Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ސުއޫދުގެ މައްޗަށް ދައުވާ ކުރެވޭނީ ޕީޖީ އަށް އެކަނި: ނަޝީދު

ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ކޮމިޝަނުގެ ރައީސް، ހުސްނުއް ސުއޫދުގެ މައްޗަށް ދައުވާ ކުރެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެކަނި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުއޫދުގެ މައްޗަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ދައުވާ ކުރެވޭނީ ޕީޖީ އޮފީހުން ދައުވާ އުފުލުމުން ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވިއިރު ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް ވާހަކަދެއްކެވި ކަމަށް ބުނެ، ސުއޫދުގެ މައްސަލައެއް އެ ކޯޓުން މިހާރު އަންނަނީ ބަލަމުންނެވެ. ސުއޫދުގެ މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ގާޒީންގެ ބެންޗެއް ވެސް އެކުލަވާލާފައެވެ.

ސުއޫދުގެ މައްސަލަ ބަލަން ކްރިމިނަލް ކޯޓުން ފަށާފައިވާއިރު، މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުއޫދު ވަނީ ކުރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުން ތިއްބަވައިގެން އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމާއި، ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް ފޯރާވާފައި އެބަހުރި ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ފަނޑިޔާރުންގެ ސެކިއުރިޓީންނަށް ވެސް ބައެއް ގޭންގުތަށް ބޭނުންކޮށްފައި އެބަހުރި ކަމަށާއި އަދި ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ވެސް ގޭންގުތަކުގެ ނުފޫޒު އޮންނަ ކަމަށާއި މި ކަންކަމާ ގުޅިގެން ކޯޓުތަކަށް އިތުބާރެއް ނެތް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ބުނީ ސުއޫދުގެ މި ވާހަކަތަކަކީ ކްރިމިނަލް ކޯޓުގެ ހުރުމަތާއި، ކަރާމާތާއި ހައިބަތު ނަގާލައި، ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.