Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އާސެނަލަށް ކުޅުންތެރިން ގެނެވޭނީ ލޯން އުސޫލުން އެކަނި: އެމެރީ

އާސެނަލްގެ ކޯޗު އުނާއި އެމެރީ. --ފޮޓޯ: ބީބީސީ

މި ޖަނަވަރީ މަހުގެ ޓްރާންސްފާ ބާޒާރުގައި އާސެނަލަށް ކުޅުންތެރިން ގެނެވޭނީ ލޯން އުސޫލުުން އެކަނި ކަމަށާއި ދާއިމީ އެއްބަސްވުމުގެ ދަށުން ކުޅުންތެރިން ހޯދުމަށް މާލީ ހާލަތު މިވަގުތު ތަން ނުދޭ ކަމަށް އެ ކްލަބުގެ ކޯޗު އުނާއި އެމެރީ ބުނެފިއެވެ.

އާސެނަލުން މި ސީޒަނަށް ތައްޔާރުވުމަށް ފަސް ކުޅުންތެރިން ގެނެސްފައިވާއިރު އެ ކްލަބުން ވަނީ ބާސެލޯނާ އަށް ކުޅޭ ޑެނިސް ސުއަރޭޒް އަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

"އަހަރެންނަށް ނޭނގޭ ސުއަރޭޒް ގެ ޓްރާންސްފާ އާ ބެހޭ މައުލޫމާތެއް، އެކަމަކު އޭނާވެސް ކްލަބަށް ގެނެވޭނީ ލޯން އެއްބަސްވުމެއްގެ ދަށުން އެކަނި." އެމެރީ ބުންޏެވެ.

"ދާއިމި އެއްބަސްވުމެއްގެ ދަށުން މި ވަގުތު ކުޅުންތެރިން ނުގެނެވޭނެ، ލޯން އުސޫލުން އެކަނި ގެނެވޭނީ."

އާސެނަލުން ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ލޫކަސް ޓޮރޭރާ އާއި މަޓެއޯ ގެންޑޫޒީ އަދި ސޮކްރާޓިސް ޕަޕަސްޓަތޮޕޫލޮސްގެ އިތުރުން ބާންޑް ލެނޯ ގެނައުމަށް 70 މިލިއަން ޕައުންޑް ހޭދަކޮށްފައިވާއިރު ސްޓެފަން ލީޗްސްޓެއިނާ އެ ކްލަބާ ގުޅިފައިވަނީ ހިލޭ ޓްރާންސްފާގައެވެ. އެހެންނަމަވެސް، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައި އާސެނަލުން ވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އައި ގެބޯންގެ ފޯވާޑް ޕިއޭރް-އެމެރިކް އޯބާމަޔަން ގަތުމަށް ކްލަބުގެ ރެކޯޑް އަދަދެއްކަމަށްވާ 56 މިލިއަން ޕައުންޑް ހޭދަކޮށްފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަސްވަނައިގައި މިވަގުތު އޮތް އާސެނަލަށް ދެން އޮތީ ހޮނިހިރު ދުވަހު ވެސްޓްހޭމް ޔުނައިޓެޑް އާ ދެކޮޅަށް މެޗެވެ. ވެސްޓްހޭމްގެ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން 17:30 ގައެވެ.