީ….އެނާޒްގެ ސަބަބުން އާން އަހަރެންނާ ދުރަށްދިޔައީ…އުމުރަށް ދިޔައީ….ދޮންބޭ އާންއާ ނުލާ އަހަރެންނަށް ނޫޅެވޭނެ….އާންއާ ނުލާ ނޫޅެވޭނެ…" ޝައުން ރޮއެ ރޮއެފައި ކުރަމުން ދިޔައ ޝައުވާއިން ވިސްނަންވީ އެއްޗެއް ނޭނގިފައި އިޒްޔަންއަށް އިރުކޮޅަކު އިނދެވުނެވެ.

" ބޭބީ…ހަމަޖެހިބަލަ!….ނުރޮއެ ބުނެބަލަ ތިކިޔާ އެއްޗެއް…." ޝައުންގެ އިސްތަށިގަނޑުގައި ފިރުމާލަމުން އިޒްޔަން އެހިއެވެ.

" އޭނާ ދުރުކުރޭ އާންއާ….އޭނަ މަރާލާ…ނޫނީ އަހަރެން މަރުވާނަން….އަހަރެންނަށް ނޫޅެވޭނެ އާންއާ ނުލާ….އަހަރެން މަރުވެދާނެ….ދޮންބޭ އާން ގެނެސްދީ…." ޝައުން ރޮއެ ރޮއެފައި ތަކުރާރުކޮށް އެކައްޗެއް ކިޔަމުން ދިޔައެވެ.

އިރުކޮޅެއްފަހުން ޝައުންގެ އަޑުމަޑުވެ، ހަރަކާތް ހުއްޓުމުން އިޒްޔަން ބަލާލިއިރު، ޝައުންވަނީ ޚަބަރު ހުސްވެފައެވެ. އިޒްޔަން ޝައުން ނަގައި އެނދުގައި ބޭއްވުމަށްފަހު، ސައިޑް ކަބަޑްމަތީގައި ހުރި ފެންޖަގުން އަތްގޮއްޓަށް ފެންފޮތެއް އަޅައި ޝައުންގެ މޫނުގައި ހާކާލިއެވެ. ދެތިން ފަހަރު އޭނާ ފެންހޭކުމުންވެސް ޝައުން ހެޔެއްނޭރިއެވެ. އެންމެފަހުން އިޒްޔަން އެމްބިއުލޭންސްއަށް ގުޅަން ނިންމިއެވެ. އިޒްޔަން ނަމްބަރަކަށް ޑައަލްކޮށްލުމަށްފަހު ކަންފަތުގައި ފޯނުޖައްސާލި ވަގުތު ޝައުން ތެޅިލިއެވެ.

" ފެންފޮދެއް….ދޮންބޭ…ފެންފޮދެއް…" އެސްފިޔަތައް ތަޅުވާލަމުން ޝައުން ބުނެލިއެވެ.

އިޒްޔަން އަވަހަށް ތައްޓަކަށް ފެންފޮދެއް އެޅިއެވެ. އަދި ޝައުންގެ ބޯދަށަށް އަތްލައްވައި ނެގުމަށްފަހު ތަށި ޝައުންގެ ތުނބުގައި ޖެއްސިއެވެ. ޝައުން ވަރުދެރަގޮތަކަށް ލޯހުޅުވާލަމުން ފެންފޮދެއް ބޯލިއެވެ.

" ބޮލުގަ ރިއްސާތަ؟…ނޫނީ ބޯއަނބުރަނީތަ؟" ޝައުންގެ ބޮލުގައި ފިރުމާލަމުން އިޒްޔަން ބުނެލިއެވެ.

