Last Updated: April 23, 23:56
Tuesday, April 23, 2024
ކުޅިވަރު

ޕަވާޑް ބަޔާން އަށް ބަދަލުވާން އެއްބަސްވެއްޖެ

އެންމެ ފަހުގެ ވޯލްޑްކަޕްގައި ބެލްޖިއަމްއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި ޕަވާޑް (ވ) އަތުން ބޯޅަ ހޯދަން ހަޒާޑް (ކ) މަސައްކަތްކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޖަރުމަނުގެ ސްޓުޓްގާޓް އަށް ކުޅެމުން އަންނަ ފްރާންސްގެ ފުލްބެކް ބެންޖަމިން ޕަވާޑް ކުރިއަށް އޮތް ސީޒަނަށް ބަޔާން މިއުނިކަށް ބަދަލުވާން އެއްބަސްވެފައިވާކަމަށް އެ ކްލަބުން ކަށަވަރުކޮށްދީފިއެވެ.

ނިމިދިޔަ އަހަރު ރަޝިޔާގައި ބޭއްވުނު ވޯލްޑްކަޕްގެ ތަށި ކާމިޔާބުކުރި ފްރާންސް ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ޕަވާޑް ބަޔާން އަށް ބަދަލުވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި އޭނާގެ ރިލީޒް ކްލޯޒްކަމަށްވާ 35 މިލިއަން ޔޫރޯ އަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

"ބަޔާން އަށް ޕަވާޑް ގެނެވުމަކީ އަހަރެމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އޭނާ އަކީ ގިނަ މަގާމްތަކަށް ކުޅެވޭ ހުނަރުވެރި ކުޅުންތެރިއެއް." ބަޔާންގެ ސްޕޯޓިން ޑައިރެކްޓަރު ހަސަން ސަލިހަމިޒިޗް މީޑިއާ އަށް ދިން އިންޓަވިއުގައި ބުންޏެވެ.

ޑިފެންސްގެ ކޮންމެ މަގާމަކަށްވެސް ކުޅުމުގެ ގާބިލްކަން ހުރި ޕަވާޑުގެ މިހާރުގެ ކްލަބުކަމަށްވާ ސްޓުޓްގާޓަށް ބަދަލުވީ 2016 ވަނަ އަހަރު އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށި ފްރާންސްގެ ލިއްލޭ އިންނެވެ. އޭނާ ބަދަލުވިއިރު ސްޓުޓްގާޓް ދެވަނަ ޑިވިޝަނުގައި ކުޅެމުން ދިޔަނަމަވެސް ޖެހިގެން އައި ސީޒަނުގައި ބުންޑަސްލީގާ އަށް ޕްރޮމޯޓުވިއިރު އެ ކްލަބުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2017 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ފްރާންސްގެ ގައުމީ ޓީމުން ގަވާއިދުން ޖާގަ ހޯދަމުންނެވެ.

ޕަވާޑްގެ ކްލަބް ކެރިއަރުގައި މިހާތަނަށް 96 މެޗު ކުޅެފައިވާއިރު ފްރާންސްގެ ގައުމީ ޓީމަށް އޭނާ ވަނީ 18 މެޗު ކުޅެދީ 1 ގޯލް ކާމިޔާބުކޮށްފައެވެ. އޭނާ ގައުމީ ޓީމަށް ޖަހައިދިން ހަމައެކަނި ގޯލް ފެނިގެންގޮސްފައިވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ދެވަނަ ބުރުގައި އާޖެންޓީނާ އަތުން 4-3 އިން ފްރާންސް މޮޅުވި މެޗުގައެވެ. އެ މެޗުގައި އޭނާ ކާމިޔާބުކުރި ގޯލް ވެފައިވަނީ އެ މުބާރާތުގެ އެންމެ ރީތި ގޯލަށެވެ.

މި ވަގުތު އަނިޔާގައި ހުރި ޕަވާޑަކީ ބަޔާން އިން 2019/2020 އަހަރުގެ ސީޒަނަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ.

އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބަޔާން އިން ކުރިއަށް އޮތް ސީޒަނަށް ގެންދަން މަސައްކަތްކުރާ ކުޅުންތެރިންގެ ތެރޭގައި، ޕަވާޑް އާއެކު ފްރާންސް ޓީމަށް ކުޅެމުން އަންނަ އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އާއި ޗެލްސީގެ ޒުވާން ކުޅުންތެރިޔާ ކެލުމް ހަޑްސަން-އޮޑޯއީ ހިމެނެއެވެ.