Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

މަޖިލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރޭނަން: ލޭބާ ޕާޓީ

ލޭބާ ޕާޓީގެ އިސް ބޭފުޅުން: ފޮޓޯ: ލޭބާ ޕާޓީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކެންޑިޑޭޓުން ނެރޭނެ ކަމަށް މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފިއެވެ.

ލޭބާ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ތަރުޖަމާނު މައުރޫފް ޒަކީ ވިދާޅުވީ މަޖިލިސް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން 10 ނުވަތަ 15 ދާއިރާއަކަށް ކެންޑިޑޭޓުން ނެރޭނެ ކަމަށާއި ޕާޓީގެ ނަމުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"އެ ފުރުސަތު އަޅުގަނޑުމެން ދޭނީ ޕާޓީގެ ލީޑަޝިޕް ކޮމިޓީގައި ކުރެވޭ މަޝްވަރާތަކެއްގެ މަތިން. އަދި އޭގެ އިތުރުން ޕާޓީގެ ސިޔާސަތުތަކާއި، ޕާޓީގެ ފިކުރާއި އަސާސްތަކާއި ފުށުނާރާ ގޮތަށް ގޮތުން މަތީން، އެފަދަ އިންޓަގްރިޓީ ހުރި ފަރާތްތަކަށް އެ ފުރުސަތު ޕާޓީގެ ފަރާތުން ދޭނީ" މައުރޫފް ވިފާޅުވިއެވެ.

މީގެއިތުރުން މަޖިލީހުގެ 87 ދާއިރާއަށް ކުރިމަތިލާ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ލޭބާ ޕާޓީގެ ލީޑަޝިޕް ކޮމިޓީ އަށް ފެންނަ ފަރާތްތަކަށް ވެސް ތާއީދުކުރާނެ މައުރޫފް ވިދާޅުވިއެވެ. ނަމަވެސް އެ ޕާޓީން ތާއީދުކުރާ ފަރާތްތަކުގެ ކިބައިގައި ވަކި ކަހަލަ ޝަރުތުތަކެއް ހުންނަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަސައްކަތްތެރިންގެ ހައްގުތަކަށް އިހްތިރާމްކޮށް، އިންޓަގްރިޓީ ހުރި އަދި މި ޕާޓީގެ ލީޑާޝިޕް ކޮމެޓީއަށް ފެންނަ ފަރާތްތަކަށް މި ޕާޓީން ތާއީދު ކުރާނެ. އެ ފަރާތަކީ އަދި ކޮންމެ ސިޔާސީ ޕާޓީއެއްގައި ހުރި އަދި ކޮންމެ ސިޔާސީ ފިކުރެއްގައި ހުރި ފަރާތެއް ކަމުގައި ވިޔަސް އެ ފަރާތަކަށް މި ޕާޓީން ތާއީދު ކުރުމުގެ ފުރުސަތު އެބައޮތް" މައުރޫފް ވިދާޅުވިއެވެ.

ލޭބާ ޕާޓީއަކީ ސަރުކާރާއި އެއްކޮޅު އަދި އިދިކޮޅު ޕާޓީއެއް ވެސް ނޫން ކަމަށާއި އެ ޕާޓީ ވެގެންދާނީ އެ ޕާޓީން ދަމަހައްޓާ އުސޫލުތައް ސަރުކާރުން ދަމަހައްޓާނަމަ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދޭނެ ޕާޓީއަކަށް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.