Last Updated: April 26, 15:47
Friday, April 26, 2024
ޚަބަރު

މަރުތައް ބަލާ ކޮމިޝަނަށް އާ މެމްބަރަކު އައްޔަން ކޮށްފި

އަހުމަދު ނާޝިދު - ފޮޓޯ: ރައީސް އޮފީސް

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުގެ މެންބަރުކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާ ބޭފުޅަކު ޢައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަނަށް ޢައްޔަނުކުރެއްވީ މއ. ގޯލްޑަންމޫން އަޙްމަދު ނާޝިދު ކަމަށެވެ.

އެ ކޮމިޝަނަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރެއްވީ އެ ކޮމިޝަންގެ މެމްބަރަކަށް ކުރިން ހުންނެވި އަބްދުﷲ މުނާޒު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާތީއެވެ. މުނާޒް އެ ކޮމިޝަނުން އިސްތިއުފާ ދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ވަޑައިގަތުމަށެވެ.

ކޮމިޝަނަށް މިއަދު އައްޔަން ކުރެއްވި ނާޝިދަކީ ގިނަ އަހަރުތަކެއްވަންދެން ޤައުމީ ދިފާއީ ބާރާއި ފުލުހުންގެ އިދާރާގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި މާރާލެވޭ މީހުންގެ މައްސަލަތައް ތަހުގީގުކުރާ އިސްވެރިޔާގެ ދައުރުވެސް ނާޝިދު ވަނީ އަދާކުރައްވާފައެވެ.

ނާޝިދު ވަނީ ކުށް ތަހުގީގުރުމުގެ ދާއިރާއިން ތާފާތު އެކި ތަމްރީނުތަށް ވެސް ހާސިލުކުރައްވާފައެވެ. މީގެ ތެރޭގައި އިންޑިޔާގެ ހައިދަރއާބާދުގައި ހުންނަ ސެންޓްރަލް ޑިޓެކްޓިވް ސްކޫލުން ސްއެޑްވާންސްޑް ސައިންޓިފިކް މެތަޑްސް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޯހާއި، ފްރާންސްގެ ލައިއޮންސްއިން އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ އޮފިސަރސް ޓްރެއިނިންގާއި، ސިންގަޕޫރާއި ޖަޕާނުން ކޮބަން ސިސްޓަމް އޮފް ޖަޕާން އެންޑް ނެއިބަރހުޑް ޕޮލިސް ޕޯސްޓް ސިސްޓަމާ ބޭހޭ ތަމްރީނުތައް ހިމެނެއެވެ.

ނާޝިދުގެ އިތުރުން އެ ކޮމިޝަންގައި ދެން ހިމެނޭ މެމްބަރުންނަކީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާއި އާދަމް އިބްރާހީމާއި ގާނޫނީ ވަކީލު ފަރީޝާ އަބްދުﷲ އާއި ކުރީގެ ނޫސްވެރިޔާ މިސްބާހް އައްބާސްއެވެ.