Last Updated: March 29, 02:52
Friday, March 29, 2024
ދުނިޔެ

ކޯފާ އިސްކުރައްވައި ޓްރަމްޕް ބައްދަލުވުމުގެ ތެރެއިން ނިކުމެވަޑައިގެންފި

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް ރާނަން ބޭނުންވާ މެކްސިކޯ-އެމެރިކާ ބޯޑަރުގެ ބޮޑު ފާރު ރޭނުމަށް ބޭނުންވާ ބަޖެޓު ފާސްނުކުރުމުން ސަރުކާރު ހުއްޓުމަކަށް ގެނެސްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިދިކޮޅު ލީޑަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ފަހު ޓްރަމްޕް ނިކުމެވަޑައިގެންފިއެވެ.

ސަރުކާރުގެ ބައެއް ވުޒާރާތައް ހުއްޓުމަކަށް ގެނެސްފައިވާތާ ތިން ހަފްތާ ވެފައިވާއިރު ޓްރަމްޕް ވަނީ ފާރު ރޭނުމަށް ބޭނުންވާ 6 ބިލިއަން ޑޮލަރުގެ ބަޖެޓު ފާސްނުކުރާހާ ހިނދަކު ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށް ބޭނުންވާ ބަޖެޓު ތަސްދީގު ނުކޮށް ޑިސެމްބަރު 21 ވަނަ ދުވަހުން ފެށިގެން ސަރުކާރު ހުއްޓުމަކަށް ގެނެސްފައެވެ.

މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރާ އެކު ބޭއްވި ބައްދަލުވުމުގައި މުވައްޒަފުންގެ މުސާރަ ތަސްދީގު ކޮށްފިނަމަ ކުރިއަށް އޮތް 30 ދުވަހު ތެރޭ ފާރު ރާނަން ބަޖެޓު ފާސްކުރައްވާނަންތޯ އެއްސެވުމުން ނޫނެކޭ ވިދާޅުވި ކަމަށް ޓްރަމްޕް، ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް ނެންސީ ޕެލޮސީ ނޫނެކޭ ވިދާޅުވުމުން ޓްރަމްޕް ވަނީ "ބައި ބައި" ވިދާޅުވުމަށް ފަހު ބައްދަލުވުމުން ނިކުމެވަޑައިގެންފައެވެ.

އަދި އެބޭފުޅުންނާއެކު މަސައްކަތް ނުކުރެވޭނެ ކަމަށާއި މި ބައްދަލުވުންތަކަކީ ވަގުތު ބޭކާރު ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައެވެ.

މެކްސިކޯ ބޯޑަރުގައި ދަގަނޑުން ހަދާ ބޮޑު ފާރުގެ ބަޖެޓު ނުދީގެން ސަރުކާރުގެ ވުޒާރާތައް ހުއްޓުވާފައިވާއިރު އެމެރިކާގެ އެތައް ލައްކަ ސަރުކާރު މުވައްޒަފުން މަސައްކަތް ކުރަމުން އަންނަނީ ފައިސާ ނުލިބިއެވެ. އަދި ބައެއް މުވައްޒަފުންނަށް ވަނީ މުސާރަ ނުލިބޭ ޗުއްޓީއަށް ދާން މަޖުބޫރު ވެފައެވެ.