ނަމަވެސް ޝައުން ޖަވާބެއްނުދީ އޮށޯވެ ދެލޯމަރާލިއެވެ. އޭނާ މިވަގުތު ވާހަކަ ދައްކަން ބޭނުން ނުވަނީ ކަމުގައި އިޒްޔަންއަށް ވިސްނުނެވެ. ޝައުންއަށް ނިދޭންދެން އޭނާ ޝައުންގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލާއިނެވެ. އޭނާ ވިސްނަމުން ދިޔައީ ޝައުން ދެއްކި ވާހަކަތަކާއި މެދުގައެވެ. ޝައުން އެހާބޮޑަށް ދެރަވާން ޖެހުނީ އާއިން ކައިވެނިކުރީމަ ބާއޭ އޭނާގެ ހިތަށްއެރިއެވެ. އެކަމަކު އާއިން ކައިވެނި ކުރުމުން ޝައުން ދެރަވާންވީ ކީއްވެގެން ހެއްޔެވެ؟ ޝައުންއާއި އާއިން ދުރުވެދާނެތީ ބިރުގަތީ ހެއްޔެވެ؟ ނޫނީ ޝައުންގެ ހިތުގައި އާއިންއަށް އެހެން މަޤާމެއް ދެވިފައިވަނީ ހެއްޔެވެ؟

" ނޫން ނޫން…އެހެނެއްނުވާނެ….ޝައުން އެގޮތަކަށް ނުވިސްނާނެ…އާންވެސް އެފަދަގޮތަކަށް ނުދެކޭނެ…" ހިތާހިތާ އިޒްޔަންއަށް ކިޔާލެވުނެވެ.

ޝައުން މާލެއައި ހިސާބުން ފެށިގެން އާއިންއާއި ޝައުންގެ މެދުގައި ދުރުކަމެއް އުފެދުނުހެން އޭނާއަށް ހީވިއެވެ. ޝައުންގެ މިޒާޖަށް ބޮޑުބަދަލެއް އައިއިރު، އާއިންވެސް ޝައުންއާ ދުރުދުރުން އުޅުނުކަންވެސް އިޒްޔަންއަށް ފާހަގަވިއެވެ. އޭނާ ހީކުރީ އާއިން ކައިވެނިކުރަން އުޅޭތީ އައި ބަދަލެއް ކަމުގައެވެ. ނަމަވެސް އެދެމެދުގައި ކޮންމެވެސް ނުތަނަވަސްކަމެއް ވާހެން މިހާރު އޭނާއަށް އެބަހީވެއެވެ. މުޅި ދުވަހު ޝައުންގެ ހަރަކާތް ހުރިގޮތުންނާއި މިރޭ ޝައުންއަށް ވީގޮތުންވެސް އޭނާއަށް ވިސްނަން މަޖުބޫރު ވެއްޖެއެވެ. ނަމަވެސް ޝައުން އާއިންދެކެ ލޯބިވެދާނެކަމަށް ގަބޫލުކުރާކަށް އޭނާގެ ހިތެއް ނުރުހެޔެވެ. އެފަދަ ގޮތަކަށް ޝައުން ދެކެން ޖެހޭނެ ސަބަބެއް އޮތްކަމަކަށްވެސް އޭނާ ނުދެކެއެވެ.

" ސުބުޙާނަﷲ….މަށަށް ނުބައި ވިސްނުމެއް ވިސްނެނީ ކަންނޭނގެ…އެކަމު މިރޭ ޝައުންއަށް މިވީ ކީއްތަ؟…އޭނާ ކީއްވެތަ އާންއާ ނުލާ ނޫޅެވޭނޭބުނީ…..މާބޮޑަށް އާންއާ އެޓޭޗްވެފަ ހުރީމަ ވީގޮތެއް ކަންނޭނގެ….ޅަކަމުން އަދިވެސް ޝައުންއަށް ނުވިސްނެނީ….އެއީ އަހަރެން މިހީކުރާ ކަހަލަ ކަމަކަށް ނުވާނެ….މާބޮޑަށް އާންއާ ދޯޅުވެފަހުރީމަ އާން ގެއްލިދާނެތީ ޝައުން ބިރުގަންނަނީ…." އިޒްޔަން އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ޝައުންއާމެދު ގޯސްގޮތަކަށް ވިސްނާކަށް އޭނާ ބޭނުމެއްނުވެއެވެ.

