Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ބުޅާ ނުމެރުމަށް ހައިކޯޓުގެ ފަނޑިޔާރު ޝަހީދު ގޮވާލައްވައިފި

ރާއްޖޭގެ އެކިކަންކޮޅު ތަކުގައި މިފަހަކަށް އައިސް އަނިޔާވެރިގޮތަކަށް ބުޅާ މަރަމުން ގެންދާތީ އެކަމާއި ދެކޮޅަށް ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ވެސް އަޑު އުފުއްލަވައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވެ ވަޑައިގަންނަވާ ފަނޑިޔާރު ޝަހީދު އައްޑޫ ބަހުރުވައިން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ބުޅާ ނުމެރުމަށް ގޮވާލައްވާފައެވެ.

ފަނޑިޔާރު ޝަހީދު ވިދާޅުވެފައި ވަނީ ދިރިއުޅުން ބުޅަލާއި އެކު މާ ރަނގަޅު ކަމަށެވެ.

އަނިޔާވެރި ގޮތަކަށް ބުޅާ މަރަމުން ގެންދާތީ ފުލުހުން ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ. އަދި ސިޔާސީ ފަރާތްތަކުން ވެސް ދަނީ ބުޅާ މެރުމާއި ދެކޮޅަށް އަޑު އުފުއްލަވަމުންނެވެ.

އެހެން ނަމަވެސް މިއީ ރާއްޖޭގައި ބުޅާ މެރުމާއި ދެކޮޅަށް ޝަރުޢީ ކޯޓެއްގެ ފަނޑިޔާރަކު އަޑުއުފުއްލެވި ފުރަތަމަ ފަހަރެވެ.

ގިނަ ބަޔަކަށް ފަނޑިޔާރު ޝަހީދު އެނގިގެން ގޮސްފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަން ކުރިތާ 48 ގަޑިއިރު ތެރޭގައި، ފަތިހުގެ ވަގުތެއްގައި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރުއްވި ހިސާބުންނެވެ.

ކްރިމިނަލް ކޯޓަށް ގާޒީ ޝަހީދު އައްޔަން ކުރިތާ އެންމެ 180 ދުވަހުގެ ތެރޭގައި އެބޭފުޅާ ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާފައެވެ.