Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ސްރީލަންކަންގެ ދަތުރުތައް ހުއްޓާ ނުލައި ކުރިއަށް ގެންދަން މަޝްވަރާކޮށްފި

ސްރީލަންކަން އެއާލައިންސްއިން ގަމަށް ފަތުރުވެރިން (2018) / ފޮޓޯ: އައްޑޫލައިވް

ސ. ގަމާއި ކޮލަމްބޯ އާއި ދެމެދު ސްރީލަންކަންއިން ކުރަމުންދާ ދަތުރުތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ކަމާއި ބެހޭ ފަރާތްތަކުން މަޝްވަރާ ފަށައިފިއެވެ.

"އައްޑޫލައިވް"އަށް އެނގިފައިވާ ގޮތުގައި ސްރީލަންކަންއިން ގަމަށް ކުރަމުންދާ ދަތުރުތައް މެދުކަނޑާލަން ޖެހިދާނެކަމަށް ސްރީލަންކަން ރާއްޖޭގައި އޮޕަރޭޓު ކުރާ އޭސް އޭވިއޭޝަން މޯލްޑިވްސްއިން ބުނުމާއި ގުޅިގެން ސިވިލް އޭވިއޭޝަން އާއި ސަރުކާރުގެ ގުޅުންހުރި ފަރާތްތަކުން ވަނީ އެކަން ދެމެހެއްޓުމާއި ގުޅޭ މަޝްވަރާތައް ފަށާފައެވެ.

ސިވިލް އޭވިއޭޝަން އިން ވަނީ މިކަމާއި ގުޅުން ހުރި ފަރާތްތަކާއި އެކު މިއަދު ހެނދުނު މަޝްވަރާކޮށްފައެވެ. އަދި މިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށް ހުރި ގޮންޖެހުންތައް ބަލައި އެކަން ހައްލު ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ ދެ އަހަރު ކުރިން ގަމަށް އޮޕަރޭޓު ކުރަން ފެށި ސްރީލަންކަންގެ ދަތުރުތައް މެދުކަނޑާލުމުގެ އިޝާރާތެއް ކޮށްފައިވަނީ ކަމާއި ގުޅުން ހުރި ފަރާތްތަކުން ހައްލު ކުރަންޖެހޭ ގިނަ ކަންކަން ހައްލު ނުވުމާއި ގެއްލުމުގައި އޮޕަރޭޓު ކުރަން ޖެހުމުގެ ސަބަބުންނެވެ.

އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވީ ގަމަށް ކުރާ ދަތުރުތައް ހުއްޓާލުމަށް އެއްގޮތަކަށްވެސް ބޭނުން ނުވާ ކަމަށާއި، މިއީ އައްޑޫ ރައްޔިތުންނާއި ދެކުނު ތަރައްޤީ އާއި ގުޅުން ހުރި ކަމެއް ކަމަށެވެ. ނަމަވެސް ދަތުރުތައް ދެމެހެއްޓުމަށް ހަމަޖެހެން ޖެހޭ ގިނަކަންކަން އަދިވެސް ހައްލު ނުކުރެވިވާކަން ފިރާގު ފާހަގަކުރެއްވިއެވެ.

ސްރީލަންކަންގެ ދަތުރުތައް ފެށުމާއި ގުޅިގެން ގިނަ އަދަދެއްގެ ފަތުރުވެރިންވަނީ ސްރީލަންކަން އިން އައްޑޫއަށް އައިސްފައެވެ. މި ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ސްރީލަންކަންގެ ދައުރު ބޮޑު އިރު މިހާރުވެސް އިމިގްރޭޝަނުން ގިނަ ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.

ފިރާގު ވިދާޅުވީ މިހާރު ހުރި މައްސަލަތަކަކީ ފަސޭހައިން ހައްލު ކުރެވޭނެކަންކަމަށްވިޔަސް އެކަންކަން ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

ހަފްތާއަކު ތިން ފްލައިޓު ސްރީލަންކަންއިން މިހާރު އަންނަނީ ގަމަށް ބާއްވަމުންނެވެ.