Last Updated: September 18, 11:07
Wednesday, September 18, 2019
ޚަބަރު

ޔާމީނާއި ގާސިމް ގުޅިގެން ނަޝީދަށް މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތް ހެދުމުގެ ފުރުސަތު ބޮޑު!

ގާސިމް އިބްރާހިމް އާއި އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީނާއި، ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ގުޅިގެން އެމްޑީޕީގެ ރައީސް އަދި މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖްލިސްގައި ވާދަ ނުކުރެވޭ ގޮތަށް ހެދުމުގެ ފުރުސަތު ބޮޑުކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ރައީސް ޔާމީނާއި ގާތް ގުޅުމެއް އޮންނަ މަޖްލިސް މެމްބަރަކު "އައްޑޫލައިވް"އަށް ވިދާޅުވީ ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއް ލަޠީފު މުހައްމަދު މަޖްލިސްއަށް ހުށަހަޅާފައިވާ ކުރީގެ ރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް މަޖްލިސްގައި ވާދަ ނުކުރެވޭނެ ގޮތަށް އިންތިހާބާއި ބެހޭ ގާނޫނަށް ހުށަަހަޅާފައިވާ އިސްލާހު ފާސް ކުރެވޭވަރުގެ މެޖޯރިޓީ ޖޭޕީ އާއި ޕީޕީއެމް އެއްކޮށްލުމުން މަޖްލިސްގައި އެބައޮތް ކަމަށެވެ.

"މިހާރު މިފެންނަނީ ގާސިމް އާއި އިދިކޮޅު ފަރާތްތަށް ކޯލިޝަން ހަދަން އުޅޭތަން، ޖޭޕީ އެމްޑީޕީ ކޯލިޝަންއިން ވަކިވާތަން، އެހެންވީމާ މިއީ އެހާ އުނދަގޫ ކަމެއް ނޫން، އަދި މަޖްލިސްގެ ދައުރު ނިމެން މަސްތަކެއް އެބައޮތް، ވަރަށް ބޮޑަށް ބެލެވޭ އެ އިސްލާހު މަޖްލިސް ތެރެއިން ފާސްވެގެންދާނެ ކަމަށް، އެރޫހުގައި ތިއްބެވި މެމްބަރުން ގިނަ"

މެމްބަރު ވިދާޅުވީ ލީޑަރުންގެ ވިސްނުން ހުރީ ހުކުރު ދުވަހު ބޭއްވުނު އެމްޑީޕީ މަޖްލިސް ޕްރައިމަރީން ނާކާމިޔާބުވި މެމްބަރުންގެ ބޭނުންވެސް މިކަމުގައި ނެގުމަށެވެ. އޭނާ ބުނީ އެމްޑީޕީ ޕްރައިމަރީ އާއި ގުޅިގެން ޕާޓީގެ އެތެރެއަށް ލޮޅުންތަކެއް އަރާފައިވާ ކަމަށާއި މެމްބަރުންގެ މެދުގައިވެސް ރައީސް ނަޝީދާއި މެދު ހިތް ހަމަ ނުޖެހުން ހުރި ކަމަށެވެ.

ރިޔާސީ އިންތިހާބަށް ފަހު ގިނަ މަޖްލިސް މެމްބަރުންތަކެއް ވަނީ ޖުމްހުރީ ޕާޓީ އާއި ގުޅިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ޓިކެޓުގެ ބޭނުމުގައި ޖުމްހުރީ ޕާޓީ އާއި ގުޅުނު މެމްބަރުންނާއި އެކު ޖޭޕީ ވަނީ ޕީޕީއެމް ފިޔަވައި އެންމެ ގިނަ މަޖްލިސް މެމްބަރުން ތިބި ޕާޓީއަށް ބަދަލުވެފައެވެ. ޖޭޕީގައި މިހާރު 22 މަޖްލިސް މެމްބަރުން އެބަތިއްބެވެ. އަދި މަޖްލިސްގެ ރައީސަކީ ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއެވެ.

މެމްބަރު ވިދާޅުވީ ރައީސް ޔާމީނާއި ގާސިމް ގުޅިގެން އަންނަ މަޖްލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ވަރަށް އަވަހަށް ގޮތެއް ނިމިގެންދާނެކަމަށެވެ.

ޖުމްހުރީ ޕާޓީ ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވެ އިދިކޮޅު ފަރާތްތަކާއި ގުޅުމަށް ވާހަކަ ދައްކަމުން އަންނަ އިރު ފަހަކަށް އައިސް ގާސިމްގެ ބަހުގެ ހަމަލާތައް އެންމެ ގިނައިން އަމާޒުކޮށްފައިވަނީ ރައީސް ނަޝީދަށެވެ. ގާސިމްގެ ބަހުގެ ހަމަލާތައް ނަޝީދަށް ދެމުން ގެންދާއިރު ޕީޕީއެމް އާއި ރައީސް ޔާމީންގެ ފަރާތުން ގާސިމްއަށް ދަނީ ތައުރީފު ކުރަމުންނެވެ.

ސިޔާސީ ބައެއް ފަރާތްތަކުންވެސް ވަނީ ލަޠީފު މަޖްލިސްއަށް ހުށަހެޅި ބިލަކީ ގާސިމް އިބްރާހިމް ފަހަތުގައި ހުންނަވައިގެން ހުށަހެޅި ބިލެއްކަމަށް ތުހުމަތުކޮށްފައެވެ.

ލަޠީފު ހުށަހެޅި ބިލާއި ގުޅިގެން އެމްޑީޕީ އާއި ޖުމްހުރީ ޕާޓީގެ ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ. އަދި މިހާރު މަންޒަރު ފެންނަ ގޮތުން ބިލް ފާސް ކުރުމަށް ޖޭޕީ އާއި އިދިކޮޅު ޕީޕީއެމް މެމްބަރުން މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުކަމަށް މެމްބަރު ބުންޏެވެ.

މިކަމާއި ގުޅިގެން ޖުމްހުރީ ޕާޓީގެ ބަހެއް އަދި ޕީޕީއެމްގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.