Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ވާދަ ކުރާނެ ދާއިރާތަކުގެ އަދަދު ކަނޑައަޅާފައެއް ނުވޭ: ޖޭޕީ

ޕެރެޑައިސް އައިލެންޑު ރިސޯޓު: ޖޫން 22، 2018- ޖުމްހޫރީ ޕާޓީގެ ތިންވަނަ ކޮންގްރެސްގައި އެޕާޓީގެ 400 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާ އިރު މި ކޮންގްރެސްގައި، އެ ޕާޓީގެ ކުރިމަގާ ގުޅޭ މުހިންމު ގިނަ ކަންތައްތަކެއް ވަނީ ފާސްކޮށްފައި، އޭގެ ތެރޭގައި ޕާޓީގެ އިސް މަގާމުތަކާއި ރިޔާސީ ކެންޑިޑޭޓު ހޮވާ އުސޫލުވަނީ ފާސްކޮށްފައި، ފޮޓޯ، ވީމީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނެ ދާއިރާތަކުގެ އަދަދު އަދި ކަނޑައަޅާފައި ނުވާ ކަމަށް އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އަލީ ސޯލިހު މިހެން ވިދާޅުވިއިރު މަޖިލިސް އިންތިހާބުގައި ޖޭޕީން ވާދަކުރާނީ 22 ދާއިރާއަކަށް ކަމަށް، އެ ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަދި ޓެކްނޮލޮޖީ މިނިސްޓަރުކަން ވެސް ކުރައްވަމުން ގެންދަވާ މުހައްމަދު މަލީހު ޖަމާލު އިއްޔެ ވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން އަލީ ސޯލިހު ވިދާޅުވީ ޖޭޕީން އެއްވެސް ދާއިރާއަކަށް ވާދަ ކުރަންވެސް އަދި ނުކުރަންވެސް ނިންމާފައި ނުވާ ކަމަށާއި އަދި ވާދަ ކުރާނޭ ދާއިރާތަކުގެ އަދަދު ވެސް ކަނޑައަޅާފައިނުވާ ކަމަށެވެ.

އަދި ޖޭޕީގެ ވިސްނުމަކީ ކޯލިޝަން ޕާޓީތަކާ އެކު މަސައްކަތް ކުރުން ކަމަށާއި އެހެންކަމުން މިނިސްޓަރު އިޝާރާތްކުރެއްވީ ކޯލިޝަންގެ އެއްބަސްވުމުގައިވާ 22 ދާއިރާ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

ޖޭޕީގެ ޓިކެޓުގައި މަޖިލިސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެ ފުރުސަތު ހަމަވާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

މަޖިލިސް އިންތިހާބުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ މެދުގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް ވާދަކުރަން ނިންމާފައެވެ.