ޝައުންއަށް ރަނގަޅަށް ނިދުމުން، އިޒްޔަން ތެދުވެ ކޮޓަރިތެރެ ސާފުކުރިއެވެ. އެހެންމީހަކަށް އެއިންކަމެއް އެނގުމުގެކުރިން ވީކަންތަކުގެ އަސަރުވެސް އޭނާ ފުހެލިއެވެ. ކޮޓަރީގެ ނިދާ ބޮކި ދިއްލުމަށްފަހު އިޒްޔަން ބޭރަށް ނުކުތެވެ. އެވަގުތު ފޯނުމަތިން ހަނދާންވެގެން އޭނާ ގޮސް ސޯފާގައި އޮތް ފޯނުނެގިއިރު، އުޝާގެ އެތައް މިސްޑްކޯލެއް އޮތެވެ. އެހެންކަމުން އުޝާއަށް ގުޅުމަށް އޭނާ އަވަސްވެގަތެވެ.

" ކިހިނެއްތަވީ؟….ކީއްވެތަ ފޯނު ނުނަގަނީ؟…މިކިހާއިރެއްތަ މިހާރު ގުޅާތާ؟…" ފޯނުނެގުމާއެކު ޝަކުވާގެ ފަތިވަރެއް އުޝާ އަމުނާލިއެވެ.

" އެއީ ޝައުންއަތުން ސެންޓްފުޅި ތަޅައިގެން ދިޔައީމަ އެއަޑު އިވިގެން އަހަރެންނަށް ދެވުނީ….މިހާރު ނިދައިފި…." އުޝާއަށް ހަޤީޤަތް ކިޔައިދޭން ބޭނުންނުވާތީ އިޒްޔަން ބުނެލިއެވެ.

" އެހެންތަ؟…އަހަރެން ހީކުރީ މާބޮޑުކަމެއް ވީކަމަށް…އެހެންވެ މަންމައަށްވެސް ގޮވަން އުޅެފިން….އިޒީ ނާންނަންޏާ އަހަރެންވެސް ދެން ތިކޮޅަށްދާނީ….އޯކޭ…" އުޝާ އަހާލިއެވެ.

" ނޫނޭ…އުޝް އާދޭ ޕާޓީ ނިމުނީމަ މަންމެންނާއެކު…މަންމަމެން އަހަފިއްޔާ ބުނޭ އަހަރެންނާއެކު ޝައުން އައި ވާހަކަ…" އިޒްޔަން ބުނެލިއެވެ.

ހަފްލާ ނިމިގެން އާއިލާގެ އެންމެން ފޮޓޯނަގަން ފެށި ވަގުތު ޝައުން ނެތްކަން އެނގުމުން އަޒީފާ ސުވާލުކުރިއެވެ.

" ޝައުން ބޮލުގަ ރިއްސާތީ އިޒީއާއެކީ ގޮސް ބޭސްކައިގެން ނިދައިފި…" އުޝާ އޮޅުން ފިލުވައިދިނެވެ.

" އަޅެ ކިހާދެރަ….ޝައުންއަށް ފޮޓޯވެސް ނަގަން މަޑުނުކުރެވުނެއްނު…އާންވާނެ ޝައުންއާއެކު މާދަމާ ފޮޓޯނަގަން…އެހެންނޫނީ އޭނަ ވަރަށްދެރަވާނެ…" އަޒީފާ ދެރަވެލާފައި ބުނުމުން އާއިން އާނއެކޭ ބުނެލިއެވެ.

