Last Updated: April 26, 17:02
Friday, April 26, 2024
ޚަބަރު

އައުޓްސްޓޭންޑިންގ އެކެޑެމިކް އެޗީވްމެންޓް އެވޯޑް 2018 އައްޑޫ ކުއްޖަކަށް

މަރިޔަމް ނައުފާ - ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާ

2018 ވަނަ އަހަރުގެ އައުޓްސްޓޭންޑިންގ އެކެޑެމިކް އެޗީވްމެންޓް އެވޯޑް، ދިވެހި ދަރިވަރަކަށް ލިބިއްޖެ އެވެ.

މި އެވޯޑަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގައި ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ. މި ފަހަރުގެ އެވޯޑް ލިބުނު ދަރިވަރުންގެ ތެރޭގައި އައްޑޫ ސިޓީ އަށް ނިސްބަތްވާ ދަރިވަރެއް ކަމުގައިވާ މަރިޔަމް ނައުފާ ވެސް ހިމެނެއެވެ.

ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓާގައި ވަކީލުކަން ކިޔަވަމުންދާ ނައުފާ ވަނީ އޭނާ ކިޔަވާ ކޯހުގެ ފުރަތަމަ އަހަރު، މުޅި ޔުނިވާސިޓީ އިން އެންމެ މަތިން މާކުސް ހޯދާފައެވެ. އެކަން ފާހަގަކޮށް އެ ޔުނިވާސިޓީ އިން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނައުފާ އަށް އެކްސެލެންސް އެވޯޑް ވެސް އަރުވާފަ އެވެ. ނައުފާ އޭނާގެ ކޯހުގެ ދެވަނަ އަހަރު ވެސް ނިންމާލީ 72% އެވަރެޖު މާކުސް ހޯދައިގެން، ކްލާހުގެ އެއްވަނަ ދަރިވަރުގެ ގޮތުގައެވެ.

މީގެ އިތުރުން އިކުއިޓީ އެންޑް ޓްރަސްޓް އިމްތިހާނުގައި ނައުފާ ލިޔުނު މަޒުމޫނަށް 90% މާކުސް ލިބިފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

2016 ވަނަ އަހަރު ޔޫކޭގައި ފުރަތަމަ ޑިގްރީ އަށް ކިޔަވަން ފެށި ނައުފާ ވަނީ އޭނާގެ ޔުނިވާސިޓީގެ ސްޓޫޑެންޓް ލޯ ކްލިނިކްގައި އަދި ޗެރިޓީ ބުކްޝޮޕްގައި ވޮލަންޓިއަރުކަން ވެސްކޮށްފަ އެވެ. ނައުފާ ވަނީ ފާއިތުވި އަހަރުވެސް އެންމެ މޮޅު ނަތީޖާ ހޯދުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެ އަހަރުގެ ތެރޭގައި ދިމާވި މާލީ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ނައުފާ ދަނީ ޕާޓް-ޓައިމްކޮށް ވަޒީފާ ވެސް އަދާކުރަމުންނެވެ.

ނައުފާ އަކީ ޔޫކޭގެ އެންމެ މަޝްހޫރު އެއް ޖަމިއްޔާ ކަމުގައިވާ އެސްޕަޔަރިންގ ސޮލިސިޓަރސް (އޭއެސް)ގެ ވެސް މެމްބަރެކެވެ. އޭއެސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކޮމާޝަލް އެވެއަނެސް ކޮމްޕެޓިޝަން އިން ދަރިވަރުންނަށް ވަރަށް ގިނަ ފުރުސަތުތުތަަކެއް ލިބިގެންދާއިރު، އޭއެސްގެ މައިގަނޑު މަޤްސަދަކީ ޝަރުޢީ ދާއިރާގައި ތަފާތު ނަސްލުތަކުގެ ކުދިން، އެކަހެރި ކުރުމެއް ނެތި ޝާމިލްކުރުމެވެ. އޭއެސްގެ މެމްބަރަކަށްވުމަކީ ނައުފާ ދެކޭގޮތުގައި އޭނާ އަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.