Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒުކުރަން ދެކޮޅު ހެދި ނަވާޒު ޖޭޕީއަށް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވައި ސުޕްރީމް ކޯޓުގެ ހުކުމެއް ތަންފީޒުކުރަން ދެކޮޅު ހެއްދެވި ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކުރައްވައިިފި އެވެ.

ނަވާޒު ޖޭޕީއަށް ސޮއިކުރެއްވީ މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ.ކުނޫޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ނަވާޒު ވަނީ ޖޭޕީއަށް ސޮއިކުރެއްވި ފޯމު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހަވާލުކުރައްވާފައެވެ.

ނަވާޒު އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރީ 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އޭރުގެ ކޮމިޝަނަރ އޮފް ޕޮލިސް އަރީފު މަސައްކަތް ކުރެއްވުމުން އެބޭފުޅާ މަގާމުން ވަކިކުރެއްވުމަށް ފަހުއެވެ.

އޭގެ ފަހުން ސަލާމަތީ ބާރުތަކުން ސުޕްރީމް ކޯޓުގެ ފުރާޅުގެ ޓިނުތައް ނައްޓާލުމަށް ފަހު، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ހައްޔަރުކުރި އިރު ފުލުހުންގެ އިސް ވެރިޔަކަށް ހުންނެވީ ވެސް ނަވާޒެވެ.