Last Updated: April 27, 06:22
Saturday, April 27, 2024
ކުޅިވަރު

ޔުވެންޓަސް އަށް ބަދަލުވާން ރަމްސޭ އެއްބަސްވެއްޖެ

އާސެނަލް އާއި ވޭލްސްގެ ހުނަރުވެރި މިޑްފީލްޑަރު އާރޮން ރަމްސޭ އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ރަމްސޭ ޔުވެންޓަސް އަށް ބަދަލުވާން އެއްބަސްވެފައިވަނީ ފަސް އަހަރުގެ އެއްބަސްވުމަކަށެވެ. އަދި އެ އެއްބަސްވުމުގެ އަގު 36 މިލިއަން ޕައުންޑަށް އަރާނެކަމަށާއި އެ ކްލަބުން އޭނާގެ މުސާރައިގެ ގޮތުގައި ހަފްތާއަކު 140،000 ޕައުންޑް ދޭން އެއްބަސްވެފައިވާކަމަށްވެއެވެ.

މި ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރު ހުޅުވުނީއްސުރެ ޔުވެންޓަސް އާއެކު ބޭއްވި މަޝްވަރާތަކަށް ފަހު އެ ކްލަބަށް ބަދަލުވާން އޭނާ ނިންމާފައިވާއިރު ރަސްމީކޮށް ރަމްސޭ އަށް ބަދަލުވެވޭނީ އާސެނަލްއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ހަމަވުމުން، ޖުލައި މަހުގެ އެއްވަނަ ދުވަހުއެވެ.

ކާޑިފް ސިޓީ އިން 2008 ވަނަ އަހަރު އާސެނަލަށް ބަދަލުވެ ރަމްސޭ ވަނީ ޕްރިމިއާ ލީގުގައި ކުޅުނު 252 މެޗުގައި 38 ގޯލް ކާމިޔާބުކޮށްދިނުމުގެ އިތުރުން 46 ލަނޑުޖެހުމަށް އެހީތެރިވެދީފައިވެއެވެ. އެ ޓީމުގައި ހޭދަކުރީ 10 އަހަރުގެ ތެރޭގައި އޭނާ ވަނީ ތިން ފަހަރު އެފްއޭކަޕް ކާމިޔާބުކޮށް ދެފަހަރު ކޮމިއުނިޓީ ޝީލްޑްވެސް ހޯދައިފައެވެ. މީގެއިތުރުން، އޭނާ ވަނީ 2014 ވަނަ އަހަރާއި 2017 ވަނަ އަހަރުގެ އެފްއޭކަޕްގެ ފައިނަލްގައި އާސެނަލް މޮޅުވި ލަނޑުޖަހައިދީފައެވެ.