Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

100 ދުވަހުގެ ވައުދުތައް ފުއްދުމަށް އެއްބާރުލުން ދޭނަން: ޖަޕާން

ޖަޕާން ސަފީރު ނައިބު ރައީސްއާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތައް ފުއްދުމަށް ޖަޕާނުން އެއްބާރުލުން ދެއްވާނެ ކަމަށް، ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވެއްޖެއެވެ.

ޖަޕާނު ސަފީރު މިހެން ވިދާޅުވީ ނައިބު ރައީސް ފައިސަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ޖަޕާނު ސަފީރު ވަނީ ސަރުކާރުން ކުރިއަށްގެންދަވާ 100 ދުވަހުގެ ވަޢުދުތައް ފުއްދުމުގައި ގެންގުޅުއްވާ ސިޔާސަތުތަކަށް ތަޢުރީފުކުރައްވާފައެވެ. އަދި އެކަންތައްތައް ޙާޞިލުކުރުމުގައި ޖަޕާނުން ވެދެވެން އޮތް އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ވެސް ސަފީރު ދެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ނައިބު ރައީސް ވަނީ ޖަޕާނުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް މަގުބޫލު މަންޒިލެއްގެ ގޮތުގައި ޖަޕާނަށް ތަޢާރަފު ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައިފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފައެވެ. އެގޮތުން ވިޔަފާރީގެ ރޮނގުންނާއި، ތައުލީމީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާގެ އިތުރުން ސިއްޙީ ދާއިރާއިން ކުރެވެންހުރި ކަންތައްތަކާމެދު ވާހަކަފުޅު ދެއްކެވިއެވެ.

އަދި ދެ ބޭފުޅުންވެސް ވަނީ ދެޤައުމަށް މަންފާކުރާނެ ފުރުޞަތުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވައިފައެވެ.