Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ހިގުއައިން މިލާނުގައި މަޑުކުރާނެ ކަމަށް އުއްމީދު ކުރަން: ގަޓޫސޯ

ގޮންޒާލޯ ހިގުއައިން - ފޮޓޯ: ގެޓީ އިމޭޖެސް

އޭސީ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއައިން އެ ކްލަބުގައި މަޑުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް މިލާނުގެ ކޯޗު ޖެނާރޯ ގަޓޫސޯ ބުނެފިއެވެ.

މި ޖެނުއަރީ ޓްރާންސްފާގައި ލޯނެއްގެ ދަށުން ހިގުއައިން ގެނައުމަށް ޗެލްސީން މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނާއިރު، އެކަމާ ގުޅޭގޮތުން ޗެލްސީއާއެކު މަޝްވަރާތަކެއް ކުރުމަށް ދާދިފަހުން ހިގުއައިންގެ އެޖެންޓު ވަނީ އިނގިރޭސިވިލާތަށް ވެސް ގޮސްފައެވެ.

ހިގުއައިންގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދިފައިވާއިރު ގަޓޫސޯ ބުނީ ފަރިތަކުރުންތަކުގައި ހިގުއައިން މަސައްކަތް ކުރަމުންދަނީ އޭނާ ބޭނުންވާ ގޮތަށް ކަމަށާއި މިރޭ އިޓާލިއަން ކަޕްގައި ސަމްޕްޑޯރިޔާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ހިގުއައިން ހިމެނީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.

"އަހަރެން އުއްމީދުކުރަން ހިގުއައިން ވީހާވެސް ދިގު މުއްދަތަކަށް މަޑުކުރާނެ ކަމަށް. އެކަން އެގޮތަށް ނުވެއްޖެނަމަ ދެން ވާގޮތެއް ވެސް ބަލަން ތިބެމާ. މި ކްލަބުގައި ހިގުއައިން ހުރިހާ ހިނދަކު ޕްރޮފެޝަނަލް ކަމާއެކު މަސައްކަތް ކުރާނަމަ އަހަންނަކަށް ނެތް މައްސަލައެއް" ގަޓޫސޯ ބުންޏެވެ.

އުމުރުން 31 އަހަރުގެ ހިގުއައިން ގެންނަން ޗެލްސީން މަސައްކަތް ކުރާއިރު، މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ވެސް އޭނާ ގެންނަން ޗެލްސީން މަސައްކަތް ކޮށްފައިވެއެވެ. ހިގުއައިން އަކީ ޗެލްސީގެ މިހާރުގެ ކޯޗު މައުރީޒިއޯ ސާރީ އާއެކު ނަޕޯލީގައި މަސައްކަތް ކޮށްފައިވާ ކުޅުންތެރިއެކެވެ. ހިގުއައިންގެ އެންމެ މޮޅު ކުޅުން ވެސް ފެނިގެން ގޮސްފައިވަނީ އެ ކްލަބަށް ކުޅުނު ދުވަސްވަރުއެވެ.

ރިޕޯޓުތައް ބުނާގޮތުން ޗެލްސީ އަށް ހިގުއައިން ލިބިއްޖެނަމަ، އެ ކްލަބުގެ ސްޕެއިން ފޯވާޑް އަލްވަރޯ މޮރާޓާ އެހެން ކްލަބަކަށް ދޫކޮށްލާނެއެވެ. އޭނާ ގެންނަން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.