Last Updated: April 26, 23:59
Friday, April 26, 2024
ކުޅިވަރު

ބަހްރެއިން ބަލިކޮށް ކޮރެޔާ ކުއާޓާ އަށް

މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލަށް ދެކުނު ކޮރެޔާ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް ކޮރެޔާ ދަތުރުކުރީ ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުގައި ބަހްރެއިންއާ ބައްދަލުކޮށް 1-2 އިން ކުރި ހޯދައިގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ކޮރެޔާ އިންނެވެ. މި ގޯލު މެޗުގެ 43 ވަނަ މިނެޓްގައި ކޮރެޔާ އަށް ކާމިޔާބުކޮށްދިނީ ވަންގް ހީ ޗަންއެވެ. ނަމަވެސް މެޗުގެ 77 މުހައްމަދު އަލް ރޮމައިހީ ވަނީ ބަހްރެއިން އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ކޮރެޔާ ކޮޅަށް ވަތް ފުރަތަމަ ގޯލުވެސް މެއެވެ.

މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވިއިރު ދެ ޓީމު ވެސް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފެވެ. އެގޮތުން 15 މިނެޓްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ކިމް ޖިންސޫ ވަނީ މި މެޗުން ކޮރެޔާ މޮޅުވި ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ކުއާޓާ އަށް އެޓީމު ގެންގޮސްދީފައެވެ.

މި މުބާރާތް މީގެކުރިން ދެ ފަހަރެއްގެ މަތިން ދެކުނު ކޮރެޔާ އިން ކާމިޔާބުކޮށްފައިވާއިރު، އެޓީމަށް މި މުބާރާތް އެންމެފަހުން ކާމިޔާބު ކުރެވުނީ 1960 ވަނަ އަހަރުއެވެ.

މުބާރާތުގެ ކުއާޓާގައި ކޮރެޔާ ބައްދަލުކުރާނީ ގަތަރާއެވެ. ގަތަރު ކުއާޓާ އަށް ދަތުރުކުރީ އިރާގުގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.