Last Updated: May 27, 17:26
Friday, May 27, 2022
ވިޔަފާރި

އެޕަލް އިން މި އަހަރު ތެރޭގައި އައިފޯންގެ ތިން މޮޑެލް އެއް ނެރޭނެ!

އެޕަލް އިން މީގެކުރިން ނެރެފައިވާ އައިފޯންގެ ދެ މޮޑެލް.

އެޕަލް އިން މި އަހަރުގެ ތެރޭގައި އައިފޯންގެ އާ ތިން މޮޑެލްއެއް ނެރުމަށް ނިންމާފައިވާކަމަށް އެންމެ ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން މައުލޫމާތު ދޭ ގޮތުގައި، މި އަހަރު އެޕަލް އިން ނެރެން ނިންމާފައިވާ އައިފޯންގެ މޮޑެލްތަކުގެ ތެރޭގައި އެލްސީޑީ ޑިސްޕްލޭގެ އިތުރުން ފަހަކަށް އައިސް ވާދަވެރި ގިނަ ކުންފުނިތަކުން ތައާރަފްކޮށްފައިވާ ފަދަ ތިން ކެމެރާ އެކުލެވިގެންވާ އައިފޯންގެ މޮޑެލްއެއް ހިމެނެއެވެ.

ފާއިތުވި ހަފްތާގައި އައިފޯންގެ ތިން ކެމެރާ އެކުލެވިގެންވާ މޮޑެލްގެ ފޮޓޯތަކެއް ލީކްވެފައިވާއިރު އޮންލީކްސް އިން ބުނާގޮތުގައި އެޕަލް އިން މިއަހަރުގެ ތެރޭގައި އޭގެ ފޯނެއް ބާޒާރަށް ނެރޭނެކަމަށްވެއެވެ. އެހެންނަމަވެސް، އައިފޯންގައި އެކުލެވިގެންވާ ތިންވަނަ ކެމެރާގެ އިތުރު ފީޗާސްތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު ބައެއް މީޑިއާ ހަބަރުތައް ބުނާގޮތުން ސޮނީ އިން މި އަހަރުގެ ތެރޭގައި ސްމާޓްފޯންތަކަށް ތްރީ ޑީ ކެމެރާ ތައާރަފްކުރުމަށްޓަކައި އެކަމާއި ގުޅުންހުރި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެއެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 2020 ވަނަ އަހަރު ނެރޭ އެޕަލްގެ އައިފޯންތަކުގައި ހަމައެކަނި އޯލެޑް ސްކްރީން ހިމެނުމަށް ވިސްނަމުންދާކަމަށްވެއެވެ. ބެލެވޭގޮތުގައި މިކަމުގެ ސަބަބުން ކުރިއަށް އޮތް އަހަރުގައި އެޕަލްގެ އައިފޯންގެ އަގު މިހާރަށް ވުރެ މައްޗަށް އުފުލިގެންދާނެއެވެ. އެޕަލް އިން ދާދިފަހުން ހާމަކުރި ގޮތުގައި، ނިމިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާގައި އައިފޯން އަށް އޮތް ޑިމާންޑް ދަށްވުމުން ކުންފުނީގެ އާމްދަނީ ވަނީ ލަފާކުރި މިންވަރަށް ވުރެ ދަށްވެފައެވެ. އޭގެ މައިގަނޑު އެއް ސަބަބަކަށްވީ އެމެރިކާ އާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވިޔަފާރިގެ ގުޅުމަށް ބުރޫ އަރައި، ޗައިނާގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވާތީ ކަމަށް އިގްތިސާދާއި ބެހޭ މާހިރުން ބުނެއެވެ.