Last Updated: May 16, 07:53
Friday, May 16, 2025
ޚަބަރު

އަދީބު ޖަލަށް ބަދަލުކުރީ އިގުރާރާ ހިލާފުވުމުން: ކަރެކްޝަންސް

އަހުމަދު އަދީބު – ފޮޓޯ: އަވަސް

ގޭ ބަންދުގައި ހުންނަވަނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ގައިދީ އާއި ގައިދީއަކާ ހަވާލުވާ ފަރާތުން އެއްބަސްވާ އިގުރާރާ ހިލާފުވުމުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނަލް ސާވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ސާވިސްގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީން ސިއްހީ ހާލަތަށްޓަކައި ބައެއް ފަހަރު ގޭބަންދަށް ބަދަލުކުރަނީ އިންސާނިއްޔަތުކަމަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

އެގޮތަށް ބަދަލުކުރެވޭ ހާލަތްތަކުގައި ގައިދީއާ އެ ގައިދީންނާ ހަވާލުވާ ފަރާތުން ވަކިކަން ކަމަށް އެއްބަސްވެ އިގުރާރެއްގައި ސޮއިކުރުވާ ކަމަށާއި އަދި އެ އިގުރާރާ ހިލާފުވާ ހާލަތުގައި އަނބުރާ ޖަލަށް ބަދަލުކުރުމަކީ އެ ސާވިސްއިން އާންމުކޮށް އަމަލުކުރަމުންދާ އުސޫލު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދީބަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު އެ ހޮސްޕިޓަލުގެ ޔޯރޮލޮޖީގެ ހާއްސަ ޑޮކްޓަރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ވަކިގޮތަކަށް އަމަލުކުރުމަށް އަންގާފައިވާ ކަމަށް ދޭހަވާ ގޮތަށް މައުލޫމާތު އާންމުކުރެވިފައިވީ ނަމަވެސް، ޑޮކްޓަރު އިރުޝާދު ދެއްވާފައިވަނީ ވަކި ހާއްސަ މާހައުލެއް ފޯރުކޮށްދިނުމާމެދު ރިއާޔަތްކުރުމަށް ކަމަށް ބަޔާނުގައި ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނި ގޮތުގައި، އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ގޭގައި ހުރި މުއްދަތުގައި އަދީބު
ޖަލުގައި ބަހައްޓައިގެން ފަރުވާ ނުދެވޭފަދަ، ސިއްހީ އިތުރު މައްސަލައެއް ފާހަގަކުރެވިފައިނެތުމުންނާއި "ގޭބަންދުކުރާ ގާއިދީއާއި ގައިދީއާ ހަވާލުވާ ފަރާތުގެ އިގުރާރު" ގައިވާ ގަވައިދާ ހިލާފަށް އަދީބު އަމަލުކޮށްފައިވާތީ ކަމަށްވެސް ބުނެފައިވެއެވެ.

އަދި އަދީބު ޖަލަށް ބަދަލުކޮށްފައިވަނީ ހުކުމް ތަންފީޒުކުރަމުންދާ މީހުން އަމަލުކުރަން ޖެހޭ މެޑިކަލް ގަވާއިދަށް ރިއާޔަތްކުރުމަށްފަހުގައި ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.