ޝައުން ނެތްކަން އޭނާއަށްވެސް އެނގުނީ އަދި ކިރިޔާއެވެ. މިހުރިހާއިރު، އޭނާއަށް ޝައުން ނެތްކަން ނޭނގުނީތީ އޭނާ ހައިރާންވެސް ވިއެވެ. ޝައުން އެހާ އަވަހަށް ދިޔައީ ބޮލުގައި ރިއްސާތީ ނޫންހެން އޭނާއަށް ހީވަނީއެވެ. ޕާޓީއަށް އައިއިރު ޝައުން ހެވިފައިހުރި ނަމަވެސް، އެމޫނުގައި އުފާވެރިކަމެއް ނެތްކަން އޭނާއަށް އެނގުނެވެ. އޭނާ ޝައުންއަށް ސަމާލުކަން ނުދިން ނަމަވެސް މިހާރު އޭނާއަށް ޝައުންއާމެދު ވިސްނެނީއެވެ. އޭނާއާއެކު ޝައުން ފޮޓޯއެއްވެސް ނަގަން ނެތުމުން ހަޤީޤަތުގައި އޭނާ ދެރަވިއެވެ. އޭނާއަށް ލިބޭ ކޮންމެ އުފަލެއްގައި ޝައުން ބައިވެރިވާން އޭނާ އެދެއެވެ. ހިތުގެ ކޮންމެވެސް ކަނެއްގައި ޝައުންއަށް ދެވިފައިވާ ޚާއްސަ މަޤާމުގެ ސަބަބުން ޝައުންއާމެދު އޭނާއަށް ވިސްނެނީއެވެ.

އުފާވެރިކަމާއެކު ހަފްލާ ނިމިގެން ވަދާއީ ސަލާމްކޮށްފައި އާއިލާމީހުންވެސް ގެޔަށް ހިނގައްޖެއެވެ. ފަރަހަނާޒްއާއި އާއިންވެސް އެމީހުނަށްޓަކައި ޚާއްސަކުރެވިފައިވާ މަންޒިލަށް ދިއުމަށްޓަކައި މިސްރާބުޖެހިއެވެ. އެދެމަފިރިންނަށް މިރޭ ޚާއްސަކުރެވިފައިވަނީ އެހޮޓެލްގެ ފަސްވަނަ ފަންގިފިލާފައިވާ ވަރަށް ހިތްގައިމު ޕްރެޒިޑެންޝަލް ސުއިޓެކެވެ. އާއިން ފަރަހަނާޒްގެ އަތުގައި ހިފާލައިގެން ލިފްޓަށް އެރިއެވެ.

" ވަރުބަލިވެފަތަ ތިހުރީ؟…" ފަރަހަނާޒަށް ބަލާލަމުން އާއިން އަހާލިއެވެ.

" ހޫމް…ކުޑަކޮށް…" ފަރަހަނާޒް ޖަވާބުދިނެވެ.

" މިރޭ ވަރަށް ލޯބި….ވަރަށް ތަފާތު…" ލިފްޓަށް އެރުމަށްފަހު ފަރަހަނާޒްގެ އަތުގަގައި ހިފާލަމުން ތައުރީފުކޮށްލިއެވެ. އޭރު ފަރަހަނާޒްހުރީ ހިތްއަވަސްވެފައެވެ.

" އާއިންވެސް ވަރަށް ރީތި" ނާޒް އެހެންބުނަން ބޭނުންވި ނަމަވެސް އެބަސްވީ އޭނާގެ ހިތުގައެވެ.

" ނިދިއައިސްފަތަ؟…" ފަރަހަނާޒް ޖަވާބެއްނުދީ ހުރުމުން އާއިން އަހާލިއެވެ. ފަރަހަނާޒް ނޫނެކޭ ބުނެ ދެފަރަރާތަށް ބޫހޫރާލިއެވެ. ހަމަހިމޭންކަމުގެ ހިނދުކޮޅަކަށްފަހު އެމީހުންގެ މަންޒިލާ ހަމައަށް ދެވިއްޖެއެވެ.

" ކޮބާ މިއޮއް އާދެވުނީ؟…" ލިފްޓްގެ ދޮރުހުޅުވުމާއެކު އާއިން ފަރަހަނާޒްގެ އަތުގައި ހިފައިގެން ލިފްޓުން ފޭބިއެވެ.

އާއިން ކީކާޑުން ދޮރުހުޅުވާލުމުން އާއިންގެ ފަހަތުން އެތެރެއަށް ވަތް ފަރަހަނާޒް ހައިރާންވެފައި ވަށައިގެން ނަޒަރު ހިންގާލިއެވެ.

" ވަރަށް ހިތްގައިމުދޯ؟…ކަމުދޭތަ؟.." ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޔަ ފަރަހަނާޒަށް ބަލާލަމުން އާއިން އަހާލިއެވެ.

