Last Updated: April 26, 23:59
Friday, April 26, 2024
ރިޕޯޓް

ދުންފަތުގެ ދުމުން ތުއްތު ކުދިންނަށް ލިބޭގެއްލުން އެނގޭތަ؟

Bad father is smoking and holding little baby in hands.

ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ ތަފާތު ޖަމިއްޔާތައް މިހާރުވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުފެދިފައެވެ. އެ ޖަމިއްޔާތަކުން ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓުވުމަށް ކުރެވޭ ކެޕްޕޭން ތަކުގެ ސަބަބުން ވަރަށް ގިނަބަޔަކަށް ދުންފަތުން ލިބޭގެއްލުން އެނގި ދުންފަތާއި ދުރަށް ދިއުމަށް މަސައްކަތްކުރެއެވެ. ރާއްޖެއަށް ބަލާއިރު އެކި އެކި ކެމްޕޭންތައް މިކަމާއި ދެކޮޅަށް ކުރާކަމީ ފާހަގަކޮށްލެވޭ ކަމެކެވެ. ޓީވީގެ ޒަރިއްޔާއިންނާއި ރަށުތެރޭގައި ބެހެއްޓޭ ބައެއް ބެނާތަކުން ވެސް ދަނީ ދުންފަތުން ލިބޭ ގެއްލުން ފާހަގަކޮށް އޭގެ މައުލޫމާތު ރައްޔިތުންނާއި ހަމަޔަށް ފޯރުކޮށް ދެވޭތޯ ބަލަމުންނެވެ.

މިވަރަކުން ފުދުނީކީއެއް ނޫނެވެ. ވަކި ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހާ ޖޫރިމަނާ ކުރެވޭފަދަ ގޮތެއް ވެސް ސަރުކާރުން ވަނީ ތައާރަފްކޮށްފައެވެ. އެހެން ނަމަވެސް ސުވާލަކީ އެޔަށް ތަބާވަނީ ކިތައް މީހުންތޯއެވެ؟ ތަބާނުވާ ކިތައް މީހުން މިހާތަނަށް ޖޫރިމަނާ ކުރެވިފައިވޭތޯއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރާ މީހާގެ އިތުރުން ޅަދަރިންނަށް އެ ދުމުގެ ސަބަބުން ކުރާ އަސަރު ނުހަނު ބޮޑެވެ. ބައެއް މައިންބަފައިންނަށް ދުންފަތުގެ ދުމުން ތިމާގެ ޅަދަރިންނަށް ކުރާ ގެއްލުންދެނިވި އަސަރު އެގޭނަމަ ދުންފަތުގެ އިސްތިއުމާލުކުރުން މުޅިންހުއްޓާލާނެކަމީ ޝައްކެއް ހުރި ކަމެއް ނޫނެވެ.

ދުންފަތުގެ ދުމުން ކުޑަކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބެއެވެ. ކުޑަކުދިންގެ ހަށިގަނޑަށް މިގޮތަށް ދުން ވާސިލްވަނީ، އާއިލާގެ ކޮންމެވެސް މީހަކު އެކުދިން ގާތުގައި ވަނިކޮށް ދުންފަތުގެ އިސްތިއުމާލްކުރުމުންނެވެ. ގިނަ ފަހަރަށް ދަރިފުޅު އުރާލައިގެން ހުރެ ބައްޕަ ސިނގިރޭޓް ބޯ މަންޒަރު މަދުން ނަމަވެސް ފެނެއެވެ. ހެޔޮވާނީ ކިހިނަކުންތޯއެވެ.

މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭގެއްލުމުގެ ތެރޭގައި ކުޑަދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިން ދުމުގެ ސަބަބުން ފިޒިކަލްގޮތުން އެދަރިފުޅަށް ގެއްލުން ލިބިއެވެ. މާބަނޑު ދުވަސްވަރު މައިމީހާ ދުންފަތުގެ އިސްތިއުމާލުކުރާނަމަ ނިކޮޓިންއާއި، އެހެނިހެން ވިހަމާއްދާތައް ޕްލެސެންޓާ( މަސް) ހުރަސްކޮށް ކުޑަދަރިފުޅުގެ ލޭގެތެރެއަށް ވާސިލްވެއެވެ. މިކަމުގެ ސަބަބުން ތަފާތު މައްސަލަތައް މެދުވެރިވާގޮތްވެއެވެ. އޭގެ ތެރޭގައި ދަރިފުޅު ބައިގެންދިއުން، ދުވަސް ނުފުރާ ވިހެއުން، ދަރިފުޅުގެ ބަރުދަން ލުއިވުން، ދަރިފުޅުގެ ހަށިގަނޑުގައި އައިބުއުފެދުމުގެ ފުރުސަތު ބޮޑުވުން، ޅަދުވަހު ޖެހޭ ބައެއް ބާވަތުގެ ކެންސަރަށް ހުށަހެޅޭލެއް އަވަސްވުން، ބޮޑުވުން ލަސްވުން ހިމެނެއެވެ.

ކުޑަކުދިންނާއި،ތުއްތު ކުދިންނަށް ދުމުގެ އަސަރުކުރާ މިންވަރު މަތީ ކީއްވެކަން އެނގޭހެއްޔެވެ؟ އެއީ ކުޑަކުދިން ނޭވާލާމިންވަރު އިތުރުވާތީއެވެ. ތުއްތު ކުދިންގެ ފުއްޕާމޭ އޭގެ ފުރިހަމަ ދަރަޖައަށް ބޮޑުނުވެއިނުމުން ހަލާކުވާލެއް ފަސޭހަވެއެވެ. ކުޑަކުދިންނަށް އެކުދިންނަށް ވާގޮތް ކިޔައިދޭން ނޭގުނެއެވެ. އެހެން ކަމުން ކުރިން ފިޔަވަޅެއް އެޅުމުގެ ފުރުސަތު ގެއްލެއެވެ. އަދި މީގެ އިތުރުން މިފަދަ ދުމުން ސަލާމަތް ވުމަށް އެކުދިންގެ ނަފުސު ނުކުޅެދިގެންވެއެވެ.

