Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އަމާންކަން ގާއިމުވުމަށް ހެޔޮ ޖީލެއް ބިނާވާން ޖެހޭ: ނައިބު ރައީސް

ދިވެހި ރާއްޖޭގައި އަމަން އަމާން ގާއިމުވުމަށް ހެޔޮ ޖީލެއް ބިނާ ވާން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަލަށް ފަށާފައިވާ ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވަމުން ނައިބު ރައީސް ވިދާޅުވީ މިސަރުކާރުން ކިޔަވާ ކުދިންނަކީ ގައުމަށް ވަފާތެރި، ހެޔޮ ރަނގަޅު ދަރިންނަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަދި މީގެ ކުރީގެ ސަރުކާރަކުން ތައުލީމަށް ހޭދަނުކުރާ ވަރަށް މިސަރުކާރުން ތައުލީމު ފޯރުކޮށްދިނުމަށް ހޭދަ ކުރާނެ ކަމަށާއި އެއީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ސްކޫލްތަކުގެ ކިޔެވުން ފަށާފައިވާއިރު އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ހުރިހާ ސްކޫލެއްގައި ވެސް ކިޔަވަން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާ ކަމަށެވެ.

ސަރުކާރުގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް މިއަދު 25 ސްކޫލެއްގައި ފަށާފައިވާއިރު މި 25 ސްކޫލުން މި ޕްރޮގްރާމް ރަނގަޅު ކުރުމަށް ކުރަން ޖެހޭ ކަންތައް މިނިސްޓްރީން ބަލަމުންދާނެއެވެ.