" ހޫމް…ވަރަށްރީތި…." އުފާވެފައި ފަރަހަނާޒް ބުނެލިގޮތުން އާއިން ހީލިއެވެ.

ފަރަހަނާޒް ކޮތަރިތެރޭގެ ތަންތަން ބަލަން ހުއްޓައި އާއިން ފަރަހަނާޒް އޭނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އެވަގުތު ފަރަހަނާޒް ސިހިފައި ދެލޯބޮޑުކޮށްލަމުން އާއިންއަށް ބަލާލިއެވެ.

" ހާދަ ލުއި ކުއްޖެކޭ….ހެދުން ދޯ ބޮޑީ…މީހާ ވަރަށް ކުޑަ ކުޑަ…" އާއިން ހީލަމުން ބުނެލިގޮތުން ފަރަހަނާޒް ލަދުގަތެވެ.

އާއިންގެ އަތުތެރޭގައި އޮތްއިރު އޭނާގެ ހިތް ނުހަނު ބާރަށް ތެޅެމުން ދިޔައެވެ. އާއިންއަށްވެސް އެކަން އިހުސާސް ނުވާނެ ކަމެއް ނޭނގެއެވެ. އާއިން މަޑު މަޑުން ފަރަހަނާޒް ގޮވައިގެން ގޮސް އެނދުގައި ބޭންދިއެވެ. އަދި ފަރަހަނާޒްގެ ގާތުގައި އިށީނދެ އޭނާގެ އަތުގައި ހިފާލިއެވެ. ފަރަހަނާޒްއިނީ އާއިން ދެންކުރާނެ ކަމެއްނޭނގި ކަންބޮޑުވެގެން ހަދާނެ ގޮތް ހުސްވެފައެވެ. މިއީ އޭނާގެ ކައިވެނީގެ ފުރަތަމަ ރެއޭ ހިތަށްއެރުމުން ގައިގަވާ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. އާއިން އޭނާގެ ގާތަށް ޖެހިލުމުން މެޔަށް ފިނިވެގެން ގޮސް މުޅިކުއްޖާވެސް ތުރުތުރު އަޅައިގެން ދިޔައެވެ.

" ނާޒް…އަހަރެންނަށް އެނގޭ ނާޒް ތިވިސްނަނީ ކޮންކަމަކާމެދުގާކަން…މިއީ އަހަރެމެންގެ ކައިވެނީގެ ފުރަތަމަރޭވީމަ އެކަމާއެއްނު ތިވިސްނަނީ….ވަރަށް ބިރުންދޯ ތިއީ އަހަރެން ކަމެއްކޮށްފާނެތީ؟…" ފަރަހަނާޒް ބިރުން އިންހެން ހީވާތީ އާއިން ގޯނާކޮށްލިއެވެ.

ފަރަހަނާޒް ޖަވާބެއްވެސް ނުދީ އިނީ އާއިންއަށް އެހާފަސޭހައިން އޭނާގެ ހިތްއެނގުނީތީ ލަދުގަތްވަރުންނެވެ. މިރޭ އާއިން އެދޭ ކޮންމެކަމެއްވެސް އޭނާ ކޮށްދެންޖެހެނޭއެވެ. އޭނާއަކީ އާއިންގެ ހަލާލު އަނބިމީހާއެވެ. ވީއިރު އޭނާގެމައްޗަށް އާއިންގެ ފުރިހަމަ ހައްޤުލިބިގެން ވެއެވެ.

" އެކަމު އަހަރެންނަށް އަދި އެންމެ އަށާރަ އަހަރޭ….ކީއްވެތަ މިހާއަވަހަށް މެރީކުރަން އެއްބަސްވެވުނީ؟….ދެން ކިހިނެއްހަދާނީ؟..ކީކޭ ބުނާނީ؟…މިރޭ ދެން ކިހިނެއްވާނީ؟…ސުބުޙާނަﷲ….ލަދުން މިރޭ އަހަރެން މޮޔަވާނެ…." ހިތަށްވެރިވަމުން ދިޔަ ޚިޔާލުތަކުން ފަރަހަނާޒްގެ ބޯހާސްވާގޮތްވިއެވެ.

