Last Updated: April 26, 06:01
Friday, April 26, 2024
ޚަބަރު

ޕްރައިމަރީގައި މިނިސްޓަރުން ވެސް ވޯޓު ފޮށިތައް ބަލަހައްޓާނެ: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް އަންނަ ހުކުރުދުވަހު ބާއްވާ ޕްރައިމަރީގެ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުން ފެށިގެން، އެންމެހާ އިސްވެރިން ބައިވެރިވެރި ކުރުމަށް އެމްޑީޕީގެ އިންތިޚާބީ ކޮމިޓީން މިއަދު ނިންމައިފިއެވެ.

އެމްޑީޕީން ބުނީ މިފަހަރުގެ އެމްޑީޕީގެ ޕްރައިމަރީގައި ޕާޓީގެ އިސްވެރިންނާއި ދާއިރާތަކުގެ ރައީސުން ކުރިމަތިލައްވާފައިވާތީ އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރައްވާފައިވާތީ، އެހެން ފަހަރުތަކަށް ވުރެ، ވޯޓު ފޮށި ބަލަހައްޓާނެ މަސްއޫލުވެރިން ނެގުމުގައި، އިންތިޚާބީ ކޮމިޓީއިން އިތުރު ސަމާލުކަމެއް ގެންނަންޖެހޭކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

އެގޮތުން ކޮމިޓީން ނިންމާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ މިނިސްޓަރުންނާއި ނައިބުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެމްޑީޕީއަށް ނިސްބަތްވާ ސަރުކާރު ކުންފުނިތަކުގެ ވެރިންފަދަ ސިޔާސީ ބޭފުޅުން މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރި ކުރުމަށް ކަމަށް އެމްޑީޕީން ބުނެއެވެ.

އަދި ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބޭނެ 10 ދާއިރާގެ ކެންޑިޑޭޓުންވެސް ޕްރައިމަރީގެ ކަންކަމުގައި މަޝްޣޫލުވާނެ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މި ފަހަރު 269 ފޮށި ބެހެއްޓޭއިރު، އޮފިޝަލުންގެ ގޮތުގައި 636 ފަރާތެއް އަދި އޮބްޒާވަރުންގެ ގޮތުގައި 1192 ފަރާތެއް ފޯމު ހުށަހަޅާފައިވެއެެވެ.