Last Updated: April 18, 16:36
Thursday, April 18, 2024
ޚަބަރު

ލޭބަރ ޕާޓީގެ ވަގުތީ ޗެއާޕާސަންއަކަށް ޝިހާމް

މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަން އަކަށް އައްޑޫ މީދޫ ރެޑް ހައުސް، އަހުމަދު ޝިހާމް އިންތިހާބުކޮށްފިއެވެ.

ޝިހާމް ވަގުތީ ޗެއާއަކަށް އިންތިހާބުކޮށްފައިވަނީ އެޕާޓީ ރަޖިސްޓްރީ ކުރުމަށް ރޭ ބޭއްވި އާއްމު ޖަލްސާއަށްފަހު މިއަދު ހެނދުނު ބޭއްވި ޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުމުގައެވެ.

ޝިހާމް އަކީ ޓޫރިޒަމް އެމްޕްލޯއިމެންޓު އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ފަހުން އެޖަމްއިއްޔާ ހިންގެވި ފަރާތެވެ.

މިއަދުގެ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 8 މެމްބަރުންގެ އިއްތިފާގުން އަހުމަދު ޝިހާމް ވަގުތީ ޗެއާޕާސަން އަކަށް އިންތިހާބު ކުރިއިރު ދެ ވައިސް ޗެއާޕާސަނުންވެސް ވަނީ ހޮވާފައެވެ.

ލޭބާ ޕާޓީގެ އާންމު ޖަލްސާގެ ތެރެއިން: ފޮޓޯ – މިހާރު

އެއީ ވައިސް ޗެެއާޕާސަން ޒިޔާދު ރަޝާދު، އޯޝަންވޭކް، ޅ. ހިންނަވަރު އަދި އާލާ އިބްރާހިމް ރަޝީދު، ލޫޒަން، ސ. ހިތަދޫއެވެ.

ޕާޓީގެ ސެކްރެޓަރީ ޖެނެރަލްއަކީ މަޝްހޫރު ގާނޫނީ ވަކީލް އަދި ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ހަސީން އެވެ. ޕާޓީގެ ސްޕޯކްސް ޕާސަން އަކީ މައުރޫފު ޒާކިރުއެވެ.

ލޭބަރ ޕާޓީގެ ކުލައެއްގެ ގޮތުގައި ފާސްކޮށްފައިވަނީ ރަތާއި ކަޅާއި ހުދު ކުލައެވެ. ލޯގޯއަކަށް ހުރީ ބިންގަލެއްގެ މަތީގައި ގާއިމުކުރެވިފައި އިން ފަސް ތަނބެވެ.

ޕާޓީގެ އާންމު ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ހަސީން ވިދާޅުވީ ޕާޓީގެ އަމާޒަކީ މަސައްކަތްތެރިންގެ ހައްގު ލިބެންވާ މިންވަރަށް ހޯދާދިނުން ކަމަށެވެ. އެހެން ޕާޓީތަކުން ކުރިއަރުވަނީ ވެރިންނާއި ވިޔަފާރިވެރިންގެ ވިސްނުން ކަމަށާއި ރާއްޖެ ކުރިއަރައި ދިއުމަށް އެފިކުރު ބަދަލު ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.