ބައެއް ދިރާސާތައް ބުނާގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރާ އަންހެނުންގެ ތެރެއިން މާބަނޑުވުމުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވާ އަންހެނުންގެ ތެރެއިން ގިނަބަޔަކު ވިހެއުމަށް ފަހު އަނެއްކާ ވެސް ދުންފަތުގެ އިސްތިއުމާލުކުރަން ފަށައެވެ. މިކަމުގެ ސަބަބުން ލިބިފައިވާ ތުއްތު ދަރިފުޅަށް ވަރަށް ގިނަ މައްސަލަތައް މެދުވެރިވުމަށް މަގުފަހިކުރުވައެވެ. މިގޮތުން ފާހަގަކޮށްލެވޭ ކަންތަކުގެ ތެރޭގައި ކުއްލިއަކަށް ގޮތްނޭގިމަރުވުން ހިމެނެއެވެ. މާބަނޑު ދުވަސްވަރާއި، ވިހެއުމަށް ފަހުވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ލިބޭދަރިން މިގޮތަށް މަރުވުމުގެ ފުރުސަތު ބޮޑެވެ. ނޭވަޔަށް އުދަގޫކުރުމާއި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި، ކަރުތެރެ ފާރުވުން ފަދަ ކަންތަކަށް ހުށަހެޅޭލެން އަވަސްވުމާއި "ގްލޫ އިއަރ" ކިޔާ ކަންފަތުގެ ބައްޔެއް ކުރިމަތިވުން ހިމެނެއެވެ. އެބަލި ކުރިމަތިވުމުން ކުޑަކުދިންނަށް ބީރުވުމުގެ މައްސަލަ ކުރިމަތިކުރުވާ އެއްސަބަބެވެ. އަވަހަށް ވަރުބަލިވެ، ބާރުދެރަވުން މިއީވެސް ދިމާވާ މައްސަލައެކެވެ.

ދުންފަތުގެ ދުމުން ކުޑަކުދިންނަށް ނަފްސާނީ ގޮތުން ކުރާ އަސަރުތަކުގެ ތެރޭގައި ކުޑަކުދިންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނަފްސާނީގޮތުން އެކަމުގެ އަސަރު ދަރިންނަށް ކުރެއެވެ. ގިނަފަހަރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ދަރިން ބޮޑުވުމުން ދުންފަތުގެ އިސްތިއުމާކުރަން ފަށައެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާނަމަ އޭގެ ދުމުން ދަރިން ސަލާމަތްވުމުގެ އިތުރުން ގެއްލުންހުރި މިއާދައާއި، ދަރިން ދުރުކުރުމުގައި އެހީތެރިވެދެއެވެ.

ދުންފަތުގެ ދުމުން ތިމާގެ ދަރިން ސަލާމަތް ކުރާނީ ކިހިނެއް؟

ދުންފަތުގެ އިސްތިއުމާކުރުން މުޅިން ހުައްޓާލުމަކީ މިކަމަށް އޮތް އެންމެ ރަގަޅު ހައްލެވެ. ނަމަވެސް ކުއްލިއަކަށް މިގޮތަށް ހުއްޓާލުން ވަރަށް ގިނަމީހުންނަށް އުދަގޫކަމަކަށްވެއެވެ. އެހެންކަމުން މަޑުމަޑުން ހުއްޓާލެވޭތޯ މަސައްކަތްކުރާށެވެ. އަދި މިގޮތަށް ހުއްޓާލުމަށް މަސައްކަތްކުރާ ދުވަސްވަރު ތިރީގައި މިބަޔާންކުރާ ގޮތަށް އަމަލުކުރެވިދާނެއެވެ.

– ދަރިންގެ ކުރިމަތީގައި ދުންފަތުގެ އިސްތިއުމާލުނުކުރާށެވެ. އެހެނީ މިގޮތަށް ކުރާނަމަ ދަރިންނަށް އެއީ ރަގަޅު އާދައެއް ކަމަށް ވިސްނި، ބޮޑުވުމުން ދުންފަތުގެ އިސްތިއުމާލު ކުރަންފެށުމަކީ ގާތްކަމެކެވެ.

– ގެއިންބޭރުގައި ދުންފަތުގެ އިސްތިއުމާލުކުރާށެވެ. ގޭތެރޭގައި ކުރާނަމަ ކުދިން ވަދެނަހަދާ ތަނެއްގައި ނުވަތަ ބެލްކަނިފަދަ ތަނެއްގައި ހުރެވިދާނެއެވެ.

– ކާރުފަދަ ތަކެތި ބޭނުންކުރާނަމަ އޭގެތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރާށެވެ.

– ހޮޓާ ނުވަތަ ރެސްޓޯރަންޓް ފަދަ ތަންތަނަށްދާއިރު ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ހިސާބެއްގައި އިންނާށެވެ.

– އެހެންމީހުން ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރިޔަ ނުދޭށެވެ. ގޭތެރޭގައި އަޅިކެނޑި ފަދަ ތަކެތި ނުބަހައްޓާށެވެ.