" ދެން ތިހާ ކަންބޮޑުނުވެބަލަ!….އަހަރެންވެސް ދެން ނާޒް ބޭނުންނުވާގޮތަކަށް ކަމެއް ނުކުރާނެއްނު….މިރެއަކީ އަހަރެމެންގެ ކައިވެނީގެ ފުރަތަމަރޭ ނަމަވެސް….ނާޒްއަށް އަހަރެން ވަގުތުދޭނަން…ނާޒް ބޭނުންނުވާނަމަ އަހަރެމެން މިރޭ އެއްވެސްކަމެއް ނުކޮށް ނިދާނީ….އަހަރެންނަށް އެނގޭ ނާޒްއަށް ވަގުތު ބޭނުންވާނެކަން….މިހާރު ތިއީ މުޅި އުމުރަށް އަހަރެންގެ މީހެއް…އިންޝާﷲ…އެހެންވީމަ އަވަސް އަރުވައިގެން އުޅުމުގެ މާނައެއް ނެތެއްނު….އަހަރެންނަކީ އެހާ ކެތްތެރިކަން ކުޑަމީހެއްނޫނޭ…" އާއިން ހިނިތުންވެލަމުން ބުނެލިގޮތުން ފަރަހަނާޒްގެ ގާތަށްވެސް ހިނިއައެވެ. އާއިންގެ ވާހަކަތަކުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

" އަލަމާރީގަ ހުންނާނެ ނިދާހެދުން….ފާޚާނާގަ ހުންނާނެ ތުވާއްޔާ ބޭނުންވާ އެހެނިހެން ސާމާނުވެސް….ނާޒް މިވަގުތު ބޭނުންވާ ހުރިހާ އެއްޗެއް މިތާއެތެރެއިން ލިބޭނެ…ނާޒް ފެންވަރާލަން ބޭނުންނަމަ ފެންވަރާލައިގެން ނިދާލާ…ނާޒް ނުކުތީމަ އަހަރެންވެސް ފެންވަރާލާނަން…" އާއިން އަލަމާރި ކައިރިއަށް ޖެހިލާފައި ދޮރުހުޅުވާލަމުން ބުނެލިއެވެ.

" އާއިން ކުރިން ފެންވެރިޔަސް އޯކޭ…" ފަރަހަނާޒް މަޑުމަޑުން ބުނެލިއެވެ.

އާއިން އޭނާލައިގެން ހުރި ޓަކްސިޑޯއާއި ބާލައި ގަމީސް ބާލަން ފެށުމުން ފަރަހަނާޒް އަވަސް އަވަހަށް ދުރުބަލާލިއެވެ. އެމަންޒަރު ފެނިފައި އާއިންއަށް ހިނިތުންވެވުނެވެ. އޭނާއަށް އިނދެވުނީ ހާދަހާވާ ލަދުރަކި ކުއްޖަކާއޭ އޭނާގެ ހިތަށްއެރިއެވެ. މިރޭ ކަމެއްކުރަން ނޫޅެވުނުކަން ނަސީބޭވެސް ހިތަށްއެރިއެވެ. ނޫންނަމަ ފަރަހަނާޒްގެ ހާލަކީ ކޮބައިބާއެވެ؟ އާއިންގެ ހިތަށްއެރި އެއްޗަކުން އޭނާގެ ތުންފަތްމައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. އާއިން ބަލާހެން ހީވުމުން ފަރަހަނާޒްއިނީ އިސްއުފުލާލަންވެސް ނުކެރިފައެވެ. އެހެންހުރެފައިވެސް އާއިން ލާނެއްކަމެއް ކޮށްފާނެއޭ ހިތަށްއަރަނީއެވެ. ފަޓުލޫނު ބާލާފައި ތުވާލި އަނދެގެން ފާޚާނާއާ ދިމާއަށް ހިނގައިގެންފައިވެސް އާއިން ހުއްޓިލީ އޭނާގެ ހިތަށްވެރިވި ލާނެއް ޚިޔާލެއްގެ ސަބަބުންނެވެ.

ނުނިމޭ